ސައުދީގައި ބާއްވާ ގަލްފް ސަމިޓުގައި ގަތަރުން ބައިވެރިވަނީ

މައްކާގައި ބާއްވާ ސަމިޓުގައި ގަތަރުގެ ބޮޑުވަޒީރު އަބްދުﷲ ބިން ނަސީރު ބިން ޚަލީފާ އަލް ޘާނީ ބައިވެރިވެވަޑައިގަންނަވާނެ -- ފޮޓޯ: އަންދަލޫ

ދޯހާ (މެއި 30): މިއަދު ސައުދީ އަރަބިއާގައި ފަށާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ އެމާޖެންސީ ސަމިޓުގައި ގަތަރުގެ ބޮޑުވަޒީރު އަބްދުﷲ ބިން ނަސީރު ބިން ޚަލީފާ އަލް ޘާނީ ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެއީ މީގެ ދެ އަހަރު ކުރިން ގަލްފުގެ ގައުމުތަކުން ގަތަރާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައި އެގައުމާ ދެކޮޅަށް ފިޔަވަޅު އެޅި ފަހުން، އެގައުމުތަކާ އެކު ގަތަރުން ބައިވެރިވާ އެންމެ މަތީ ފަންތީގެ އެއް ބައްދަލުވުމެވެ.

ގަތަރުގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން މައްކާގައި ބާއްވާ ބައްދަލުވުމުގައި ސައުދީ އަރަބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ބަހްރެއިން އަދި އެހެން ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އެސަމިޓު ބާއްވަނީ އީރާނާއި އެމެރިކާގެ ގުޅުން ގޯސްވުމުގެ ސަބަބުން ކަމަށާއި އެހެންކަމުން ބައްދަލުވުމުގައި މަޝްވަރާ ކުރާނީ މެދުއިރުމަތީގެ ސަލާމަތާ ބެހޭ ގޮތުން ކަމަށް ބެލެވެ އެވެ.

މިހަފްތާ ތެރޭގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވަނި އެސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ގަތަރުގެ އަމީރު ޝޭހް ތަމީމު ބިން ހަމަދު އަލް ޘާނީއަށް ދައުވަތު އަރުވާފަ އެވެ. ނަމަވެސް ތިން ދުވަހަށް ދެމިގެންދާ އެސަމިޓަށް ޝޭހް ތަމީމު ވަޑައިނުގަންނަވާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓުވުމަށް 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން އީރާނާ އެކު ހެދި އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން ދެގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

އަދި އެމެރިކާއިން މިހާރު ބުނާ ގޮތުގައި އީރާނުން ދަނީ އެގައުމަށް ހަނގުރާމައިގެ އިންޒާރު ދެމުންނެވެ. އެހެންކަމުން އެމެރިކާއިން ވަނީ ގަލްފަށް ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތަކާއި އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ އަބްރަހަމް ލިންކޮން އާއި މިސައިލް ޑިފެންސް ސިސްޓަމެއް ފޮނުވައިފަ އެވެ.

ޖޫން 2017އިގައި ސައުދީ އަރަބިއާ، ޔޫއޭއީ، މިސްރު އަދި ބަހްރެއިން އިން ވަނީ ގަތަރާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައި، އެގައުމަށް ކަނޑުންނާއި، އެއްގަމުންނާއި، ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލައިފަ އެވެ. އެގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ އެގައުމުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެތުހުމަތުތައް ދޮގު ކުރެ އެވެ.

comment ކޮމެންޓް