ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ ނުފެނޭ، މައްސަލަ ޕީޖީއަށް

އެސްބީއައި ކައިރީގައި ބަޔަކު: އެ ބޭންކު ކައިރިން ބީއެޗްއެމްގެ ފައިސާތަކެއް ވަނީ ފޭރިގެންގައި، އެ މައްސަލައާ ގުޅިގެން ހަތަރު މީހަކަށް ދައުވާ ކުރުމަށް ވަނީ ޕީޖީ އަށް ފޮނުވާފައި -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ސްޓޭޓް ބެންކް އޮފް އިންޑީއާ (އެސްބީއައި) ކުރިމަތިން ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވައިފި އެވެ. ފުލުހުން މިއަދު ބުނީ އަދި މިހާތަނަށް އެއްވެސް ފައިސާ އެއް ނުފެންނަ ކަމަށެވެ.

މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ ބީއެމްއެޗްގެ ފައިސާތައް ފޭރިގަތީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު ޕެޕާ ސްޕްރޭ ބޭނުން ކޮށްގެނެވެ. އެ މައްސަލަގައި ހަ މީހަކު މީގެ ކުރިން ހައްޔަރު ކުރި އެވެ.

ފުލުހުންގެ މީޑިއާ އަޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ފޭރުނު 2.3 މިލިއަން ރުފިޔާ މިހާތަނަށް ހޯދިފައި ނުވި ނަމަވެސް، ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވީ މި މަހު ހަތަރު ވަނަ ދުވަހު ކަމަށެވެ.

މީޑީއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގައި މިހާރު ހައްޔަރު ކުރި އެންމެ ދޫކޮށްލާފައިވާ ކަމަށެވެ.

https://sun.mv/116966

ދައުވާ ކުރުމަށް ފޮނުވާފައިވަނީ ފޭރުމުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާއި 21 އަހަރުގެ މީހަކާއި އެކަން ރާވައި، ފައިސާތައް ފޮރުވުމުގައި ބައިވެރިވި 23 އަހަރުގެ ދެ މީހެއްގެ މައްޗަށް ކަމަށް މީޑިއާ އޮޮފިޝަލް ވިދާޅުވި އެވެ.

މާޗު މަހު 10 ވަނަ ދުވަހު ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ ފޭރުނު އިރު، ހަމަ އެ މަހުގެ 20 ވަނަ ދުވަހު ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ވޭނަކަށް ހަމަލާދީ، ކޯރާޑީއަކުން ދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ. މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލަ އަދިވެސް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ބޮޑެތި އަދަދުން ފައިސާ އެއްތަނުން އަނެއްތަނަށް ގެންދާއިރު، ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެ މުއަސަސާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. ރޭ ހުޅުމާލޭގައި ވެސް ވަނީ ފައިސާތަކެއް ފޭރިގެންފަ އެވެ. ސައިކަލެއްގައި ދިޔަ މީހެއްގެ ބޮލުގައި އެއްޗަކުން ޖަހައި ވައްޓާލުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތެވެ.

https://sun.mv/117010

comment ކޮމެންޓް