ރޯދައިގެ ވަސިއްޔަތް: ހަގީގީ އުފާވެރިކަމަކީ ނިއުމަތެއް

ސެޕްޓެމްބަރ 1، 2017: މާލެގައި ބޮޑު ޖަމާއަތުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އިހުސާސެއް ލިބިގަތުމަށް ހުރިހާ މަހުލޫގުން އެންމެ އެދޭ އިހުސާސަކީ އުފާވެރިކަމެވެ. އެއީ ގަނެ ވިއްކޭ އެއްޗެއް ނޫނެވެ. ފައިސާއަކުން ތަނަވަސްކަމަކުން ހާސިލުވާ އެއްޗެއް ނުމެ ނޫންމެއެވެ. ޙަގީގީ އުފާވެރިކަމަކީ މާތްﷲގެ ހަޟުރަތުން އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނިއުމަތެކެވެ. އުފާވެރިކަމުގެ މަގުތަކެއް ލައްވާފައިވުމީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އުފާވެރިކަން ލިއްބައިދޭ ބައެއް ކަންކަމުގެ ތެރޭގައި އަންނަނިވި ސަބަބުތައް ހިމެނެއެވެ.

ގަޟާގަދަރަށް ރުހުން (މިންވަރަށް ޝުކުރު ކުރުން)

މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. މާތްﷲގެ މިންވަރުފުޅަކީ އެންމެ ހެޔޮ ގޮތްކަމުގައި ތިމާގެ ހިތުގެ އަޑިން ގަބޫލުކުރެވޭ މީހަކަށް ދުނިޔެމަތީގައި އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އެހެނީ، މާތްﷲ ދެއްވި އެއްޗަކަށް ހުރަސް އެޅޭނޭ ދެވަނަ އެހެން ފަރާތެއް ނެތެވެ. އަދި އެ އިލާހު ނުދެއްވާ އެއްޗެއް، ހޯދައިދެވޭނޭ އެހެން ފަރާތެއްވެސް ނެތެވެ. މި ސަބަބަށްޓަކައި ގަޟާގަދަރަށް އީމާންވުމަކީ ނަފްސާނީ ބަލިތަކުގެ އެންމެ ބޮޑު އެއް ފަރުވާއެވެ. މިންވަރަށް އީމާންވުމަކީ، އުފާވެރިކަމާއި ހިތާމައާއި ދެމެދުގައި ވަކި ކޮށްދޭ ފާހަގައެވެ.

މީސްތަކުންނަށް ހިނިތުންވުން

މީސްތަކުންނާ ބައްދަލުވާ ހިނދު ހިނިތުންވެލުމަކީ ދަރުމައާއި ސަވާބު ލިބޭ ހެޔޮ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. "تَبَسُّمُكَ فِي وَجْهِ أَخِيكَ صَدَقَةٌ" رواه الترمذي މާނައީ: "ތިބާގެ އަޚާއާ ބައްދަލުވާ ހިނދު ހިނިތުންވެލުމަކީވެސް ސަވާބު ލިބޭ ހެޔޮ އަމަލެކެވެ."

މޫނުމަތިން ހިތާމަވެރިކަން ފާޅުކުރުމާއި، އަބަދު ކަންބޮޑުވެފައި ހުރުމަކީ އުފާވެރިކަން ގެއްލިދާ ކަމެކެވެ. އުފާވެރި މޫނަކައިގެން މީސްތަކުންނާ ބައްދަލުވެލުމަކީ ތިމާގެ ހަޔާތަށްވެސް އުފާވެރިކަން ގެނުވާ ކަމެކެވެ. އަދި މާޔޫސްކަމާއި އުންމީދު ކެނޑުމުން ސަލާމަތްކޮށްދޭ ކަމެކެވެ.

ސަލާމްކުރުން

ސަލާމްކުރުމަކީ އަނެކާއަށް ކޮށްދެވޭ ދުޢާއެކެވެ. އަދި އުފާވެރިކަން ގެނުވައިދޭ މަގުތަކުގެ ތެރެއިން މަގެކެވެ. އަދި މުޖުތަމައުގެ އެކުވެރިކަން އާލާކޮށްދީ އަމަން އަމާން ތަނަކަށް ހަދައިދޭ ކަމެކެވެ.

ސަލާމްކުރުމަކީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތެކެވެ. އެކަލޭގެފާނު ހަދީޘް ކުރައްވާފައިވެއެވެ. "والَّذِي نَفْسِي بِيَدِهِ ، لا تَدْخُلُوا الجَنَّةَ حَتَّى تُؤْمِنُوا ، وَلا تُؤْمِنُوا حَتَّى تَحَابُّوا ، أوَلاَ أدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أفْشُوا السَّلامَ بينكم" رواه مسلم. މާނައީ: "ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެ އިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ހަދީޘްކުރައްވަމެވެ. ތިޔަބައިމީހުން އީމާންވުމަށްދާންދެން ތިޔަބައިމީހުންނަށް ސުވަރުގެ ނުވަދެވޭ ހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ބަޔަކަށްވުމަށް ދާނދެން ތިޔަބައިމީހުންގެ އީމާންކަން ސައްހަ ނުވާހުއްޓެވެ. ތިޔަބައިމީހުން އެކަމެއް ކޮށްފިނަމަ، ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވެތިކަން އުފެދިދާނެ ކަމެއް ތިމަންކަލޭގެފާނު ވިދާޅުވެދެއްވަން ހެއްޔެވެ؟ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ސަލާމްކުރުން އާންމުކުރާށެވެ." އެބަހީ: އެއް މުސްލިމަކު އަނެއް މުސްލިމަކީ ބައްދަލުވާ ހިނދު ސަލާމްކުރުމަކީ އާދައެއް ކަމުގައި ހަދާށެވެ!

ހެޔޮ ކަންކަން ކޮށް، ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުން

ހެޔޮ ކަންކަން ކޮށް، އެއްވެސް ބަދަލަކަށް އެދުމަކާ ނުލާ، މީސްތަކުންނަށް އެހީތެރިވެދީ އުޅުމަކީ އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ހާލުގައި ޖެހިފައިވާ މީހާއަށް އެހީވެދީ، މަގު ގެއްލިފައިވާ މީހާއަށް މަގު ދައްކައިދީ، ބަލިމީހުންނަށް ޒިޔާރަތްކޮށް، އުމުރުން ދޮށީ މީހުންނަށް އެހީތެރިވެ، ބޭނުން ޖެހިފައިވާ މީހާގެ ބޭނުންތައް ފުއްދައިދީ ހެދުމަކީ، ތިމާގެ ހަޔާތުގެ ބަނަކަމާއި އަނދިރިކަން ފިލުވައިދޭކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. "أَحَبُّ النَّاسِ إِلَى اللَّهِ أَنْفَعُهُمْ لِلنَّاسِ وَأَحَبُّ الأَعْمَالِ إِلَى اللَّهِ سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ أَوْ تَكْشِفُ عَنْهُ كُرْبَةً أَوْ تَطْرُدُ عَنْهُ جُوعًا أَوْ تَقْضِي عَنْهُ دَيْنًا" السلسلة الصحيحة (2/906)

މާނައީ: "މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހާއަކީ އޭނާގެ ފައިދާ މީސްތަކުންނަށް އެންމެ ބޮޑު މީހާއެވެ. އަދި މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. ނުވަތަ އޭނާގެ ހިތާމަ ފިލުވައި ދިނުމެވެ. ނުވަތަ ހައިހުނުކަން ފިލުވައި ދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ."

ރަހިމުގެ ގުޅުން ދެމެހެއްޓުން

އެންމެ ހެޔޮވެގެންވާ އަމަލުތަކުގެ ތެރޭގައި ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުން ހިމެނެއެވެ. އަދި އެކަމަކީ ތިމާގެ އަމުރު ދިގުކުރައްވައި ރިޒުގު ތަނަވަސް ކޮށްދެއްވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. "مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ أَوْ يُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ" رواه البخاري ومسلم މާނައީ: "ތިމާގެ ރިޒުގު ތަނަވަސްވުމަށާއި، އުމުރު ދެންމެވުމަށް އެދޭ މީހާ، އޭނާގެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ."

ރިޒުގު ތަނަވަސްވުމޭ އޮތް ބަސްފުޅުގެ މުރާދަކީ، ލިބެމުންދާ މިންވަރު އިތުރު ކޮށްދެއްވުމާއި، ރޯދީގައި ބަރަކާތްލެއްވުމެވެ. އުމުރު ދެއްމެވުމަކީ، ފުރިހަމަ ސިއްހަތެއްގައި އޭނާ ދިރިއުޅޭ ދުވަސްތައް އިތުރުކޮށްދެއްވައި އެ މީހާގެ އުމުރުގައި ބަރަކާތް ލެއްވުމެވެ.

މާތްﷲ ޒިކުރު ކުރުންމަތީ ދެމެހުރުން

ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމާއި ގެއަށް ވަންނަ ހިނދުގައްޔާއި ނުކުންނަ ވަގުތުގައި ކިޔާ ދުއާއާއި، ސަވާރީއަށް އަރާ ކިޔާ ދުޢާއާއި، މަޖިލިސް ކޮށްނިމިގެން ކިޔާ ދުޢާއާއި، އިންސާނާއަށް ކުރިމަތިވާ އެކި ޙާލަތްތަކުގައި ކުރާނޭ ދުއާތައްވެސް ސުންނަތުގައި ވާރިދުވެގެންވެއެވެ. މާތް ﷲ ޒިކުރުކުރުމާއި، ދުއާކުރުމަކީ ހިތް ތަނަވަސްވެ، ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ.

މާތްﷲ ވަހީކުރައްވާފައި ވެއެވެ. ﴿ أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴾ [الرعد: 28] މާނައީ: "ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟"

ހިތާމަ ފިއްލަވައި ދެއްވުން އެދި ކުރާނޭ ދުއާވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުންމަތަށް އުނގަންނަވައި ދެއްވާފައެވެ. އެ ދުޢާއަކީ:

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالجُبْنِ وَالبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ»

އިސްތިޣުފާރުކުރުން (ފާފަ ފުއްސެވުން އެދި ދުޢާ ކުރުން)

ފާފަ ފުއްސެވުން އެދި ދުއާކުރުމަކީ ތިމާގެ ކިބައިގައި ބަރަކާތް ލައްވައި، ދިރިއުޅުން ބާޖަވެރި ކުރައްވައި ހިތާމަތައް ފިއްލަވައި ދެއްވާ ކަމެކެވެ. އިސްތިޣުފާރު ކުރަމަށް ކިޔާނޭ ދުޢާތަކުގެ ތެރޭގައި އަންނަނިވި ޒިކުރު ހިމެނެއެވެ.

"اسْتَغْفِرِ اللَّهَ وَتُبْ إِلَيْهِ"

ކިތަންމެ މަދު މިންވަރަކުން ނަމަވެސް ސަދަގާތްކުރުން

ކިތަންމެ މަދު މިންވަރަކުން ނަމަވެސް ސަދަގާތްކުރުމަކީ ތިމާގެ މުދަލާއި ދިރިއުޅުމުގައި ބަރަކާތް ލައްވާ ކަމެކެވެ.

ދީނީ ދަރުސްތަކާއި ޤުރްއާން ކިޔެވޭ މަޖިލިސްތަކަށް ހާޟިރުވުން

ދިނީ ދަރުސްތަކާއި، ކީރިތި ޤުރްއާނާއި ޒިކުރުގެ މަޖިލިސްތަކަށް މަލާއިކަތުން ފައިބައިވަޑައިގަންނަވައެވެ. އަދި އެ މަޖިލީހުގެ މީހުންނަށް މާތްﷲ މަޑުމޮޅިކަމާއި ހަމަޖެހުން ބާވައިލައްވައެވެ.

ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުން

މުންކަރާތްތައް ނަހީކުރުމަކީ އެކަމުގެ ސަބަބުން މާތްﷲގެ ރުއްސެވުން ހާސިލުވެ މުޖުތަމައުގެ އެންމެންގެ ކިބައިގައި ބަރަކާތް ލައްވައި، މާތްﷲގެ ކޯފާއާއި އަޛާބު ދުރުކޮށްދޭ ކަމެކެވެ. މުންކަރާތްތައް މަނާކުރުމުގެ ތިން ދަރަޖައެއް ވެއެވެ. އެއީ؛

  1. އަތުން މަނާ ކުރުމެވެ. އެބަހީ ބާރުގެ ބޭނުންކޮށްގެން މަނާކުރުމެވެ. އަތުން މަނާ ކުރުމުގެ އަހުލުވެރީންނަކީ، މުޖްތަމައުގެ އަމަން ބަލަހައްޓާ ފަރާތްތަކާއި، ދަރިން ތަރުބިއްޔަތަކުރާ ފަރާތްތަކެވެ.
  2. ދުލުން މަނާކުރުމެވެ. އެބަހީ ނަސޭހަތް ދީ، ވިސްނައިދީ ބުނެދީގެން މަނާކުރުމެވެ.
  3. ހިތުން މަނާ ކުރުމެވެ. އެއީ، މާތްﷲ ނަހީ ކުރެއްވި ކަންކަމަށް އަރައިގަންނަ މަޖިލީސްތަކާއި އެއްކިބާވެ، އެކަންމުން ދުރުހެލިވެ ނުރުހުންވާކަން ތިމާގެ އަމަލު ހާމަކުރުމެވެ.
comment ކޮމެންޓް