ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުން އޯއައިސީން ކުށްވެރިކޮށްފި

57 މެމްބަރު ގައުމުން ބައިވެރިވާ އޯއައިސީގެ ބައްދަލުވުން ބޭއްވީ އިއްޔެ -- ފޮޓޯ: އޭޕީ

ރިޔާދު (ޖޫން 1): ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތް ގައުމުތައް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ކުށްވެރިކޮށްފި އެވެ.

ސައުދީ އަރަބިއާގެ މައްކާގައި އިއްޔެ ބޭއްވި 14 ވަނަ އޯއައިސީގެ ސަމިޓަށް ފަހު 57 މެމްބަރު ގައުމުން ނެރުނު ބަޔާނެއްގައިވާ ގޮތުން ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަނެފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށެވެ. އަދި ގުދުސަށް އިސްރާއީލްގެ އެމްބަސީ ބަދަލު ކުރާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެބަޔާނުގައި މެމްބަރު ގައުމުތަކަށް ގޮވާލާފައިވެ އެވެ.

ދެހާސް ސަތާރަވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަނެފަ އެވެ. އަދި މިދިޔަ އަހަރު އެމެރިކާގެ އެމްބަސީ ވަނީ ތެލް އަވީވުން ގުދުސަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން ގުއަޓަމާލާގެ އެމްބަސީވެސް ވަނީ ގުދުސަށް ބަދަލުކޮށްފަ އެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ބިނާ ކުރުމާއި ރައްޔިތުން ބޭނުންވާގޮތެއް ކަނޑައެޅުން ފަދަ ގައުމީ ހައްގުތައް ހޯދުމުގެ ހައްގު ލިބިގެންވާ،" އޯއައިސީގެ ބަޔާނުގައި ވެއެވެ.

އޯއައިސީން އެ ބަޔާން ނެރެފައި ވަނީ، އެމެރިކާއިން ހަދާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނުގެ އިގުތިސާދީ ކަންތައްތައް ހާމަ ކުރެއްވުމަށް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި ސީނިއާ އެޑްވައިޒަރު ޖެރަޑް ކުޝްނާ ތައްޔާރުވަމުން ގެންދަވަނިކޮށެވެ.

އެމެރިކާއިން "ގަރުނުގެ އެއްބަސްވުމުގެ" ގޮތުގައި ސިފަކޮށްފައިވާ އެޕްލޭން ގަބޫލު ނުކުރާނެ ކަމަށް ފަލަސްތީނުން މިހާރުވެސް ވަނީ ބުނެފައެވެ. ސަބަބަކީ ޓްރަމްޕްގެ ސިޔާސަތުތަކުގެ ދަށުން އަބަދުވެސް ފައިދާ ލިބެނީ އިސްރާއީލަށް ކަމަށްވާތީ ކަމަށް ފަލަސްތީނުން ބުނެއެވެ.

މީގެ އިތުރުން، އޯއައިސީން ވަނީ އީރާނުގެ މައްސަލައިގައި ސައުދީއަށް ތާއިދުކޮށް ވާހަކަދައްކާފައެވެ. އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވަނީ ގަލްފު ސަރަހައްދުގައި ދޭ ޓެރަރިސްޓު ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔޭގެ ތެޔޮ ސަޕްލައިތަކަށްވެސް ބުރޫ އަރާފާނެ ކަމަށް ވިދާޅުވެފައެވެ.

ސަލްމާން ރަސްގެފާނު އެފަދައިން ވިދާޅުވީ އީރާނުގެ އެހީ ލިބޭ ހޫޘީން ސައުދީގެ ތެޔޮ ހޮޅިއަކަށް ޑްރޯން ހަމަލާތަކެއް ދިން ފަހުންނެވެ. އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ކައިރިން ބަޔަކު ދިން ހަމަލާތަކުގައި ގެއްލުން ލިބުނު ހަތަރު ތެޔޮ ޓޭންކަރު ތެރޭގައި ސައުދީގެ ދެ ޓޭންކަރު ހިމެނޭ ކަމަށް އެގައުމުން ބުނި ފަހުންނެވެ.

އީރާނުން ވަނީ އެހަމަލާތަކުގެ ފަހަތުގައި ވަނީ އެ ގައުމު ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް