ރަފީ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ރޭ ބޭއްވި ރަފީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--- ފޮޓޯ: ރަފީ ޖަމިއްޔާ

ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގ ޔޫތު، (ރަފީ) ޖަމިއްޔާގެ އަހަރީ ޢާންމު ޖަލްސާ ރޭ ބާއްވައިފިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެ ބައްދަލުވުމުގައި ރަފީގެ އެގްޒެކެޓިވް ބޯޑު މެންބަރުންނާއި ޖަމިއްޔާގެ ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެންޓަރު؛ އެމް.ޑީ.އާރް.އަައިގެ ބޯޑު މެންބަރުން އަދި ޖަމިއްޔާގެ އާންމު މެންބަރުން ހިމެނޭ ގޮތަށް ޖުމްލަ 94 ފަރާތެއް ބައިވެރިވިއެވެ.

ރަފީގެ އަހަރީ އާންމު ޖަލްސާގައި ނިމިދިޔަ އަހަރުގެ ޖަމިއްޔާގެ ހަރަކާތްތަކާއި ބެހޭ މައުލޫމާތު މެންބަރުންނާއި ހިއްސާކޮށް އެކަންކަމަށް ހޭދަވެފައިވާ ހަރަދުގެ ތަފުސީލް އިނގޭނެހެން މާލީ ބަޔާން ހުށައަޅާ، ވަޑައިގެން ތިއްބެވި މެންބަރުންގެ އަޢްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

ރޭ ބޭއްވި ރަފީގެ އަހަރީ އާންމު ޖަލްސާގައި ޑރ. އައިޝަތު ރަފިއްޔާ ވާހަކަ ދައްކަވަނީ--- ފޮޓޯ: ރަފީ ޖަމިއްޔާ

އޭގެ އިތުރުން، މިއަހަރަށް ރޭވިފައިވާ ޖަމިއްޔާގެ ހަރަކާތްތަކަށްވެސް ރޭ ވަނީ އަލިއަޅުވާލާފައިވެއެވެ. އެގޮތުން، މިއަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ޔޫތު ސަމިޓް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެ ޖަލްސާގައި ރަފީގެ ރައީސާ ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ، ރަފީއަކީ ރާއްޖޭގައި ހުރި އެންމެ ހާމަކަން ބޮޑު އެއް ޖަމިއްޔާކަމަށާއި، އެ ޖަމިއްޔާގެ އަމާޒަކީ މުސްތަޤްބަލުގައި ގައުމަށް ހިދުމަތް ކުރާނެ ޤާބިލް ، ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.

އެގޮތުން، ބާރުވެރި ޒުވާން ލީޑަރުން އުފެއްދުމުގެ ނިޔަތުގައި ކުރިޔަށް ގެންދާ "މިލީނިއަމް ޔޫތް އެސެޓްސް ޕްރޮގްރާމް" ސީރީޒް މިއަހަރުވެސް ކުރިޔަށްދާނެ ކަމުގައި ޑރ.ރަފިއްޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރަފީއިން މިހާތަނަށް ތަމްރީނުކޮށްފައިވާ 26 މިލީނިއަމް ޔޫތް އެމްބެސެޑަރުން މެދުވެރިކޮށް ސްކޫލް ކުދިންނާއި ފުރާވަރުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ދެއްވިއެވެ.

ރޭގެ ޖަލްސާގައި ރަފީގެ ނަޢިބު ރައީސް ހުސެއިން ޝިހާމްވެސް ވިދާޅުވީ އަަހަރަކަށްވުރެ އަހަރެއް ރަފީ ޖަމިއްޔާއާއި ގުޅެމުން އަންނަ ޒުވާނުން އިތުރުވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މެންބަރުންގެ އެއްބާރުލުމާއި އެކު ޖަމިއްޔާގެ ކުރިމަގު އުޖާލާކޮށް ފެންނާނެ ކަަމަށެވެ.

comment ކޮމެންޓް