ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން އެންމެ މާތްވެގެންވާ އަދި އެންމެ މަތިވެރިވެގެންވާ ރެޔަކީ ليلة القدر ވިލޭރެއެވެ. އެރޭގެ މާތްކަމާއި މަތިވެރިކަން ހޯދަމުށް އެދޭ މީހާ ރަމަޟާންމަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައެވެ.
ލައިލަތުލްޤަދްރި ވިލޭރެއަށް އެ ނަން ދެވިގެންވާ ސަބަބު:
އެރޭގެ ނަމާއި ބެހޭގޮތުން الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. އެރެއަށް އެނަން ދެވުނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
- އެރެއަށް ليلة القدر (ލައިލަތުލްޤަދްރި) އޭ ކިޔުނީ، އެރެއަކީ ގަދަރު އުފުއްލެވިގެންވާ ރެއަކަށް ވާތީއެވެ. ލައިލަތުލްޤަދްރީގެ މާނައަކީ ޝަރަފުވެރިވެގެންވާ ރެއެވެ.
- އޭރޭގައި އެ އަހަރުގެ ތެރޭގައި ވާނޭ ކަންކަމުގެ ތަގުދީރު ކުރެވި މިންވަރު ކަނޑައެޅޭތީއެވެ. ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ހިނގާނޭ ކަންކަން އެރޭގައި ލިޔުއްވެއެވެ. މިކަން ހިމެނިގެން ދަނީ މާތްﷲގެ ހިކުމަތްވަންތަކަމުގެ ތެރެއިންނެވެ.
- ބުނެވެއެވެ. އެރެޔަށް ލައިލަތުލްޤަދްރި މިނަން ދެވުނީ އެރޭގައި ކުރެވޭ އަޅުކަމުގެ ގަދަރު މަތިވެރިވެގެންވާ ކަމަށްޓަކައެވެ. އެހެނީ އީމާންކަންމަތީގައި ހުރެ ދަރުމަޔާއި ޘަވާބު އެދިގެން އެރޭގެ އަޅުކަން ކޮށްފި މީހެއްގެ އިސްވެ ދިޔަހާ ފާފަތަކެއް ފުއްސަވައި ދެއްވާނޭކަމުގައި ރިވާވެގެންވެއެވެ.
ލައިލަތުލްޤަދްރި ވިލޭރޭގެ ބައެއް އަލާމާތްތައް
ލައިލަތުލްޤަދްރި ވިލޭރެއާ ގުޅިފައިވާ ބައެއް ޢަލާމާތްތައް ނުވަތަ ބައެއް ސިފަތައް ޢިލްމުވެރިން ބަޔާންކުރައްވާފައެވެ. ނަމަވެސް އެއިން ކޮންމެ ކަމަކީ ފާހަގަ ނުވެދާނޭކަންކަމެވެ. އަދި އެރޭގެ ދަރުމައާއި ސަވާބަށް އެދިގެން އަޅުކަންކުރާ މީހަކު ފަހު ދިހައެއްގެ އެންމެ ރެއެއްވެސް ދޫކޮށްނުލައި އަޅުކަމުގައި ދެމިހުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުންމަތަށް އިރުޝާދު ދެއްވާފައެވެ.
الشيخ ابن عثيمين ރަޙިމަހުﷲ ލައިލަތުލްޤަދްރީގެ އަލާމަތްތަކާއި ބެހޭގޮތުން ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރެއިން އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- އެރޭގެ އަލިކަން ގަދަވެގެންވެއެވެ. މިޒަމާނުގައި އަލިކޮށް ދިއްލާފައި ހުންނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް މި އަލާމާތް ދެނެގަތުން ފަސޭހައެއް ނުވާނެއެވެ. މި އަލިކަން އިހުސާސް ވާނީ އަލިކަމާ ދުރު ހިސާބުތަކުގައި އުޅޭ މީސްތަކުންނަށެވެ.
- ހިތްހަމަޖެހުމާއި މުއުމިނުތަކުންގެ ހިތްތައް انشراحވުން އެރޭގައި ހިމެނެއެވެ. އެބަހީ އެހެން ރޭތަކުގައި އިހުސާސް ނުވާފަދަ ހިތްހަމަޖެހުމެއް އެރޭ އިޙްސާސްވާނެއެވެ. އަދި ހިތުގެ ނުތަނަވަސްކަން ފިލައި ހިތްތަނަވަސްވުން އެރޭ ލިބިގެންދާނެއެވެ.
- އެރޭގައި ޖެހޭ ވައިރޯޅި މަޑުވެ ހަމަހިމޭންވެގެން ވެއެވެ. ގަދަފަދަ ރޯޅިތަކާއި ވައިގަދަވުމެއް އެރެއަކު ނުވެއެވެ. އެރޭގެ ޖައްވު އޮންނާނީ ވަރަށް މުނާސަބު ޙާލަތެއްގައެވެ.
- މުއުމިނުތަކުންނަށް އެރޭގެ ރޭއަޅުކަމުގެ ލައްޒަތާއި މީރުކަން އިހުސާސްވުން އެހެން ރޭތަކަށްވުރެ އިތުރުވެގެންވެއެވެ.
އެރޭ ނިމިގެންދާހިނދު ފެންނަ ބައެއް ޢަލާމާތްތައް
އެރޭގެ ފަތިހު އިރު އަރާއިރު ދޯދިތަކެއް ނުހުންނާނެއެވެ. އެބަހީ އިރުއެރުމުގެ ކުރީގައި އާންމުގޮތެއްގައި އުދަރެހަށް ފާއްދާލާފައިހުންނަ ދޯދިތައް އެރެއަކު ނުހުންނާނެއެވެ. ސަހީހު މުސްލިމުގައި ރިވާވެގެންވެއެވެ. "އެރޭގެ (ހެނދުނުވުމުން) އިރުއަރާހިނދު އޭގައި ދޯދިތަކެއް ނުހުންނާނެއެވެ."
މިފަދަ އަލާމާތްތަކެއް އެރޭގައި ހިމެނިގެންވިއެއްކަމަކު މިކަންކަން ބަލައި ދެނެގަތުމަށް މަސައްކަތް ކުރުމަކީ ހަގީގަތުގައި އެރޭގެ ހެޔޮ އަމަލުކުރުމަށް ލިބޭ ފުރުސަތުން މަހުރޫމު ކުރުވަނިވި ކަމަކަށްވުން އެކަށީގެންވެއެވެ.
ވީމާ، ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން އެދޭމީހާ، އެދެވިގެންވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތަކުގައި ހެޔޮ އަމަލުތަކުރުމުގައި ދެމިހުރުމެވެ.
ލައިލަތުލްޤަދްރީގެ މާތްކަން
- އެކެއް: އެރެއަކީ މާތްﷲ ކީރިތި ޤުރްއާން ބާވައިލެއްވި ރޭ ކަމުގައިވުން. "إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ"(القدر 1) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލްޤަދްރި ވިލޭރޭގައެވެ."
- ދޭއް: އެރެއަކީ ބަރަކާތްތެރި ރެއެއް ކަމުގައިވުން. "إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ" (الدخان 3) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ."
- ތިނެއް: އެރޭގައި، އެ އަހުރުތެރޭގައި ހިނގާނޭ ކަންކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ތަގުދީރު ކުރެއްވުމާއި ރިޒުގު ލިޔުއްވުމާއި އަޖަލު ކަނޑައަޅުއްވުން ހިމެނެއެވެ. "فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ" (الدخان 4) މާނައީ: "އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ."
- ހަތަރެއް: އަހަރުގެ އެހެން ރޭތަކަށްވުރެ އެރޭގެ އަޅުކަން މާތްވެގެންވެއެވެ. "لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ" (القدر 3) މާނައީ: "ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."
- ފަހެއް: އެރޭގައި މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަންނަވާނެއެވެ. "تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ" (القدر 4) މާނައީ: "މަލާއިކަތުންނާއި ޖިބުރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ."
- ހައެއް: އެރެއަކީ އަމާންކަމާއި ސަލާމަތްކަން ލެއްވިގެންވާ ރެއެކެވެ. އެރޭގެ ހެޔޮ އަމަލުތައް ގިނަވެ ބަރަކާތް އިތުރުވެގެންވެއެވެ. "سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ" (القدر 5) މާނައީ: "އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ."
އެރޭގެ ދަރުމައާއި ޘަވާބަށް އެދި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ވީމާ މި މަތިވެރި ރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ވަސިއްޔަތް ކުރަމެވެ.