މި މާތް މައްސަރުގައި ހެޔޮ އަމަލު ކުރަން އެދޭ މީހާއަށް އެކަން ފަސޭހަކޮށްދެއްވައި، ފަހިކޮށްދެއްވާފައިވުމީ މާތްﷲގެ ފަޟުލަވަންތަވެރިކަމާއި ރަހުމަތް އަޅުތަކުންނަށް ތަނަވަސްވެގެން ވާކަމުގެ ހެއްކެކެވެ. ފާފަތަކުން އެއްކިބާވެ މާތްﷲއަށް އުރެދުމުން ދުރުހެލިވުމުގެ ހެޔޮ ތައުފީގު ދެއްވައި މި މަތިވެރި މައްސަރުގެ ދުވާލު ރޯދައިގެ ފަރުޟު އަދާކޮށް، ރޭގަނޑު ރޭއަޅުކަމުގައި މަޝްޣޫލުވެ އުޅުމުގެ ފުރުސަތު އެކަލާނގެ އަޅުތަކުންނަށް ވަނީ ފަހިކޮށްދެއްވާފައެވެ.
ރަމަޟާން މަހުގައި އެ ނޫން މަސްތަކަށްވުރެ ހެޔޮ އަމަލުކުރުމުގައި މީސްތަކުން ގިނަ ވަގުތުތަކެއް ހޭދަކުރާތަން ފެނުމުގެ ސަބަބެއް ކަމުގައި ވަނީ މާތްﷲ ގެ ރަޙުމަތާއި ނިއުމަތުގެ އަޅުތަކުންގެ މައްޗަށް ތަނަވަސްވެގެން ވުމެވެ.
ރަމަޟާން މަހުގައި ކޮށްއުޅުނު ހެޔޮ އަމަލުތައް ހަމަ އެގޮތުގައި ކުރުންމަތީ ދެމިހުރުމަކީ ކޮންމެ މީހެއްގެ ކިބައިންވެސް އެދެވިގެންވާ ކަމެކެވެ. ނަމަވެސް އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ގިނަ ބަޔަކަށް ރަމަޟާންމަހު ހެޔޮ އަމަލު ކުރުންމަތީ ދެމިހުރުމަށް ހިތްވަރު ލިބިގެން ދަނީ، އެ މައްސަރުގައި ހެޔޮކަމުގެ ދޮރުތައް ހުޅިވިފައި ވާތީއެވެ. ޝައިޠާނުން ކަސްތޮޅު އެޅުވުމާއި، އަޅުކަމުގެ ރޫހު މާބޮޑަށްވެސް އެ މައްސަރުގައި ފެތުރިފައި ވާތީއެވެ. ރަމަޟާން މަސް ނޫން މަހެއްގައި ރޯދަ ހިފާހިނދުވެސް، ރަމަޟާން މަހު ކުރެވޭ ރޫހާނީ ބަރަކާތުގެ އިހުސާސް ނުކުރެވެއެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ ރަމަޟާން މަސް ނިމުމާއެކު ކުރިން އުޅުނު އުޅުމަށް މީސްތަކުން އެނބުރި ދާ ދިއުމެވެ. ފަރުޟު ނަމާދުތަކަށް ފުރުވާ ކުޑަކުރުމެވެ. ބައެއް ފަހަރު ނަމާދު އަޅާފައި ދުނިޔަވީ މަސައްކަތުގެ ތެރޭގައި ޣާފިލުވެފައި ތިބުމެވެ. ނުވަތަ ޖަމާއަތުގައި ނަމާދުކުރުން އެކުގައި ހުއްޓައިލުމެވެ. ނުވަތަ ބޮޑެތި ފާފަތަކަށް އަރައިގަތުމެވެ. ފާފަތަކުން އެއްކިބާވެ، ފަރުޟު ނަމާދުތައް ޖަމާއަތުގައި އަދާކުރުމަށް ފަރުވާތެރިވުމަކީ ހަމައެކަނި ރަމަޟާން މަހަށް ހާއްސަވެފައިވާ ކަންކަމެއް ނޫނެވެ.
އަބޫ ޘަޢުލަބަތުލް ޚުޝަނީ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. "إنَّ اللهَ تَعَالَى فَرَضَ فَرَائِضَ فَلاَ تُضَيِّعُوهَا، وَحَدَّ حُدُودًا فَلاَ تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلاَ تَنْتَهِكُوهَا، وَسَكَتَ عَنْ أشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلاَ تَبْحَثُوا عَنْهَا" حديث حسن. رواه الدارقطني وغيره މާނައީ: "ހަމަކަށަވަރުން ﷲ ތަޢާލާ ކަންތައްތަކެއް ފަރުޟުކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން އެ ފަރުޟުތައް ނަގައިނުލާ ހުށިކަމެވެ. އަދި އެކަލާނގެ ހައްދުތަކެއް ކަނޑައެޅުއްވިއެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތައްތައް ފަހަނައަޅައި ނުދާހުށިކަމެވެ. އަދި އެކަލާނގެ ބައެއް ތަކެތި ހަރާމް ކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން އެކަމުގެ ހުރުމަތް ކަނޑައިނުގަންނަހުށިކަމެވެ. އަދި އެކަލާނގެ ހަނދުމަނެތިވޮޑިގަތުމެއް ނެތި، ތިޔަބައިމީހުންނަށް ރަހުމަތެއްގެ ގޮތުގައި ބައެއް ކަންކަމުގެ ހުކުމް ބަޔާންނުކުރައްވައި ދޫކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން އެކަންކަމާމެދުގައި ސުވާލުގިނަކޮށް ނުހަދާހުށިކަމެވެ."
ރަމަޟާން މަހަކީ ތިމާ ހެޔޮމަގުގައި ދެމިހުރުމަށް، ހަޔާތުން ހުޅުވައިލެވުނު އައު ސަފުހާއެއްކަމުގައި ހަދާށެވެ. އަދި ހެޔޮ އަމަލު ކުރުންމަތީ މެދުނުކެޑި ގާއިމުވެހުރުމަށް ތިމާއަށް ލިބުނު ތަމްރީނުތަކެއް ކަމުގައި ދެކޭށެވެ. އަދި އެހެޔޮ އަމަލުތަކުގެ ސަބަބުން އިތުރު ހެޔޮ ކަމުގައި ލެހެއްޓެވުމަކީ ތިމާ އެދޭ ގޮތްކަމުގައި ހަދައި އެކަމަށް އަޒުމު ކަނޑައަޅާށެވެ.
ރަމަޟާންމަސް ނިމުމުންވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ ތައުފީގު ދެއްވުންއެދި ދުއާކުރާށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ކުރައްވާފައިވާ ދުއާތަކުގެ ތެރޭގައި، ދީން މަތީ ސާބިތުކޮށްދެއްވުން އެދި ކުރައްވާފައިވާ ދުއާވެސް ހިމެނެއެވެ. "اللَّهُمَّ مُصَرِّفَ القُلُوبِ صَرِّفْ قُلُوبنَا عَلَى طَاعَتِكَ" رواه مسلم މާނައީ: "ހިތްތައް އެފުށް މިފުށަށް އަނބުރުއްވާ ރަސްކަލާކޮ! އަޅަމެންގެ ހިތްތައް އިބަރަސްކަލާނގެއަށް ކިޔަމަވުމުގެ ފަރާތަށް އަނބުރުއްވަވާނދޭވެ!"
ހެޔޮ އަމަލު ކުރުމުގެ މަތީގައި ލެހެއްޓެވުމަށް އެދި ކީރިތި ރަސޫލާ صلى الله عليه وسلم ކުރައްވާފައިވާ ދުއާތައްވެސް ސުންނަތުގައި ވާރިދުވެފައިވެއެވެ. އޭގެ ތެރެއިން އަންނަނިވި ދުއާ ހިމެނެއެވެ. "اللَّهُمَّ أصْلِحْ لِي دِيني الَّذِي هُوَ عِصْمَةُ أمْرِي، وأصْلِحْ لِي دُنْيَايَ الَّتي فِيهَا مَعَاشِي، وأصْلِحْ لِي آخِرتِي الَّتي فِيهَا مَعَادي، وَاجْعَلِ الحَيَاةَ زِيَادَةً لِي في كُلِّ خَيْرٍ، وَاجْعَلِ المَوتَ رَاحَةً لِي مِنْ كُلِّ شَرٍّ". رواه مسلم މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! މި އަޅާގެ ދުނިޔެއާއި އާޚިރަތުގެ ސަލާމަތްކަމުގައި ހިމެނޭ، މިއަޅާގެ ދީނުގެ ކަންތައްތައް އަޅާއަށްޓަކައި އިސްލާހުކޮށްދެއްވާނދޭވެ! އަދި އަޅާގެ ދިރިހުރުމުގެ ދުވަސްތައް އެތަނެއްގައި ހޭދަކުރަންޖެހިފައިވާ އަޅާގެ ދުނިޔެ، އަޅާއަށްޓަކައި އިސްލާހުކޮށްދެއްވާނދޭވެ! އަދި އަޅާ އެނބުރި ދިއުމާއި ދާއިމީ ވަޒަންކަމުގައިވާ އާހިރަތުގެ ގޯތި، އަޅާއަށްޓަކައި އިސްލާހުކޮށްދެއްވާނދޭވެ! އަދި އަޅާގެ ދިރިހުރުމަކީ، ހުރިހައި ހެޔޮކަމެއް އަޅާއަށް އިރުތުވުމެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ މަރުވުމަކީ، ހުރިހާ ނުބައިކަމަކުން މިއަޅާއަށް ލިބޭ މިންޖުވުމެއްކަމުގައި ލައްވާނދޭވެ!"
ފަރުޟު ނަމާދުތަކުގެ ޖަމާޢަތަށް ވަރުވާ ކުޑަ ނުކުރާށެވެ. ހެޔޮކަމުގެ މަތީގައި ދެމިހުރުމަށް އެދޭނަމަ އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ ނަމާދުތަކަށް ރައްކާތެރިވުމަށެވެ. ނަމާދަކީ އަޅާއާއި ކުފުރާއި ޝިރުކާއި ދެމެދުގައިވާ ހުރަހެވެ. ގަސްދުގައި ނަމާދު އަޅައިފި މީހާ އެ ހުރަސް ނައްތާލައި، ކުފުރުވެއެވެ. ނަމާދަކީ ގިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ހިސާބުބެއްލެވޭ އަމަލެވެ. ނަމާދުގެ ހިސާބުތަކުން ނާކާމިޔާބުވެއްޖެ މީހާއަށް އާހިރަތުގައި އެއްވެސް ކާމިޔާބީއެއް ނެތެވެ.
ނާމާދުކުރުން މަތީ ލެހެއްޓެވުން އެދި ދުއާ ކުރާށެވެ. އިބްރާހީމް ޢަލައިހިއްސަލާމްގެ ދުއާ ކީރިތި ޤުރްއާނުގައި ވާރިދުވެފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "رَبِّ اجْعَلْنِي مُقِيمَ الصَّلاَةِ وَمِن ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاء" (إبراهيم 40) މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއާއި އަޅާގެ ދަރީންނަކީވެސް، ނަމާދު ގާއިމުކޮށް އުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުއާ ގަބޫލުކުރައްވާނދޭވެ!"
ރަމަޟާން މަހަށް ފަހުގައިވެސް، ކީރިތި ޤުރްއާން ކިޔެވުމުގައި ދެމިހުރުމަށް އަޒުމު ކަނޑައަޅާށެވެ. ކޮންމެ ދުވަހަކުވެސް ގުރްއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމަށް ނިޔަތް ގަންނާށެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އެ މާތް ފޮތާއި ތިމާއާ ދެމެދުގައި އޮތް ގުޅުން ދަމަހައްޓާށެވެ. މާތްﷲގެ ހަޟުރަތުގައި އެންމެ ހެޔޮވެގެންވާ އަމަލަކީ ކިތަންމެ މަދު ނަމަވެސް، އެ އަމަލެއް ކުރުމުގައި ދެމިހުންނަ އަމަލެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. "أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى أَدْوَمُهَا، وَإِنْ قَلَّ" متفق عليه މާނައީ: "މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ، ކިތަންމެ މަދު ނަމަވެސް، އެ އަމަލެއް ކުޅައުމުގައި ދެމިހުންނަ އަމަލެކެވެ."
ރަމަޟާން މަސް ނިމުނެއްކަމަކު ރޯދައިގެ އަޅުކަމާ ދުރަށް ނުދާށެވެ. އަހަރުގެ ތެރޭގައި އަންނަ ސުންނަތްކަން ގަދަވެގެންވާ ރޯދައާއި، މަހަކު އެއްފަހަރު ހިފުން ސުންނަތްވެގެންވާ ރޯދައާއި، ކޮންމެ ހަފްތާއަކު ހިފުން ސުންނަތްވެގެންވާ ރޯދަ ޝަރުއުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މުހައްރަމު މަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ހިފާ އާޝޫރާދުވަހުގެ ރޯދައަކީ ފާއިތުވި އަހަރު ކުރެވިފައިވާ ކުދިފާފަތަކުގެ ކައްފާރާއެކެވެ. އަދި އަރަފާތް ދުވަހުގެ ރޯދައަކީ ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތަކުގެ ކައްފާރާއެކެވެ. ކޮންމެ މަހަކު ތިން ދުވަހު ސުންނަތް ރޯދަ ހިފުމަކީ މުޅި އަހަރު ދުވަހު ސުންނަތް ރޯދައަށް ހުރުން ފަދަ ދަރުމައާއި ސަވާބު ލިބޭ ހެޔޮ ޢަމަލެކެވެ. މާތްﷲއަށް އިހުލާސްތެރިކަމާއެކު އެންމެ ދުވަހަކު ރޯދައަށް ހުރުމަކީ، ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަށް ދުރުކޮށްދޭ ހެޔޮ އަމަލެކެވެ.
ރަމަޟާން މަސް ނިމިދިޔަޔަސް ހެޔޮ އަމަލުތަކާއި ދުރުހެލި ނުވުމަށް ވަސިއްޔަތް ކުރަމެވެ.