ވޮޝިންޓަން (މޭ 29 ) : އެމެރިކާގައި އުފައްދާ އެންމެ ފެންވަރުމަތީ ފައިޓާޖެޓް ކަމަށްވާ އެފް 35 މަރުކާގެ ޖެޓް ދުއްވުމަށް ތަމްރީންހަދާ ތުރުކީގެ އެއާފޯސް ޕައިލެޓުން އެ ތަމްރީން ޕްރޮގްރާމުން ވަކިކުރުމާމެދު ވިސްނަމުންދާ ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ބުނީ ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ގަތުމުގެ ކަންތައް ހުއްޓާނުލާނެކަން ތުރުކީން އަންގާފައިވާތީ އެފް 35 މަރުކާގެ ފައިޓާ ޖެޓް ދުއްވުމުގެ ތަމްރީން ޕްރޮގްރާމުން ތުރުކީގެ ޕައިލެޓުން ވަކިކުރުން ނޫންގޮތެއް ނެތްކަމުގަ އެވެ.
އެމެރިކާގައި އުފައްދާ އެންމެ ފެންވަރުމަތީ ފައިޓާޖެޓް ކަމަށްވާ އެފް 35 މަރުކާގެ ޖެޓްތައް އުފެއްދުމުގައި ތުރުކީގެ ހިއްސާވެސް އޮވެ އެވެ. މި ޖެޓްތައް އުފެއްދުމުގެ މަސައްކަތުގައި ތުރުކީ ވެސް އެތައް ސަތޭކަ މިލިޔަން ޑޮލަރެއް އިންވެސްޓްކޮށްފައިވެ އެވެ. އަދި އެ ބޯޓުގެ ބައެއް ބައިތައް އުފައްދާ ކާރުޚާނާތައްވެސް ތުރުކީގައި ބިނާކޮށްފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން އެފް 35 މަރުކާގެ ބައެއް ޖެޓްތައް އެމެރިކާއިން ތުރުކީއަށް ވިއްކާފައިވާއިރު އެ ޖެޓްތައް ދުއްވުމުގެ ތަމްރީން ތުރުކީގެ އެއާފޯސް ޕައިލެޓުން ގެންދަނީ އެމެރިކާގެ އެރިޒޯނާގައި ހުންނަ "ލުކާ" ވައިގެ ބޭހުގައި ހަދަމުންނެވެ. އެމެރިކާ އިން ތުރުކީއަށް ވިއްކާފައިވާ ޖެޓްތައް ވެސް އަދި ހުރީ އެމެރިކާގަ އެވެ. ޕެންޓަގަންއިން ވަނީ އެފް 35 މަރުކާގެ ފައިޓާޖެޓް ބޭނުންކުރަމުން ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ތުރުކީއަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ގަތުމުގެ ކޮންޓްރެކްޓް ކެންސަލް ކުރުމަށް އެތައް ފަހަރަކު ތުރުކީއަށް ގޮވާލާފަ އެވެ. އަދި އެ ކޮންޓްރަކްޓް އުވާނުލާނަމަ އެފް 35 މަރުކާގެ ފައިޓާޖެޓް ތުރުކީއަށް ފޯރުކޮށްނުދޭނެކަމުގެ އިންޒާރު ވެސް ޕެންޓަގަން އިންވަނީ ދީފަ އެވެ.
ނަމަވެސް ތުރުކީވަނީ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ގަތުމުގެ ކޮންޓްރަކްޓް ނިމިފައިވާކަމާއި އެ ކޮންޓްރަކްޓް އުވާލެވެންނެތްކަން އެމެރިކާއަށް އަންގާފައެވެ. (ނޫސްއެޖެންސީތައް)