ލ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި އެ އަތޮޅުގެ މާމެންދޫގައި މުޅިން އެއްކޮށް ފެންބޮޑުވެ ކަރަންޓު ކެނޑިއްޖެއެވެ.
މާމެންދޫ ކައުންސިލްގެ ރައީސް އަބްދުލް މުހުސިން މުހައްމަދު "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު 2:00 އިން ފެށިގެން ވާރޭ ވެހެެމުންދާ ކަަމަށެވެ.
"މެންދުރު 2:00 ގައި ބޯކޮށް ވެހެން ފަށާފައި ކުޑަކޮށް މަޑުވެފަ އަނެއްކާ ރޭގަނޑު 07:30 ގައި ބޯކޮށް ވެހެން ފެށީ. މިހާރު އެހާ ބޯކޮށެއް ނޫން ވެހެނީ،" އޭނާ ވިދާޅުވިއެވެ.
މުހުސިން ވިދާޅުވީ އެ ރަށުގައި އެއްކޮށްހެން މިހާރު ފެންބޮޑުވެފައިވާ ކަމަށާއި އަދި ފެން ހިއްކޭނެ ގޮތެއްވެސް އެރަށުގައި ނެތް ކަމަށެވެ. އަދި ފެންބޮޑުވެ އިންޖީނުގޭގެ ޕެނަލް ބޯޑާ ހަމައަށް ފެންގަނޑު އަރައި ކަރަންޓު ގޮސްފައި އޮންނަތާވެސް މިހާރު ދެ ގަޑިއިރުވެދާނެ ކަމަށް މުހުސިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެން ހިންދުމަށް އެހީވުމުގެ ގޮތުން އެމްއެންޑީއެފްގެ ޓީމެއްވެސް މިހާރު އެ ރަށަށް ގޮސްފައިވާ ކަމަށެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ލ. އަދި ގއ. އަތޮޅުގެ ބައެއް ރައްތަަކުގައި ވަނީ ފެންބޮޑުވެފައެެވެ.
މެޓް އޮފީހުން ބުނީ މިރޭ އަދި މާދަމާ ހެނދުނުވެސް ލާމުއަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_155924199010Rlr9.jpg)
މިރޭ ބައެއް ހިސާބުތަަކަށް ވިއްސާރަވެހުނު އަދަދުގެ ތަފާސް ހިސާބު-- މެޓް އޮފީސް
މޫސުމަށް އަންނަ ބަދަލުތަކާއި ކޮޅިގަނޑުތަަކުން ރަށްރަށުން ލިބޭ ގެއްލުންތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ. އެގޮތުން އެފަދަ ހާލަތްތަކުގައި އަތޮޅުތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ ވައުދުގައި ބުނެފައިވެއެވެ.