ބޮޑު ތަފާތަކުން އާސެނަލް ބަލިކުރުމަށްފަހު ޔޫރޮޕާ ލީގުގެ ތަށި ޗެލްސީއިން އުފުލައިލި ނަމަވެސް އެ ޓީމުގެ ހުނަރުވެރި ފޯވާޑް އެޑެން ހަޒާޑް އެ ކުލަބު ދޫކޮށްލާނެ ކަން އިއުލާން ކޮށްފި އެވެ.
ރޭ ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުން އާސެނަލްގެ މައްޗަށް ޗެލްސީއިން ކުރި ހޯދީ 1-4 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ނެވެ. މިއީ ޗެލްސީއިން މި މުބާރާތް ކާމިޔާބު ކުރި ދެވަނަ އަހަރެވެ. މީގެ ކުރިން ޗެލްސީއިން އެ މުބާރާތް ކާމިޔާބު ކުރީ 2013 ވަނަ އަހަރެވެ.
އަންނަ ސީޒަނުން ޗެމްޕިއަންސް ލީގުގެ ޖާގައެއް މިހާރު ވެސް ޔަގީންވެފައިވާ ޗެލްސީއަށް މި މެޗަކީ އެތައް ގޮތަކުން މުހިއްމު މެޗެކެވެ. އެ ޓީމު ފަހުގެ ތާރީހުގައި ދެއްކި މޮޅު ކުޅުމާއި ހޯދި ކާމިޔާބީތަކުގެ ފަހަތުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރި އެޑެން ހަޒާޑް ވަނީ ރޭގެ މެޗަށް ފަހު މިއީ އޭނަ އެކުލަބާ އެކު ކުޅޭނެ ފަހު މެޗު ކަމަށް ބުނެފަ އެވެ.
ހަޒާޑް ވަނީ ރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ޖަހައިފަ އެވެ. އޭނާ ވަނީ ޗެލްސީއިން މި ނިމުނު ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދި އިރު، އެ ލީގުގެ އެންމެ މޮޅު ޕްލޭމޭކާ އެވޯޑުގެ އިތުރުން ފޭންސް ބެސްޓް ޕްލޭޔާގެ މަގާމު ވެސް ހޯދާފަ އެވެ.
އޭނަގެ އިތުރުން ރޭ ޗެލްސީއަށް ގޯލުތައް ޖަހައިދިނީ އޮލިވާ ޖިރޫޑާއި ޕެޑްރޯ ރޮޑްރިގުއޭޒް އެވެ. އާސެނަލުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އެލެކްސް އިވޯބީ އެވެ.
ހަޒާޑް ވަނީ ރޭގެ މެޗަށް ފަހު ސަޕޯޓަރުންނަށް މި މެޗަކީ އޭނަގެ ވަދާއުގެ މެޗުކަން އިއުލާން ކޮށްފަ އެވެ. އޭނާ ބުނީ މި މެޗަކީ ވަދާއީ ސަލާމެއް ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިއުލާން ކުރާނަން އަހަރެން ދާނެ ކުލަބު. މިހާރު ދެ ކުލަބުގެ ދޭތެރޭގައި އެކަމުގެ އެއްބަސްވުންތައް ކުރިއަށް ދަނީ،" ހަޒާޑް ބުންޏެވެ.
އޭނާ ބުނީ އޭނާ ކުޑަ އިރުން ސުރެއް އެންމެ ބޭނުންވީ ޕްރިމިއާ ލީގުގައި ކުޅުން ކަމަށެވެ. އެގޮތުން އެ ލީގުގެ އެންމެ ބޮޑު އެއް ކުލަބާ އެކު ކުޅެ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދިއްޖެ ކަމަށެވެ.
"މިހާރު ދެން ބޭނުން ވަނީ އައު ޗެލެންޖެއް."
ރިޕޯޓްތައް ބުނާ ގޮތުން ހަޒާޑް ވަނީ ރެއާލް މެޑްރިޑާ އެކު އެއްބަސްވުމުގައި މިހާރުވެސް ސޮއެ ކޮށްފަ އެވެ، އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.