ރައީސް ނަޝީދު މި މަހުގެ މެދުތެރޭ ލަންކާއަށް ވަޑައިގަންނަވަނީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން -- ސަން ފޮޓޯ/ އަހުުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މި މަހުގެ 15 ވަނަ ދުވަހު ސްރީލަންކާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ޕާޓީގެ ރައީސް ނަޝީދު، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ އިސް ބައެއް ބޭފުޅުންނާއި، ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނާ އެކު މި މަހުގެ 15 ވަނަ ދުވަހު ލަންކާގައި އޮންނަ ހަފްލާއެއްގައި ބައިވެރިވެޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ލަންކާ އަކީ ތައުލީމީ، ސިއްހީ، އަދި ވިޔަފާރީގައިވެސް ދިވެހީންނާއި ގާތް ގައުމެއް ކަމަށެވެ.

އަދި އެގައުމަކީ އެމްޑީޕީ އެންމެ އެހީތެރިކަން ބޭނުންވި ދަނޑިވަޅުގައި އެ ޕާޓީގެ އެކުވެރިއެއް ކަމަށްވެސް ބަޔާނުގައިވެއެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށާއި ޕާޓީގެ ބައެއް ލީޑަރުންނަށް ލަންކާއިން ހިމާޔަތް ލިބުނު ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އީސްޓާ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ޕާޓީއިން ބުނީ ލަންކާއަށް ދިމާވާ އެފަދަ ކޮންމެ ހިތާމަވެރި ހާލަތެއްގައި ދިވެހިރާއްޖެއާއި އެމްޑީޕީ އަބަދުވެސް އޮންނާނީ ލަންކާއާ އެކުގައި ކަމަށެވެ. އަދި ގައުމުގެ ސަލާމަތީ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުން ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ.

ހަމަލާގެ ސަބަބުން ލަންކާގެ ޓޫރިޒަމަށް އަސަރުކޮށްފައިވާއިރު، އެމްޑީޕީއިން ބުނީ އެ ޕާޓީގެ އިސް ފަރާތްތަކުން ލަންކާއަށް ކުރާ ދަތުރުން ގޮވާލަން ބޭނުންވަނީ އެހެން ގައުމުތަކުގެ މީހުންވެސް ލަންކާއަށް ދަތުރުކޮށް އެގައުމުގެ މެހެމާންދާރީ ތަޖުރިބާ ކުރުމަށް ކަމަށެވެ.

މިއީ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނަވުމަށްފަހު ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

comment ކޮމެންޓް