މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު އަމީން މަގާމުން ދުރުކޮށްފި

މޯލްޑިވިއަންގެ ޑިރެކްޓަރު ޕައިލެޓް އެޕަރޭޝަންސް މުހައްމަދު އަމީން ---

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން އެމަގާމުން ދުރުކޮށްފި އެވެ.

މިދިޔަ ފެބުރުއަރީ މަހު އަމީން ވަނީ ފްލައިޓް އޮޕަރޭޝަންސްގެ ދަށުން ބަލަހައްޓަމުން އަންނަ ޕައިލެޓުންގެ ކަންކަމުން އެއް ފަރާތްކޮށްފަ އެވެ. އެގޮތަށް އެކަން ކޮށްފައިވަނީ އަމީން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޕައިލެޓުން އިހުތިޖާޖު ކުރުމުންނެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް 'ސަން' އަށް ވިދާޅުވީ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން އަމީން ދުރުކުރަން ނިންމީ މޯލްޑިވިއަންގެ ބޯޑުން އެގޮތަށް ލަފާ ދިނުމުން ކަމަށެވެ. އެކަމަކު އޭނާ ވަޒީފާއިން ވަކި ނުކުރާ ކަމަށް ވަސީމް ވިދާޅުވި އެވެ.

"ފްލައިޓް އޮޕަރޭޝަންސްގެ ހާލަތު ބެލުމަށް ފަހު ބޯޑުން ލަފާ ދިނީ ހާލަތު ބަދަލު ކުރަންޖެހޭ ކަމަށް. އެގޮތުން ރި ސްޓްރަކްޗާ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް. އެގޮތުން ބޯޑުން ދިން ލަފާގެ މަތިން އަމީން ދުރުކުރަން ނިންމީ. އޭގެ އިތުރުންވެސް ރި ސްޓްރަކްޗަ ކުރަން ޖެހޭ ގިނަ ކަން ކަން ހުރިކަމަށް ބޯޑުން ލަފާދިން . އެހުރިހާ ކަމެއްވެސް ތަންފީޒު ކުރަމުން ދާނެ،" މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވި އެވެ.

އަމީނާ މެދު ޕައިލެޓުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ހަޑިހުތުރު ބަހުން މުވައްޒަފުންނާ ވާހަކަ ދެއްކުމާއި މުވައްޒަފުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް