ރައީސް ޞާލިހް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމާ މެދު ޝައްކެއް ނެތް: ރަފިއްޔާ

ހއ. ދިއްދޫގައި ބޭއްވި ރައީސް ޞާލިޙުގެ ކެމްޕެއިން ޖަލްސާގައި (އެމްޑީއޭ)ގެ ނައިބު ރައީސާ ޑރ. އާއިޝަތު ރަފިއްޔާ ވާހަކަފުޅު ދައްކަވަނީ--

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މި އަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާ ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ބޭއްވި ރައީސް ޞާލިޙުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރަފިއްޔާ ވިދާޅުވީ ތާރީޚު ބަދަލުކޮށްދެއްވާ ދެވަނަ ދައުރެއް ހޯދާނެ ހަމައެކަނި ރައީސަކީ، އަދުގެ ރައީސް ޞާލިޙު ކަމަށެވެ.

ރަފިއްޔާ ވިދާޅުވީ، ގައުމެއް ބިނާވެފައި އޮންނަނީ އިގްތިސާދާއި އެ ގައުމެއްގެ ދީނުގެ މައްޗަށް ކަމަށެވެ.

އެގޮތުން ރައީސްގެ ފަހަތުގައި ތިބީ ރާއްޖޭގެ އިސްލާމީ ދައުލަތު ހިފަހައްޓާ ޕަޓީ އަދާލަތު ޕާޓީއާއި ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދުގެ ބާނީ ކަމަށްވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑު ޝައްކެއް ނުކުރަން މި އިންތިޚާބު އެއްބުރުން ކާމިޔާބު ނުވާނެ ކަމަކަށް، މިކަން މިއޮތީ ނިމިފައި. އަޅުގަނޑުމެންނަކީ މި ރާއްޖޭގެ 51 ޕަސެންޓު. ޑރ. އާއިޝަތު ރަފިއްޔާ

މީގެ ކުރީގެ ސަރުކާރުތަކުން ރައީސުން ނުކުމެ އަންހެނުން ބާރުވެރިކުރުވާނަމޭ ބުނާކަން ފާހަގަކުރައްވާ ރަފިއްޔާ ވިދާޅުވީ، ރައީސް ޞާލިޙު ނޫން އެހެން ރައީސަކު މިހާތަނަށް އެކަން ކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން ގާނޫނު ބަދަލުކުރައްވާ ކޮންމެ ކައުންސިލެއްގައި ގޮތް ކިޔުމަށްޓަކައި 30 ޕަސެންޓު އަންހެނުންނަށް ބާރު ދިނުމަށް ނިންމީ ހަމަ މި ސަރުކާރުން ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

އަތްޖައްސަވާ، އަޅުގަނޑުމެން އަންހެނުން މިތިބީ މިކަން ނިންމުމަށް. ރާއްޖޭގެ އެއްވެސް ރައީސަކު މީގެ ކުރިން އަންހެން ބެފުޅުން ތަރައްޤީ ނުކުރައްވާ ވަރަށް ރައީސް ޞާލިޙު އަންހެން ބޭފުޅުން ތަރައްގީ ކުރައްވައިފި،

އޭނާ ވިދާޅުވީ، އެތަށް ހާސް ދަރިވަރުންނެއް ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު އޭގެ 71 ޕަސެންޓަކީ އަދުގެ އަންހެން ދަރިން ކަމަށާއި މީގެ ކުރީގެ ރައީސުން އެކަން އެގޮތަށް ކޮށްދެއްވާފައިނުވާ ކަމަށެވެ.

ހަމައެއާ އެކު ރައީސް ޞާލިޙު ކޮވިޑުން މި ރާއްޖެ އަރައިގަތުމަށް ކޮށްދެއްވި މަސައްކަތްޕުޅަށް އިޝާރާތްކުރައްވާ ރަފިއްޔާ ވިދާޅުވީ ރައީސަކީ އެހެން މީހުންގެ ލަފާފުޅު އަޑުއައްސަވައި ކަންކަން ކުރައްވާ ބޭފުލެއް ކަމަށެވެ. އަދި، އެއީ މިއަދުގެ ޒުވާނުން ރައީސަށް ވޯޓުލާންވީ އެއް ސަބަބުކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރަމުން އަންނަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޞާލިޙާ އެކު އެމްޑީއޭ އަދި އަދާލަތު ޕާޓީން ވަނީ ކޯލިޝަން ހަދައިފައެވެ.

comment ކޮމެންޓް