ރޯދަ ސިއްހަތު: ރޯދައަށް ހުރެގެންވެސް ކަސްރަތު ކުރެވިދާނެ

ރޯދަމަހު ރޯދައަށް ހުރެގެން ކަސްރަތު ކުރުމަކީ ސިއްހީ ގޮތުން ކޮން ކަހަލަ ބައެއްތޯ ގިނަ މީހުން ސުވާލު ކުރެއެވެ. ޖަވާބަކީ ރޯދައަށް ހުރެގެންވެސް ކަސްރަތު ކުރެވިދާނެއެވެ. އެކަމަކު އާދައިގެ މަސްމަހު ކަސްރަތު ކުރާ ގޮތާ ކުޑަކޮށް ތަފާތު ކޮށްލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

އޭޑީކޭގެ އާންމު ބަލިތަކުގެ ޑޮކްޓަރު ޑރ. އިމްތިޔާޒާ އަބްދުﷲ ވިދާޅުވީ އާންމު މަސްމަހުގައިވެސް ކަސްރަތު ކުރާ ފަރާތްތަކުން ހުއްޓާ ނުލާ ރޯދަ މަހުވެސް ކަސްރަތުކުރުން މުހިންމު ކަމަށެވެ.

"ހާއްސަކޮށް ހައި އިންޓެންސިޓީ ވޯކްއައުޓް ކުރަމުންދާ ބޭފުޅުންނަށް މޮޑަރޭޓް ޓު ލޯ އިންޓެންސިޓީ ވޯކްއައުޓެއް ކުރެވިދާނެ އޭ. އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރަންވީ މަސްލް ގެއިންއަކަށް ނޫން. މަސްލް މެއިންޓެއިންކުރަން." ޑރ. އިމްތިޔާޒާ ވިދާޅުވިއެވެ.

ރޯދައަށް ހުންނައިރު ހައި އިންޓެންސިޓީ ވޯކްއައުޓް ކުރާނަމަ ހަށިގަނޑުގައި ފެން މަދުވެ ބްލަޑް ޕްރެޝަ ދައްވެ. ހަކުރުގެ މިންވަރު ތިރިވެދާނެ ކަމަށް ޑރ. އިމްތިޔާޒާ ވިދާޅުވިއެވެ. އެގޮތަށް ކަންތައް ވާނަމަ ރޭގަނޑު ގަޑީގައި ކަސްރަތުކުރުން މުހިންމު ކަމަށް ޑރ. އިމްތިޔާޒާ ވިދާޅުވިއެވެ.

ރޯދަމަހު ކަސްރަތުކުރުން ރަނގަޅު ބައެއް ގަޑިތައް

  • އިރުއޮއްސުމުގެ 90 މިނިޓް ކުރިން
  • ރޯދަ ވީއްލައިގެން ގަޑިއެއްހާއިރު ފަހުން
  • ރޭގަނޑު 11 އާއި ދެއަކާ ދެމެދު
  • ފަތިހު ތިނަކާ ހަތަރަކާ ދެމެދު

ޑރ. އިމްތިޔާޒާ ވިދާޅުވީ ރޯދަ ވީއްލާފައި ސިއްހަތަށް ފައިދާ ހުރި ކާނާއެއް ކެއުމަށް ފަހުން އެއްގަޑިއިރު ފަހުން ކަސްރަތު ކުރުން ނުވަތަ ތަރާވީހުގެ ފަހުން ކަސްރަތު ކުރުން ރަނގަޅު ކަމަށެވެ.

ރޯދަ މަހުގެ ކުރިން އެއްގަޑިއިރު ވަންދެން ކަސްރަތު ކުރާނަމަ ރޯދަ މަހު 30 މިނިޓަށް ކަސްރަތު ކުރާ ވަގުތު ކުޑަކޮށްލެވިދާނެ ކަމަށް ޑރ އިމްތިޔާޒާ ވިދާޅުވިއެވެ.

comment ކޮމެންޓް