ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ދިމާވަމުން އަންނަ ކަރަންޓު މައްސަލަތައް ޖުލައި މަހު ހައްލުވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިއަދު ފެނަކަ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ރަށްރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަަމަށާއި އަދި އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އެ ރަށްރަށުގައި ދާއިމީ ކަރަންޓުގެ ނިޒާމެއް ގާއިމު ވެގެންދާނެ ކަމަށެވެ.
"ބައެއް ރަށްރަށުގައި އިންޖީނު އެބަހުރި ހަ މަސް ދުވަސް ވަންދެން ހުއްޓާނުލާ ހިންގާފައި. މިހާރުވެސް ހިންގަނީ. އެހެންވީމާ އެ ތަކެއްޗަކީ އޭގެ ޒާތުގައި އެއަށް ދޭން ޖެހޭ ފަރުވާ ނުލިބޭ ކަމަށް ވަނީނަމަ އެގޮތަށް ދިމާވުމަކީ ހަމަ އެންމެ ގާތް ގޮތް. އެހެންވީމަ ގިނަ ރަށްރަށުގަ އެ މައްސަލަ ދިމާވަމުން ދަނީ" ސައީދު ވިދާޅުވިއެވެ.
އާ ސަރުކާރު އައިފަހުން އެގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރި އިންޖީނުތައް ހުރި ރަށްތައް ފާހަގަކޮށް އެކަން ހައްލުކުރަަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.
ދާދި ފަހުން ގއ. ވިލިނގިލީގައި ބޭނުންކުރާ 800 ކިލޯ ވޯޓުގެ ޖެނެރޭޓަރު ސެޓެއް ފަޅައިގެން ދިޔަ ހާދިސާއަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ އެ ޖެނެރޭޓަރު ސެޓުވެސް އެރަށަށް ގެންދިޔަތާ ތިން އަހަރު ވެފައިވާ ކަމަށެވެ.
ވިލިނގިއްޔަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެއް މެގަ ވޯޓު ބެކަޕް ޖެނެރޭޓަރު ސެޓެއް އަންނަ ހުކުރު ދުވަހު ހަވީރު ނުވަތަ ހޮނިހިރު ދުވަހު ހެނދުނު ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރޯދަމަހަށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެދާނެތީވެ، މިއަދާ ހަމައަށް 48 ޖަނަރޭޓަރު އެކި ރަށްރަށަށް ގެންދެވިފައިވާނެ ކަމަށާއި އަދި ރައްޔިތުންނަށް ވީހާވެސް ރަނގަޅަކަށް ހިދުމަތް ދިނުމަށް 135 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށެވެ.