ދަރަވަންދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

ދަރަވަންދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި މިއަދު ދަރަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އެ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. އެ ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފަފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހުއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް އެ މަޝްރޫއު ކްރިސްޓަލައިންއާ ހަވާލުކޮށްފައިވަނީ 29,170,066.22ރ. (ނަވާވީސް މިލިއަން އެއްސަތޭކަ ހަތްދިހަ ހާސް ފަސްދޮޅަސް ހަ ރުފިޔާ ބާވީސް ލާރި) އަށެވެ.

އެ މަޝްރޫޢުގެ ދަށުން ބ. ދަރަވަންދޫގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ރ. މަޑުއްވަރީ، ހދ. ނޮޅިވަރަންފަރު އަދި ށ. ފޯކައިދޫ ފެނުގެ ނިޒާމު ގާއިމްކުރުން ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމުކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފަިއވާކަމަށް މިނސިްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ.

އެ މަޝްރޫޢަށް ޖީސީއެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައިވާ 23,636,364.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ޔޫއެސް ޑޮލަރު) ޔޫ.އެސް ޑޮލަރު ދިވެހި ސަރުކާރަށް 2017 ވަނަ އަހަރު މާޗްމަހު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް