ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނަކަށް އާންމު ގޮތެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުގެ ހުރިހާ ހިސާބުތަކެއްވެސް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ތ. އަތޮޅުގެ ހަ ރަށެއްގެ އިތުރުން ލ. އަތޮޅުގެ ބައެއް ރަށް ތަކުގައި ވަނީ ފެންބޮޑުވުމުގެ އުނދަގުލާވެސް ކުރިމަތިވެފައެވެ.
އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ތ. ގުރައިދޫ، ތ. އޮމަދޫ އަދި ލ. އިސްދޫއަށެވެ.