ރެއާލް ސޮސިއެޑާޑް ބީ ޓީމުގެ ކޯޗަކަށް އެލެންސޯ ހަމަޖައްސައިފި

ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒަބީ އެލެންސޯ --- ފޮޓޯ/ޕެޓްރިކް ރިޖް

ސްޕެނިޝް ލީގުގައި ވާދަ ކުރާ ވަރުގަދަ ރެއާލް ސޮސިއެޑާޑްގެ ބީ ޓީމު ކޯޗަކަށް ޒަބީ އެލެންސޯ ހަމަޖައްސައިފި އެވެ.

ފުޓުބޯޅައިގެ ހޯދޭނެ ގިނަ ކާމިޔާބީތައް ހޯދުމަށް ފަހު ފުޓުބޯޅަ ލެޖެންޑެއްގެ ގޮތުގައި އެލެންސޯ ރިޓަޔާ ކުރީ 2017 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާ ވަނީ ކޯޗުކަމުގެ ދާއިރާއަށް ނުކުމެފަ އެވެ. އެގޮތުން އެލެންސޯ ފުރަތަމައިން ހަވާލުވީ ރެއާލް މެޑްރިޑުގެ 13 އަހަރުން ދަށުގެ އުމުރު ފުރާގެ ކުދިންގެ ކޯޗުކަމާ އެވެ. އަހަރެއް ވަންދެން އެ ޓީމުގެ ކޯޗުކަން ކުރުމަށް ފަހު އޭނާ މިހާރު ވަނީ އޭނާ ޅަ އިރު ކުޅުނު ކުލަބު ކަމަށްވާ ރެއާލް ސޮސިއެޑާޑްގެ ބީ ޓީމަށް ކޯޗު ކޮށްދިނުމަށް އެއްބަސްވެފަ އެވެ.

ސޮސިއެޑާޑްގެ ބީ ޓީމަކީ ސްޕެނިޝް ދެވަނަ ޑިވިޝަނުގައި ކޮންމެ އަހަރަކު ވެސް ވާދަކުރަމުން އަންނަ ޓީމެކެވެ. އަދި އެ ޓީމުގެ އެންމެ މުހިއްމު ދައުރަކީ ފުރަތަމަ ޑިވިޝަނުގައި އޮތް އެ ކުލަބުގެ "މައި" ޓީމަށް ކުޅުންތެރިން ރިސާވް ކުރުމެވެ. އަދި އެގޮތަށް ދެވަނަ ޑިވިޝަނުގައި ވާދަ ކުރުމުން ކުޅުންތެރިންނަށް ތަޖުރިބާ ލިބި ފިޓްނަސް ރަނގަޅު ކުރުމުގެ ބޭނުމުގައި ޓީމުތަކުން ވަރަށް ގިނައިން އެ ކުލަބުގެ ބީ ޓީމު އެހެން މުބާރާތް ތަކުގައި ބައިވެރި ކުރާނެ އެވެ.

ޒަބީ އެލެންސޯގެ ފުޓުބޯޅަ ހަޔާތް ފެށުނީ ރެއާލް ސޮސިއެޑާޑް އިންނެވެ. އެކުލަބުގައި ހަތަރު އަހަރު ކުޅުމަށް ފަހު އޭނަ ފުޓުބޯޅައިގެ ތެރެއިން ވިދާލީ އިނގިރޭސިވިލާތުގެ ލިވަޕޫލާއި ގުޅުނު ހިސާބުންނެވެ. އެލެންސޯ ވަނީ ލިވަޕޫލްއާ އެކު 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އެ މެޗުގައި ލިވަޕޫލް އިން ފަހަތުން އަރައި މިލާން ކޮޅަށް ހެދި ކަމްބެކްގެ އެންމެ ފަހު ގޯލު މެޗު ނިމެން ދަނިކޮށް ޖެހީ ވެސް އެލެންސޯ އެވެ.

ލިވަޕޫލްއަށް ފަހު އެލެންސޯ ދެން ފެނިގެން ދިޔައީ ރެއާލް މެޑްރިޑުންނެވެ. އޭނާ ވަނީ އެކުލަބާ އެކު ބޮޑެތި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެލެންސޯ ވަނީ ރިޓަޔާ ކުރުމުގެ ކުރިން ޖަރުމަނުގެ ބަޔާން މުނިކަށް ވެސް ކުޅެ އެތައް ކާމިޔާބީއެއް ހޯދައިފަ އެވެ.

މީގެ އިތުރުން ސްޕެއިން އިން 2010 ވަނަ އަހަރުގެ ވޯލްޑު ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމުގައި އެލެންސޯ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

comment ކޮމެންޓް