ރޯދައިގެ ވަސިއްޔަތް: ފިތުރު ޒަކާތް ނެރެފިންތަ؟

މީހަކު ޒަކާތް ދައްކަނީ: ސަން ފައިލް ފޮޓޯ

ފިތުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދަ ހިފާނިމުމާ ގުޅިގެން އަދާކުރުން ވާޖިބުވެގެންވާ ސޮދަގާތެކެވެ. ފަރުޟު ޒަކާތްތުގެ ދެބައި ހިމެނެއެވެ. އެއީ މުދަލުގެ ޒަކާތާއި ފިތުރު ޒަކާތެވެ. ރަމަޟާން މަސް ނިމުމާގުޅިގެން ދެވޭ މި ޒަކާތަށް ފިތުރު ޒަކާތޭ ކިޔުނީ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަން ނިމުމާ ގުޅުވައިގެންނެވެ. އެހެނީ ރޯދަ ވީއްލުމަށް އަރަބި ބަހުގައި ކިޔަނީ "އިފްތާރު" މިހެންނެވެ.

ޝަރުޢުކުރެއްވުން

ފިތުރު ޒަކާތް ޝަރުޢު ކުރެއްވިގެންވާކަމުގެ މައްޗަށް ދީނުގެ އަސްލުތަކުން ދަލީލު ލިބެއެވެ. އެގޮތުން އިބްނު އައްބާސް ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ.

عَنْ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلاةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ .. " رواه أبو داود 1371 قال النووي : رَوَاهُ أَبُو دَاوُد مِنْ رِوَايَةِ ابْنِ عَبَّاسٍ بِإِسْنَادٍ حَسَنٍ .

މާނައީ: އިބްނު އައްބާސް رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލު ﷲ صلى الله عليه وسلم ފިތުރު ޒަކާތް ފަރުޟު ކުރެއްވީ ރޯދަވެރިޔާއަށް ބުނެވިފައިވާ ނުރަނގަޅު ބަސްތަކާއި އަދި އަރައިގަނެވިފައިވާ ފާފަތަކުން ތާހިރުކުރުވަނިވި ކަމެއްގެ ގޮތުގައެވެ. އަދި މިސްކީނުންނަށް ލިބޭ ކާނާއެއްގެ ގޮތުގައެވެ. އީދު ނަމާދުގެ ކުރީގައި އަދާކޮށްފި މީހާއަށް އެއީ ގަބޫލުވެވިގެންވާ ފިތުރު ޒަކާތެވެ. އީދު ނަމާދަށްފަހުގައި އަދާކޮށްފި މީހާއަށް އެވާހުށީ ދެވޭ ސޮދަގާތްތަކުގެ ތެރެއިން ސޮދަގާތެއްކަމުގައެވެ. "

މި ހަދީޘްފުޅުގައި ހިމެނޭ ވަކިވަކި ލަފުޒުތަކުގެ ޝަރަޙާގައި عون المعبود بشرح أبي داود ގައި ވެއެވެ.

މި ހަދީޘްފުޅުގައި އެވާ (طهرة) ގެ މާނައަކީ ރޯދަވެރިޔާގެ ނަފްސު ތާހިރުކޮށްދިނުމެވެ. އަދި (الرفث)ގެ މާނައަކީ ރޯދަވެރިޔާގެ ދުލުން ބޭރުވިފައިވާ ފާހިޝް ބަސްތައްކަމުގައި އިބްނުލް އަޘީރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. އަދި (طعمة) ކާނާއެވެ. ނޫނީ ކާބޯތަކެއްޗެވެ. އަދި (من أداها قبل الصلاة)ގެ މާނައަކީ އީދު ނަމާދުގެ ކުރިން އަދާކުރުމެވެ. އަދި (فهي زكاة مقبولة)ގެ މާނައަކީ ފިތުރު ޒަކާތެވެ. އަދި (صدقة من الصدقات)ގެ މާނައަކީ އާންމުކޮށް ކޮށް އުޅޭ ސޮދަގާތެވެ.

އެބަހީ އީދު ނަމާދަށްފަހު ފިތުރު ޒަކާތް ނެރުމަކުން އެއީ ފިތުރު ޒަކާތް އަދާކުރުން ކަމުގައެއް ނުވާނެއެވެ. އޭރުން އެއީ ކުރެވޭ ސޮދަގާތެކެވެ.

މާތްﷲ ވަހީކުރައްވާފައިވާ މި ބަސްވުޅުގެ މުރާދަކީވެސް އެއީ ކަމުގައި ބުނެވެއެވެ. "قَدْ أَفْلَحَ مَن تَزَكَّى * وَذَكَرَ اسْمَ رَبِّهِ فَصَلَّى" (الأعلى 14-15 ) މާނައީ: "ތާހިރުވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ." މިއާޔަތުގެ ތަފްސީރުގައި ޢުމަރު ބުން ޢަބްދުލްޢަޒާޒު ރަޙިމަހު ﷲ ގެ އަރިހުން ރިވާވެގެންވެއެވެ. "އެބަހީ ފިތުރު ޒަކާތް ދިނުމަށްފަހު ޢީދު ނަމާދުކުރުމެވެ."

ވަކީޢު ބުނުލް ޖައްރާޙު ރަޙިމަހު ﷲ ގެ އަރިހުން ރިވާވެގެންވެއެވެ. "ރަމަޟާންމަހުގެ ފިތުރު ޒަކާތަކީ ނަމާދުގެ ކުށު ސަޖިދަ ފަދަ ކަމެކެވެ. ނަމާދުގެ އުނިކަން ކުށު ސަޖިދައިން ފޫބައްދައިދޭ ގޮތަށް، ފިޠުރު ޒަކާތުގެ ސަބަބުން ރޯދައަށް އުނިކަމެއް ލިބިފައިވާނަމަ އެ އުނިކަން ފޫބައްދައިދެއެވެ."

ފިތުރު ޒަކާތުގެ ހުކުމް

ފިތުރު ޒަކާތް ނެރުމަކީ އިސްވެ ބަޔާންކުރެވުނު ފަދައިން ފަރުޟެކެވެ. އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ މާނައީ: "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ފިތުރު ޒަކާތް ފަރުޟު ކުރެއްވިއެވެ."

ފިތުރު ޒަކާތް ވަޖިބުވެގެންވަނީ ކޮން ބައެއްގެ މައްޗަށް؟

ފިތުރު ޒަކާތް ވާޖިބުވެގެންވަނީ ކޮންމެ މުސްލިމަކުގެ މައްޗަށެވެ. އަދި ކޮންމެ ބެލެހެއްޓުންތެރިއެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މުސްލިމުންނަށް އެމީހެއްގެ މަސްއޫލުވެރިޔަކު ޒަކާތްނެރުންވެސް ހުއްދަވެގެންވެއެވެ. އިސްވެބަޔާންކުރެވުނު ހަދީޘްގައި އިބްނު އުމަރު ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ.

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرَضَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ عَلَى كُلِّ حُرٍّ أَوْ عَبْدٍ ذَكَرٍ أَوْ أُنْثَى مِنْ الْمُسْلِمِينَ – متفق عليه وللفظ للبخاري

"ރަސޫލު ﷲ صلى الله عليه وسلم ފިތުރު ޒަކާތް ފަރުޟު ކުރެއްވީ، ކަދުރުން ސާޢައްގެ މިންވަރެވެ. ނޫނީ ބާރުލީން (ގޮވާމުގެ ބާވަތެއް) ގެ ސާޢެއްގެ މިންވަރެވެ. އެއީ މުސްލިމުންގެ ތެރެއިން މިނިވަނުންނާއި އަޅުންނާއި، ފިރިހެނުންނާއި އަންހެނުންނާއި، ކުޑަކުދިންނާއި ބޮޑެތިމީހުންގެ ފަރާތުން ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައެވެ."

ފިތުރު ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް

  • މުސްލިމަކު ކަމުގައިވުން
  • ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސުމުން
  • ތިމާއާއި ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނަށް ޚަރަދުކޮށްފައި ބާކީވުން

ވީމާ، އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކާފަރުންނަށް އެ ބެލެނިވެރި ފަރާތުން ފިތުރު ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. (މިސާލަކަށް ގޭގައި ގެންގުޅޭ މަސައްކަތު މީހާއަކީ ޣައިރު މުސްލިމެއް ކަމުގައިވާނަމަ އޭނާގެ ކިބައިން ފިތުރު ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.)

ފިތުރު ޒަކާތް އަދާކުރުމުގެ ވަގުތު

އިސްވެ ބަޔާންކުރިފަދައިން ފިތުރު ޒަކާތް ވާޖިބުވާ ވަގުތަކީ ރަމަޟާންމަހުގެ އެންމެ ފަހު ދުވަހަށް އިރުއޮއްސުމުން ފެށިގެންނެވެ. އެހެންކަމުން އެދުވަހުގެ އިރު އޮއްސުމުގެ ކުރިން އުފަންވާ ކުއްޖާއަށްވެސް ފިތުރު ޒަކާތް ނެރެންޖެހޭނެއެވެ. އަދި އެދުވަހުގެ އިރުއޮއްސުމުގެ ކުރިން މަރުވެއްޖެ މީހާއަށް ފިތުރު ޒަކާތް އަދާންކޮށްދޭން ޖެހޭނެއެވެ.

ބައެއް ސަޙާބީން ރަމަޟާންމަހުގެ ފަހު ދެދުވަހު ފިތުރު ޒަކާތް ނެއްރުއްވާފައިވެއެވެ. އެހެންކަމުން އެދެދުވަހު ފިތުރު ޒަކާތް ނެރުން ހުއްދަވެގެންވެއެވެ.

ފިތުރު ޒަކާތުގެ މިންވަރު

ފިތުރު ޒަކާތުގެ މިންވަރަކީ އެނެރޭ ބާވަތަކުން ސާޢެއްގެ މިންވަރެވެ. ޒަކާތް ނެރެންޖެހެނީ އެ ރަށެއްގެ މީހުން އާންމުކޮށް ކެއުމުގައި ބޭނުންކުރާ މައިގަނޑު ބާވަތުންނެވެ. ރާއްޖޭގައިނަމަ ހަނޑުލުން ނެރުން ހުއްދަވެގެންވެއެވެ.

ސާޢެއްގެ މިންވަރަކީ ދެއަތް ޖައްސައި (މުށް ނުވަތަ އަތް ގޮއްޓެއް) ހެދުން އަތަށް އެޅޭވަރުގެ ހަތަރު ގުނައެވެ. ކިލޯއިން ނަމަ އެއީ ގާތްގަނޑަކަށް 2.5 އާއި ތިން ކިލޯއާއި ދެމެދުގެ މިންވަރެކެވެ.

ފިތުރު ޒަކާތް ހައްގުވެގެންވާ މީހުން

ފިތުރު ޒަކާތް ޙައްޤުވެގެންވަނީ މުދަލުގެ ޒަކާތްވެސް ހައްގުވެގެންވާ މީހުންނަށެވެ. އައްތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި މާތްﷲ ވަނީ އެބައިތައް ވަކިވަކީން އަންގަވާފައެވެ. އެއީ ފަގީރުންނާއި މިސްކީނުންނާއި، ޒަކާތް ނެގުމުގެ މަސައްކަތްކުރާ އާމިލުންނަށާއި، އަލަށް އިސްލާމުވާ މީހުންނާއި، ދަރަނިވެރިންނާއި، އަޅުން މިނިވަންކުރުމަށާއި، އަދި ﷲގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނަށާއި އަދި ހާލުގައި ޖެހިފައިވާ ދަތުރުވެރިންނަށެވެ.

ތިމާމެންގެ ފުދުންތެރިކަމާއެކު އޮޅުވާލައިގެން ފަގީރުންގެ ލިސްޓުގައި ނަންޖެހުމާއި ފިތުރު ޒަކާތުގައި މަކުރާއި ހީލަތް ހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

ފިތުރު ޒަކާތް އަދާކުރުމަށާއި ދީނުގެ ކަންކަމުގައި ފުރުވާތެރިވުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް