ރަމަޟާން މަސް ނިމުނުކަމުގައިވިޔަސް އަޅުކަމާއި ހެޔޮ ޢަމަލު ކުރުން ނިމިގެންނެއް ނުދެއެވެ. ހެޔޮ އަމަލުތަކުގެ ދޮރުތައް ބަންދުވެގެނެއްވެސް ނުދެއެވެ. ފަރުޟު އަޅުކަމުގެ އިތުރުން، ސުންނަތް ނަމާދުތަކާއި ސުންނަތް ރޯދައާއި އަދި އެނޫންވެސް ސުންނަތްވެގެންވާ އަޅުކަމުގެ ފުރުސަތުތައް އެބައޮތެވެ. ހެޔޮ ޢަމަލު ކުރުންމަތީ ދެމިތުބުމަކީ ކޮންމެ މުސްލިމެއްގެ ޢަމަލުތައް ހުއްނަންޖެހޭނޭ ގޮތެވެ. ނަފްސު ތާހިރުކުރުމަށް ރައްކާތެރިވެ، ފާފައިން އެއްކިބާވެ ދީން މަތީގައި ސާބިތުވުމަށް ކުރެވޭ މަސައްކަތަކީ ވަކި ދުވަސްވަރަކަށް ވަކި މައްސަރަކަށް ޚާއްސަވެފައިވާ ކަމެއް ނޫނެވެ.
ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެގެން ދާ ހިނދު، އެންމެގެވެސް ދުޢާއަކީ އެ މައްސަރުގައި ކުރެވިފައިވާ ހެޔޮ ޢަމަލުތައް މާތްﷲ ޤަބޫލުކުރެއްވުމެވެ. ކޮށްފައިވާ ހެޔޮ ޢަމަލުތައް މާތްﷲގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާކަމުގެ އެންމެ ބޮޑު ޢަލާމާތަކީ އިތުރު ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. ރަމަޟާންމަސް ނިމުމާއެކު ސުންނަތް ރޯދައަށް ހުރުމުގެ ހިތްވަރު ލިބި، ނަމާދުތަކަށް ފުރުވާ ކުޑަނުކޮށް ދެމިހުރެވުމަކީ ހެޔޮކަމުގެ މައްޗަށް ހެޔޮކަން އިތުރުވެގެންދާ ކަމެކެވެ. ހެޔޮ ޢަމަލަކަށްފަހު އިތުރު ހެޔޮ ޢަމަލު ކުރުމުގެ ހިތްވަރު ލިބިގެންދިޔުމަކީ، ކުރިން ކުރެވުނު ޢަމަލުތައް ޤަބޫލުކުރެއްވިގެންވާކަމުގެ ހެއްކެކެވެ. ހަމައެފަދައިން ހެޔޮ ޢަމަލު ކުރުންމަތީ ހުރުމަށްފަހު، ފާފަތަކުގެ ތެރެއަށް އެނބުރި ދިޔުމަކީ، ކުރިންކުރި ހެޔޮ ޢަމަލުތައް ޤަބުލޫ ނުކުރެއްވޭކަމުގެ ހެއްކެކެވެ.
ހަ ރޯދައިގެ މާތްކަން
ޝައްވާލު މަހު ހަ ރޯދަ ހިފުމުގެ މާތްކަން ނަބިއްޔާ صلى الله عليه وسلم ވަނީ އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިއެވެ. "مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ" متفق عليه މާނައީ: "ރަމަޟާންމަހުގެ ރޯދަ ހިފުމަށްފަހު، ޝައްވާލުމަހުން ހަދުވަހު ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ."
ޝައްވާލު މަހުހިފާ ހަ ރޯދައިގެ ސަވާބު މުޅި އަހަރު ދުވަހު ރޯދައަށް ހުރުމުގެ ސާވާބާ އެއްވަރުވަނީ ކީއްވެގެންތޯ ސުވާލު ކުރެވިއްޖެނަމަ، ޖަވާބަކީ ކޮންމެ ހެޔޮކަމަކަށް މާތްﷲގެ ޙަޟުރަތުގައި ދިހަ ހެޔޮކަން ދެއްވާނޭކަމުގައިވަނީ އަންގަވާފައެވެ. އެހެންވުމުން ރަމަޟާންމަހުގެ ރޯދައާއި ޝައްވާލު މަހުގެ ހަ ރޯދައަކީ 360 ދުވަހު ރޯދައަށް ހުރުމާ އެއްފަދަ ކަމެކެވެ. އެއީ ގާތްގަނޑަކަށް އެއްއަހަރުގެ ރޯދައެވެ. ހެޔޮ ޢަމަލުތަކަށް މާތްﷲގެ ޙަޟުރަތުގައިވާ ދަރުމަޔާއި ސަވާބު އެއަށްވުރެންވެސް މަތިވެރިވެގެންވާކަން ކަށަވަރެވެ.
ފާހަގަކޮށްލަންޖެހޭކަމަކީ ސުންނަތް އަޅުކަމަކީ ފަރުޟުއަޅުކަމުން އުނިވާބައި ފުރިހަމަކޮށްދޭ ކަމެކެވެ. ޤިޔާމަތްދުވަހު ހިސާބު ބެއްލެވޭ ހިނދުގައި، އަޅުތަކުންގެ ސުންނަތް އަޅުކަން ހުރިނަމަ، އެ ސުންނަތް އަޅުކަމުން، ފަރުޟުތަކުގެ އުނިވެފައިވާ ބައި ފުރިހަމަކޮށްދެއްވުމަށް މާތްﷲ އަމުރުކުރައްވާނޭކަމުގައި ޞައްޙަ ޙަދީޘްފުޅުތަކުގައި ރިވާވެގެންވެއެވެ.
ހަ ރޯދަ ހިފަންފަށާނީ ކޮން އިރަކުން؟
ހަ ރޯދަ ހިފަންފެށުން މޮޅު އިތުރުވެގެން ވަނީ ޢީދު ދުވަހާ ޖެހިގެން، ދެން އޮންނަ ދުވަހުން ފެށިގެންނެވެ. ޝައްވާލުމަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. ތިމާ ރޯދައިގެ އަޅުކަމަށް ފަރިތަވެ އާދަވެފައިވަނިކޮށް މިއަޅުކަން ފުރިހަމަކޮށްލުން ބުއްދިވެރިއެވެ. ހަ ރޯދަ ހިފުން ފަސްކުރުމުން އެހެންކަންކަން ކުރިމަތިވެ، ބުރަވެ، ކަންނެތްވެގެންނަމަވެސް ހަ ރޯދަ ހިފުމަށް ހުރަސް އެޅޭ އެތައްކަމެއް ކުރިމަތިވުން އެކަށީގެންވެއެވެ.
ނަމަވެސް ޝައްވާލު މަހުގެ ކޮންމެ ދުވަހެއްގައި ހަ ރޯދަ ހިފިކަމުގައިވީނަމަވެސް މި މަތިވެރި އަޅުކަން ފުރިހަމަ ކުރެވުނީއެވެ. ވިދިވިދިގެން ހިފުމުގެ ބަދަލުގައި ވަކިވަކިން ރޯދަ ހިފިކަމުގައި ވިޔަސް އެންމެ ރަނގަޅެވެ.
ޤަޟާކުރަންޖެހިފައިވާ ރޯދައެއް އޮއްވާ ހަ ރޯދަ ހިފުން
ރަމަޟާންމަހުން ދޫވެފައިވާ ރޯދަތަކެއް ޤަޟާކުރަން ޖެހިފައި ވާ ނަމަ، އެންމެ ފުރިތަމަ އިސްކުރުން އައުލާވެގެން ވަނީ ފަރުޟު އަޅުކަމެވެ. ފަރުޟު އަޅުކަން ކުރުމަށް ފުރުސަތު ލިބި އެ އަޅުކަން އަދާނުކޮށް ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެފަދަ ހާލަތެއްގައި ހުއްޓާ ތިމާގެ އަޖަލުއައިސް ޖެހިއްޖެނަމަ، ފަރުޟު އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބި ނުކޮށް ގަސްތުގައި ލަސްކުރުމަކީ ތިމާ ފާފަވެރިވާނޭކަމެކެވެ.
ހަ ރޯދައާއި ޤަޟާކުރަންޖެހިފައިވާ ރޯދައެއް ނިޔަތެއްގައި ހިފިދާނެތޯ؟
ހަ ރޯދައާއި ޤަޟާކުރަން ޖެހިފައިވާ ފަރުޟު ރޯދަ އެކުގައެއް ނުހިފޭނެއެވެ.
ޤަޟާ ކުރަންޖެހިފައިވާ ރޯދައާއި ހަ ރޯދަ އެއްނިޔަތެއްގައި ނުވަތަ އެކުގައި ހިފިދާނެތޯ ސުވާލު ކުރެވުމުން، އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. "ޢަރަފާތް ދުވަހުގެ ރޯދަ، ނުވަތަ ޢާޝޫރާދުވަހުގެ ރޯދަ ހިފާއިރު، ޤަޟާކުރަންޖެހިފައި އޮތް ރޯދައާއެކުގައި ހިފިދާނެއެވެ. އަދި އެފަދައިން ހިފައިފިނަމަ ދެ ރޯދައިގެ އަޖުރު އެކުގައި ލިބޭނެތެވެ. ކަންމިހެން އޮތީ ރަމަޟާންމަހުގެ އަޅުކަމާއި ގުޅިފައިނުވާ ސުންނަތް ރޯދަތަކުގައެވެ. ޝައްވާލުމަހުގެ ހަ ރޯދައިވަނީ ރަމަޟާންމަހުގެ ރޯދައާއި ގުޅިފައެވެ. ހަ ރޯދައިގެ ދަރުމަ ޙާޞިލުވާނީ ރަމަޟާންމަހުގެ ރޯދައިހިފައި ފުރިހަމަކުރުމަށްފަހު ހަ ރޯދަ ހިފުމުންނެވެ. އެއީ ކީރިތި ރަސޫލާ صلى الله عليه وسلمގެ އަންނަނިވި ޙަދީޘްފުޅުގައި ވާފަދައިންނެވެ. (ރަމަޟާންމަހުގެ ރޯދަ ހިފުމަށްފަހު، ޝައްވާލުމަހުން ހަދުވަހު ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ.)" އ.ހ.
ޝައްވާލުމަހުގެ ހޯމަ ބުރާސްފަތި ދުވަހު ރޯދައަށް ހުންނައިރު، ހަ ރޯދައިގެ ނިޔަތުގައި ހުރެއްޖެނަމަ ދެ އަޖުރު ލިބޭނޭކަމުގައިވެސް ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހު ﷲ ވަނީ ވިދާޅުވެއެވެ.
ސުންނަތް އަޅުކަންކުރުމުގައި ދެމިހުރުމަށާއި، ސުންނަތް ރޯދަ ހިފުމަށް އަދި ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ވަސިއްޔަތްކުރަމެވެ.