ފައިސާގެ ގަވައިދެއް ބަދަލު ކުރާ ނަމަ ފިނޭންސަށް އަންގަން ޖެހޭނެ

މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ދައްކަންޖެހޭ ފައިސާއާ ގުޅޭ އެއްވެސް ގަވައިދަކަށް ބަދަލުގެންނަ ނަމަ ފިނޭންސް އަށް އަންގަންޖެހޭގޮތަށް ހަދައި، ސާކިޔުލާއެއް ނެރެފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު އާންމު ކުރި ސާކިޔުލާގައި ބުނެފައިވަނީ ދައުލަތަށް ފައިސާ ދައްކަންޖެހޭގޮތަށް ދައުލަތުގެ އޮފީހަކުން ހަދާފައިވާ އެގްރިމެންޓަކަށް ބަދަލުގެންނަ ނަމަ، އެ ބަދަލު ގެނައުމުގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އަށް އަންގަންޖެހޭނެ ކަމަށެވެ.

އެ ސާކިޔުލާގައި ބުނެފައިވަނީ އެފަދަ އެގްރިމެންޓެއް ކުރެވިފައިވާ ފަރާތް ބަދަލުވުމުގެ ކުރިން ނުވަތަ އެގްރިމެންޓް އާ ކުރުމުގެ ކުރިން ނުވަތަ އެގްރިމެންޓްގެ މުއްދަތު އިތުރުކުރުމުގެ ކުރިންވެސް މީރާ އަށް އަންގަންޖެހޭނެ ކަމަށެވެ.

އަދި އެގްރިމެންޓުގެ ދަށުން ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭނަމަ، އެގްރިމެންޓުގެ ބައިވެރިން އެއްބަސްވާގޮތެއްގެ މަތިން އެ ފައިސާ ދައުލަތަށް ދައްކާނެގޮތެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި މި ބަދަލުތައް ގެންނަނަމަ، އެކަން ލިޔުމަކުން މީރާ އަށް އެންގުމަށްވެސް އެ ސާކިޔުލާގައި ބުނެފައި ވެއެވެ.

ފިނޭންސްގެ ސަކިޔުލާގައި ބުނެފައިވަނީ ގާނޫނެއް ނުވަތަ ގަވައިދެއްގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހިނދެއްގައި އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސެއް ދިނުމާއި، އާކުރުމާއި، ބަދަލުގެނައުމާއި ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމާއި އެނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތްތޯ ކަށަވަރު ކުރުމަށ މީރާގެ ލިޔުމެއް ހޯދަންޖެހޭނެ ކަމަށެވެ.

އަދި ދައުލަތަށް ފައިސާ ދައްކަންޖެހޭނަމަ، ފައިސާ ދައްކަންޖެހޭ ފަރާތާއި އެ ފައިސާ އާއި ގުޅޭ މުއާމަލަތުގައި ހިމެނޭ ދައުލަތުގެ އޮފީހާ ދެމެދު އެއްބަސްވާ ގޮތެއްގެމަތިން އެ ފައިސާ ދައުލަތަށް ދައްކާނެ ގޮތެއް ހަމަޖައްސަންވާނެ ކަމަށްވެސް އެ ސާކިޔުލާގައި ބުނެފައިވެއެވެ.

މިގޮތުގެ މަތިން ލައިސަންސެއް ނޫނީ ހުއްދައެއް ދޫކޮށްފިނަމަ ނުވަތަ އާކޮށްފިނަމަ ނުވަތަ ހުއްދަ ނޫނީ ލައިސަންސަކަށް ބަދަލުގެނެސްފިނަމަ ނޫނީ ވިޔަފާރި ހިންގާ ފަރާތް ބަދަލުވެއްޖެނަމަ އެކަން އެ އޮފީހަކުން މީރާ އަށް އަންގަން ޖެހޭނެ ކަމަށްވެސް ސާކިޔުލާގައި ވެއެވެ.

މީގެ އިތުރުން ދައުލަތުގެ އޮފީހަކުން ހަދާފައިވާ ގަވައިދެއްގެ ދަށުންދައްކަންޖެހޭ ފައިސާއަކާގުޅޭ ގޮތުން އެފަދަ ގަވައިދަކަށް ބަދަލު ގެނައުމުގެ ކުރިން، އެ ބަދަލު ގެނެސްގެން ދައުލަތުގެ އާމްދަނީއަށް ކޮށްފާނެ އަސަރާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ލަފާ ލިޔުމުން ނުހޯދާ، އެ ބަދަލު ނުގެނައުމަށްވެސް އެ ސާކިޔުލާގައި ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން މިފަދަ ސާކިޔުލާއެއް ނެރެފައިވަނީ ދައުލަތުގެ ބައެއް އޮފީސްތަކުންނާއި ކުންފުނިތަކުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ މައްސަލަތަކެއް ކޯޓުގައި ހިނގަމުންދަނިކޮށެވެ. އޭގެ ތެރެއިން ބައެއް ފައިސާ ދައުލަތުގެ މުވައްސަސާތަކުން ވަނީ ކުންފުނިތަކަށް ދައްކައިފައެވެ.

comment ކޮމެންޓް