މިއަދަކީ (3 ޖޫން 2019، ހޯމަ ދުވަހަކީ) 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ގޮތުން ބަލާއިރު މި އަހަރުގެ ރަމަޟާން މަސް ފުރިހަމަވެ، ޝައްވާލު މަހުގެ ހަނދު އުފަންވާނީ ރާއްޖޭ ގަޑިން މިއަދުގެ ހަވީރު 3:02 ގައެވެ.
ދިވެހިރާއްޖޭގައި ޝައްވާލު މަސް ފެށުމުގައި ޢަމަލު ކުރާ އުޞޫލަކީ ފަލަކީ ހިސާބުތަކުން، ދިވެހިރާއްޖެ އަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެ ނަމަ ދެން އަލިވިލޭ ދުވަހަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅުމެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެ އަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެއެވެ. މާލެއާއި އައްޑުއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 4 މިނެޓު ފަހުންނެވެ. ހަނިމާދޫއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 3 މިނެޓު ފަހުންނެވެ. އެހެންނަމަވެސް މި ވަރު ވަގުތުކޮޅެއް ލިބިގެން ހަމަލޮލަށް ހަނދު ފެނުމުގެ ފުރުޞަތު ވަރަށް ހަންޏެވެ.
އިސްލާމީ އެހެން ގައުމުތަކަށް ބަލާ އިރު، މެލޭޝިޔާގެ ކުއާލާލަމްޕޫރަށް އިރު އޮއްސުމުގެ 1 މިނެޓް ކުރީން ހަނދު އޮއްސޭނެއެވެ. އިންޑޮނޭޝިޔާގެ ޖަކާޓާއަށް ހަނދު އޮއްސޭނީ އިރާ ދާދި އެކުއެކީގައެވެ. ތުރުކީގެ އިސްތަންބޫލަށް ހަނދު އޮއްސޭނީ އިރަށް ވުރެ 3 މިނެޓް ފަހުންނެވެ. މާތް ވެގެން ވާ މައްކާއަށް ހަނދު އޮއްސޭނީ އިރަށް ވުރެ 6 މިނެޓް ފަހުންނެވެ. ސޫދާނުގެ ޚަރްޠޫމަށް ހަނދު އޮއްސޭނީ އިރަށް ވުރެ 8 މިނެޓް ފަހުންނެވެ. މޮރޮކޯގެ ކަސަބްލަންކާއަށް ހަނދު އޮއްސޭނީ އިރަށް ވުރެ 12 މިނެޓް ފަހުންނެވެ. އިސްލާމީ ދުނިޔޭގެ އެންމެ ހުޅަނގަށް އޮތް ސެނެގާލްގެ ޑާކާރަށް ހަނދު އޮއްސޭނީ އިރަށް ވުރެ 17 މިނެޓް ފަހުންނެވެ.
އިރު އޮއްސުމަށް ފަހު އެންމެ ގިނަ ވަގުތު ހަނދު ފެންމަތީގައި ހުންނަނީ އިސްލާމީ ގައުމުތަކުގެ ތެރެއިން ސެނެގާލަށެވެ. އެހެންނަމަވެސް އެ ގައުމަށް ވެސް ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު ކުޑަ އެވެ.
އެމެރިކާ ބައްރުގެ ގައުމުތަކަށް ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު އެބަ އޮތެވެ. މި ގޮތުން އިކުއެޑޯގެ އެސްމެރަލްދަސް އަށް ހަނދު އޮއްސޭނީ އިރަށް ވުރެ 29 މިނެޓް ފަހުންކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް މިއީ އިސްލާމީ ގައުމުތައް ނޫން ކަމުން، މި އިން ގައުމަކަށް ހަނދު ފެނުނު ނަމަވެސް ހަނދު ސާބިތު ވީ ކަމަކަށް ދިވެހިރާއްޖޭގައި އަމަލު ކުރާ އުސޫލަށް ރިއާޔަތް ކުރާ އިރު ނުނިންމޭނެ އެވެ.
ދިވެހިރާއްޖޭގައި ކަލަންޑަރު ހަދާއިރު، ބަލަނީ އިރު އޮއްސުމުގެ ފަހުން އެއްމެ މިނެޓަކަށް ހަނދު ފެންމަތީގައި ހުރި ނަމަވެސް މަސް ފެށުނީ ކަމަށެވެ. މިހެންކަމުން ހަމަ ލޮލަށް ފެނިގެން ހަނދު ސާބިތު ކުރާން ޖެހޭ މަސްމަސް ބައެއް ފަހަރު ކަލަންޑަރާ ތަފާތު ވާނެއެވެ.
ކޮންމެއަކަސް، ފަލަކީ ހިސާބަށް ބުރަވާ ބައެއް ގައުމުތަކާއި ޖަމާއަތްތަކުން މާދަމާއަކީ ފިޠުރު އީދު ދުވަސްކަމުގައި އިއުލާން ކޮށްފައިވީ ނަމަވެސް، އަދި ކަލަންޑަރުގައި މާދަމާއަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމުގައި އޮތް ނަމަވެސް، ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ދިވެހިރާއްޖޭގައި ޢަމަލު ކުރާ އުސޫލަށް ބުރަވާ އިރު މާދަމާއަކީ ފިޠުރު އީދު ދުވަސްކަމުގައި ވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.