ހުރިހާ ރިސޯޓުތަކަށް ހުއްދަދިނީ އެއް އުސޫލަކުން: މިނިސްޓްރީ

މިނިސްޓަރު އަލީވަހީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ލައިސެންސް ހިފަހައްޓާފައިވާ ހަ ރިސޯޓަކަށް ހުއްދަ ދިން އިރު، އެ ހަ ރިސޯޓަށް ވެސް ހުއްދަ ދިނީ އެއް އުސޫލަކުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރިސޯޓު ހިންގުމުގެ ހުއްދަ ބާތިލު ކޮށްފައިވާ ހަ ރިސޯޓަކަށް އަލުން ރިސޯޓު ހިންގުމުގެ ހުއްދަ ދީފައި ވަނީ އެއް އަހަރަށް ކަމަށެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ތްރީއޭ ކުންފުނިން ހިންގާ ރިސޯޓުތަކެއްގެ އޮޕަރޭޓިން ލައިސެންސް ދީފައިވާތީ، އެއީ ނުފޫޒުން ކުރިކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނިކޮށެވެ.

"އެއްބަސްވުން ހަދަން ހުރިހާ ފަރާތްތަކާ އެކު އިށީން އިރު، އެންމެ ދަތިކޮށް، އުނދަގޫކޮށް މިދިނީ ތްރީ އޭ ކުންފުންޏަށް. އެމީހުންގެ ޑިއުސް އެންމެ ބޮޑީ. އެމީހުން އެދިފައި އެބަ އޮތް ވަރަށް ގިނަ އަހަރަކަށް ބަހާލަދޭން. އެއަށް ނޫނެކޭ ބުނެފައި، ކާކު ހުރީ ކޮން މަގާމެއްގައިތޯ ނުބަލާ، އަޅުގަނޑުމެން މިދިނީ ހަމަ އެއް އަހަރު،"

އަލީ ވަހީދު ވިދާޅުވީ ދައުލަތަށް ފައިސާ ދައްކަން ހުރި ނަމަ ހިދުމަތް ނުދެވޭނެ ކަމަށް ބުނާ ސާކިޔުލާއެއް 2011 ވަނަ އަހަރު ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ ކަމަށާއި، އޭގެ ފަހުން އެ ސާކިޔުލާ އަށް ބަދަލުގެނެސް، ޑިއުސް ހުރި ނަމަވެސް އެއްބަސްވުމެއް ހަދައި ހުއްދަ ދޫކުރެވިދާނެ ކަމަށް މި އަހަރު ފިނޭންސް މިނިސްޓްރީ އިން ނެރުނު ސަކިޔުލާގައި ބުނާ ކަމަށެވެ.

https://sun.mv/118386

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އޮޕަރޭޓިން ލައިސެންސް އަނބުރާ ދިން ރަށްތަކުގެ ތެރޭގައި 2016 ވަނަ އަހަރާއި 2018 އަދި 2019 ވަނަ އަހަރު ލައިސެންސް މުއްދަތު ހަމަވެފައިވާ ރަށްތައް ވެސް ހިމެނޭ ކަމަށެވެ. ހުއްދަ ނެތި އެ ތަންތަން ހިންގަމުންދިޔަ އިރު، ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުރި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އަލުން ހުއްދަ ދިން ރިސޯޓުތަކަށް ހުއްދަ ދިނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާނެ ގޮތުގެ އެއްބަސްވުމަކަށް އާދެވުމުން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

"އަޅުގަނޑުމެން މި ނިންމީ ޑިފިކަލްޓީގައި ތިބި އެންމެންނަށް ވެސް އެއް މުއްދަތެއް އެއް ދުވަހެއްގައި ދިނުމަށް. ވެލިދޫ އެކަނި ނުނިންމުނީ ޝެއާ ހޯލްޑަރުންގެ މައްސަލައެއް އުޅޭތީ. އެއް ދުވަހަކަށް ކައުންޓުކޮށްފައި އަންނަ އަހަރު އަޅުގަނޑުމެން ނިންމާ ނިންމުން ނޫސްވެރިންގެ ކުރިމަތީގައި ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހުއްދަ ދޭން ނިންމި ރިސޯޓުތައް:

  • ފިލިތެޔޮ އައިލެންޑް ރިސޯޓު (ތްރީއޭ އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް): 8.12 މިލިއަން ޑޮލަރު ދައްކަން ޖެހޭ
  • މެދުފުށި އައިލެންޑް ރިސޯޓު (މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް): 4.29 މިލިއަން ޑޮލަރު ދައްކަން ޖެހޭ
  • ހޮނޑާފުށި އައިލެންޑް ރިސޯޓު (އަބްދުﷲ އަލީ): 409،575 ޑޮލަރު ދައްކަން ޖެހޭ
  • ޑްރިފްޓް ތެލު ވެލިގާ ރިޓްރީޓް (ތެލުވެރިލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް): 316،165.66 ޑޮލަރު ދައްކަން ޖެހޭ
  • ކިހާ މޯލްޑިވްސް (އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް): 3.09 މިލިއަން ޑޮލަރު ދައްކަން ޖެހޭ
  • ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާ (އިބްރާހިމް އަލީ މަނިކު): 3.89 މިލިއަން ޑޮލަރު ދައްކަން ޖެހޭ

މި ރިސޯޓުތަކުގެ ހުއްދަ މީގެ ކުރިން ބާތިލުކޮށްފައިވަނީ ދައުލަތަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެންނެވެ.

"ރާއްޖޭގައި މިހާރު ހިންގާ 150 ރިސޯޓު. ރާއްޖޭގައި ރިސޯޓު އިންޑަސްޓްރީގެ ގިނަ ފަރާތްތައް އަމަލުކުރަނީ ރަނގަޅަށް،" މިނިސްޓަރު އަލީވަހީދު ވިދާޅުވިއެވެ.

ފ. އަތޮޅު ފިލިތެޔޮ ރިސޯޓާއި ދ. އަތޮޅު މެދަފުއްޓާއި ހދ. ހޮނޑާފުއްޓަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ތަންތަނެވެ.

https://sun.mv/119616

comment ކޮމެންޓް