އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު، އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ކަމުގައިވާ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖް މަގާމުން ދުރުކުރައްވައިފިއެވެ.
މިއީ އީރާނާއެކު އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ޕެންޓަގަންގެ އިސް ސަފަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެކެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 41 ވަނަ އާމީ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޖެނެރަލް ޖޯޖް ވަގުތުން އަމަލުކުރަން ފަށާ ގޮތަށް ރިޓަޔާކުރައްވާނެ ކަމަށެވެ. އަދި އޭނާ ގައުމަށް ކޮށްދެއްވި އެތައް އަހަރެއްގެ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި، ކުރިމަގަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޖެނެރަލް ޖޯޖްގެ އިތުރުން، އާމީ ޓްރާންސްފޯމޭޝަން އެންޑް ޓްރެއިނިން ކޮމާންޑުގެ އިސްވެރިޔާ ޖެނެރަލް ޑޭވިޑް ހޮޑްނީއާއި، އާމީ ޗެޕްލެއިން ކޯޕްސްގެ އިސްވެރިޔާ މޭޖާ ޖެނެރަލް ވިލިއަމް ގްރީން ވެސް ވަނީ މަގާމުން ދުރުކުރައްވާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޖެނެރަލް ޖޯޖްގެ ބަދަލުގައި ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ވައިސް ޗީފް އޮފް ސްޓާފް ޖެނެރަލް ކްރިސްޓޮފާ ލަނޭވްއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އާމީ ޗީފް އޮފް ސްޓާފްގެ މަގާމާ ހަވާލުވެވަޑައިގަތް ޖެނެރަލް ޖޯޖް މަގާމުން ދުރުކޮށްފައި މިވަނީ، އޭނާގެ ހަތަރު އަހަރުގެ ދައުރު ހަމަވާން އަދި އެއް އަހަރަށްވުރެ ގިނަ ދުވަސް އޮއްވައެވެ. ޖެނެރަލް ޖޯޖްއަކީ ވެސްޓް ޕޮއިންޓް މިލިޓަރީ އެކެޑަމީން ތަޢުލީމު ހާސިލުކުރައްވައި، ގަލްފް ހަނގުރާމައިގެ އިތުރުން އިރާގާއި އަފްޣާނިސްތާނުގައި ވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު އޮފިސަރެކެވެ. އޭނާ ވަނީ ކުރީގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިންގެ އިސް އަސްކަރީ މުޝީރުކަން ވެސް ކުރައްވާފައެވެ.
މީގެ ކުރިން ޑިފެންސް ސެކްރެޓަރީ ހެގްސެތު ވަނީ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ސީކިއު ބްރައުން އާއި ޗީފް އޮފް ނޭވަލް އޮޕަރޭޝަންސް އެޑްމިރަލް ލީސާ ފްރެންޗެޓީ ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އިސް ޖެނެރަލުންނާއި އެޑްމިރަލުން މަގާމުން ދުރުކުރައްވާފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޖެނެރަލް ޖޯޖް މަގާމުން ދުރުކުރީ، އަސްކަރިއްޔާގެ ޕްރޮމޯޝަން ލިސްޓަކުން ކަޅު ނަސްލުގެ ދެ އޮފިސަރުންނާއި ދެ އަންހެން އޮފިސަރުން އުނިކުރުމަށް ހެގްސެތު އެންގެވި އެންގެވުމަކަށް އޭނާ ދެކޮޅުހެއްދެވުމާ ގުޅިގެންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޕެންޓަގަންއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.