ރަމަޟާން މަހުގެ އަޅުކަމުން ލިބޭ އެއް ފިލާވަޅަކީ ވަކި ތަރުތީބަކުން، ވަކި ނިޒާމަކަށް ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރުމެވެ. ރޯދައިގެ އަޅުކަމުގެ އިތުރުން އިސްލާމްދީނުގެ ހުރިހާ ރުކުންތަކެއްގައިވެސް ކަން އޮތީ މި އުސޫލަށެވެ. ވަކި ތަރުތީބަކުން، ވަކި ނިޒާމެއްގެ ދަށުން އެ އަޅުކަން އަދާކުރުމަށެވެ. ކާއިނާތުގައިވާ ހުރިހާ އެއްޗެއްވެސް ލައްވާފައިވަނީ ހަމަމި ގަވައިދުގެ މަތީގައެވެ. ވަކި ނިޒާމަކުން ވަކި ތަރުތީބަކުން ހިނގަމުންދާ ގޮތުގައެވެ.
މާތްﷲ ވަހީކުރައްވާފައެވެ. ﴿ وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ * وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّى عَادَ كَالْعُرْجُونِ الْقَدِيمِ * لَا الشَّمْسُ يَنْبَغِي لَهَا أَنْ تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ ﴾ (يس: 38 – 40) މާނައީ: "އަދި އިރު، އެއަށް ކަނޑައެޅި ގަރާރުވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ. * އަދި ހަނދަށް ތިމަންރަސްކަލާނގެ މަންޒިލުތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.) * ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ."
މިކައުނުގެ ހުރިހާ ކަމެއްވެސް ހިނގަމުންދަނީ ތަރުތީބު ކުރެވިފައިވާ ފުރިހަމަ ނިޒާމެއްގެ މަތީންނެވެ. އިރު ހަނދާއި ތަރިތަކާއި އުޑުތަކާއި ބިންވެސް ލައްވާފައިވަނީ މި ފުރިހަމަ ތަރުތީބަށް ތަބާވާގޮތުގައެވެ. ﴿صُنْعَ اللَّهِ الَّذِي أَتْقَنَ كُلَّ شَيْءٍ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ﴾ (النمل 88) މާނައީ: "(އެއީ) ﷲގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކާމެދު ނަޒަރު ހިންގާލައި އޭނގައިވާ މާނަތަކަށް ވިސްނައިލުމުންވެސް އެނގިގެންދަނީ، އެޤުރްއާން އަޅުތަކުންނަށް އުނގަންނައިދެނީ ތަރުތީބަކުން، ވަކި ނިޒާމެއްގެ މަތީގައި ދެމިހުރުމަށް ކަމެވެ. ﴿ وَالصَّافَّاتِ صَفًّا ﴾ (الصافات 1) މާނައީ: "ސަފުސަފަށް ތިއްބަވާ މަލާއިކަތުން ގަންދެއްވައި ވަޙީކުރައްވަމެވެ." ގިޔާމަތް ދުވަހުގައިކަން ހިނގާނީވެސް ހަމަ މިމޭރުމުންނެވެ. އެ ދުވަހު މަލާއިކަތުން ވަޑައިގަންނަވާނީ ސަފުސަފަށް ކަމުގައި ކީރިތި ޤުރްއާނުގައިވަނީ އަންގަވާފައެވެ. އަދި ގިޔާމަތްދުވަހު މީސްތަކުންގެ އަމަލުތައް އެބައިމީހުންނަށް ހުށަހެޅޭހިނދު މީސްތަކުންނާމެދު ކަން ހިނގަމުން ދާނީވެސް ފުރިހަމަ ތަރުތީބުންނެވެ. ﴿ وَعُرِضُوا عَلَى رَبِّكَ صَفًّا لَقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ بَلْ زَعَمْتُمْ أَلَّنْ نَجْعَلَ لَكُمْ مَوْعِدًا ﴾ (الكهف 48) މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޟުރަތަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި ﷲ ވަހީކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެ ފުރަތަމަ ފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ހަޟުރަތަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (މަހުޝަރަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭ ކަމަށެވެ."
ވަކި ތަރުތީބަކުން، އިންތިޒާމުގެ ދަށުން ކަންކަން ކުރުމަށް ކީރިތި ގުރްއާނުން އިރުޝާދު ލިބޭފަދައިން ކީރިތި ރަސޫލާ صلى الله عليه وسلمގެ ހަޔާތްޕުޅުގައި، އެކަލޭގެފާނު އުނގަންނަވައި ދެއްވި ކަންކަމުގައިވެސް ތަރުތީބާއި ހަމަ ހިފެހެއްޓެވުމަށް އެކަލޭގެފާނު ސަމާލުކަން ދެއްވިކަން ރިވާވެގެން އައިސްފައިވެއެވެ. ދީނުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ނަމާދުގެ ޖަމާއަތުގައި ސަފު ހަދާއިރު ބަދަހިކަމާއެކު ގުޅި ލާމެހިގެންދާ ގޮތަށް ސަފުތައް ތަރުތީބުކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ބާރުއެޅުއްވިއެވެ. އަބޫ މަސްއޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ صلى الله عليه وسلم ތިމަންމެންގެ ކޮނޑުގައި ހިއްޕަވައި ސީދާކުރައްވަމުން ހަދީޘް ކުރައްވައެވެ." "اسْتَوُوا وَلاَ تَخْتَلِفُوا، فَتَخْتَلِفَ قُلُوبُكُمْ، لِيَلِني مِنْكُمْ أُولُوا الأحْلاَمِ وَالنُّهَى، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ". رواه مسلم މާނައީ: "ތިޔަބައިމީހުން ސަފުތަކުގައި ހަމަހަމައަށް ސީދަލަށް ތިބޭށެވެ! އަދި ވަކިވަކިން ދުރުދުރުގައި ނުތިބޭށެވެ! އެހެން ތިބެނީނަމަ ތިޔަބައިމީހުންގެ ހިތްތައް ވަކިވަކިވެދާހުއްޓެވެ. (އެބަހީ: ދެބަސްވުމާއި ދެކޮޅުވެރިކަން ތިޔަބައިމީހުންގެ މެދުގައި އުފެދިދާހުއްޓެވެ.) ނަމާދަށް ސަފުތައް ހަދާއިރު، ތިޔަބައިމީހުންކުރެ ތަންދޮރު ފިލާ ބުއްދީގެ އަހުލުވެރިން، ތިމަން ކަލޭގެފާނާ އެންމެ އަރިހުގައި ތިބޭހުށީކަމެވެ. ދެން، އެއާ ޖެހުނު މީހުންނެވެ. ދެން، އެއާ ޖެހުނު މީހުންނެވެ."
ނަމާދުގައި އިމާމާއަށް ފުރިހަމައަށް ތަބާވުމަށްވެސް އިތުރު އެކަލޭގެފާނުވަނީ ނުހަނު ބާރު އަޅުއްވާފައެވެ. އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ، فَلاَ تَخْتَلِفُوا عَلَيْهِ، فَإِذَا رَكَعَ، فَارْكَعُوا، وَإِذَا قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ، فَقُولُوا: رَبَّنَا لَكَ الحَمْدُ، وَإِذَا سَجَدَ فَاسْجُدُوا، وَإِذَا صَلَّى جَالِسًا، فَصَلُّوا جُلُوسًا أَجْمَعُونَ، وَأَقِيمُوا الصَّفَّ فِي الصَّلاَةِ، فَإِنَّ إِقَامَةَ الصَّفِّ مِنْ حُسْنِ الصَّلاَةِ" رواه البخاري މާނައީ: "ނަމާދުގައި އިމާމާއަކީ އޭނާއާ ތަބާވުމަށްޓަކައި ހުންނަ މީހެކެވެ. އިމާމު މީހާއާއި ޚިލާފުވެ ތަފާތުނުވާހުށިކަމެވެ. އިމާމު މީހާ ރުކޫއުކޮށްފިނަމަ ފަހެ ތިޔަބައިމީހުންވެސް ރުކޫއު ކުރާށެވެ! އިމާމު މިހާ سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔައިފިނަމަ ތިޔަބައިމީހުން رَبَّنَا لَكَ الحَمْدُ ކިޔާށެވެ. އިމާމު މީހާ ސަޖިދަކުރުމުން ތިޔަބައިމީހުންވެސް ސަޖިދަ ކުރާށެވެ. އަދި އޭނާ އިށީނދެ އިނދެ ނަމާދުކުރަނީނަމަ ތިޔަބައިމީހުން އެންމެވެސް އިށީނދެގެން ތިބެ ނަމާދުކުރާށެވެ. ނަމާދުކުރުމަށް ސަފު ފުރިހަމައަށް ހަދާށެވެ. އެހެނީ ފުރިހަމައަށް ސަފު ހެދުމަކީ ނަމާދުގެ ފުރިހަމަވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ."
ނަމާދަކީ އަޅުގަނޑުމެންނަށް ދިރިއުޅުމުގެ ހަމައާއި ތަރުތީބާއި ނިޒާމު އުނގަންނައިދޭ އަޅުކަމެކެވެ. ރެއަކާއި ދުވާލު ކުރެވޭ ފަރުޟު ފަސް ނަމާދުގެ ކުރީގައި ނަޖިހުން ތާހިރުވުމާއި، ވުޟޫކުރުމަކީ ނަމާދު ސައްހަވުމުގެ ތެރެއިން ހިމެނޭ ޝަރުތުތަކެކެވެ. ކޮންމެ ނަމާދަކަށް ވަކި ވަގުތެއް ކަނޑައަޅުއްވާފައިވުމާއި، އަދި ކޮންމެ ނަމާދެއްގެ ރަކުއަތްތަކުގެ އަދަދުވެސް ވަނީ ކަނޑައަޅުއްވައި ދެއްވާފައެވެ. އެ ރަކުއަތްތަކުގެ އަދަދަށްވުރެ މަދުން ނުވަތަ ގިނައިން ކުރުމަކީ ނަމާދު ބާތިލުވާނެ ކަމެއްކެވެ.
ޒަކާތުގެ އަޅުކަންމުގައިވެސް ކަންއޮތްގޮތަކީ މިއީއެވެ. ޒަކާތުގެ އަހުކާމްތަކުގެ ތެރޭގައި، ޒަކާތް ނެރުން ވާޖިބުވެގެންވާ މުދަލާއި، ޒަކާތުގެ ނިސާބު ހަމަވާ މިންގަނޑުތަކާއި، އަހަރު ހަމަވުމާއި، ޒަކާތް ދިނުން ހައްގުވެގެންވާ ފަރާތްތައްވެސް ވަނީ ޤުރްއާނާއި ސުންނަތުގައި ތަފްސީލުކޮށް ބަޔާންކުރައްވާފައެވެ.
ރޯދައިގެ އަޅުކަންވެސް އަދާކުރުމަށް ކަނޑައެޅިފައިވަނީ ރަމަޟާންމަހުގައެވެ. ރޯދައަށް ހުންނަ ދުވަހުގައި، ފަޖުރުއްސާދިގުގެ އަލިކަން ފާޅުވީއްސުރެ، އިރު އޮއްސިއްޖައުމަށް ދާންދެން ކެއިންބުއިމާއި، ދެމަފިރިކަމުގެ ގުޅުން ހިންގުމުން އެއްކިބާވެހުރެ މެނުވީ ރޯދައިގެ އަޅުކަން އަދާ ނުކުރެވޭނެތެވެ.
ހައްޖުގެ އަޅުކަންވެސް އޮތީ ހަމަ އެ އުސޫލުންނެވެ. ހައްޖުގެ މައްސަރުތައް ވަނީ ކަނޑައަޅުއްވާފައެވެ. ހަމައެފަދައިން ހައްޖުގެ އަޅުކަން އަދާކުރެވޭ މަޝާއިރުތަކާއި، ހައްޖުގެ އަޅުކަން އަދާކުރުމުގައި އަމަލުކުރަންޖެހޭނޭ ގޮތްތަކާއި، އެ މަނާސިކުތައް ފުރިހަމަކުރަންޖެހޭ ވަގުތުތައްވެސް ވަނީ ބަޔާންކުރައްވައި ތަފްސީލުކޮށްދެއްވާފައެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގެ ބައެއް މީހުންނަކީ އެއްވެސް އިންތިޒާމެއް ތަރުތީބެއް ދަސްވެފައިވާ ބައެއް ނޫނެވެ. ކަންނެތްކަމާއެކު، ސާފުތާހިރުވުމެއް ނެތި، ތިމާ ހިތުހުރި ވަގުތެއްގައި ބޭނުންހާ ކަމެއް ކުރުމަކީ ދިރިއުޅުން ބޮއްސުންލާފައިވުމެވެ. އެއީ މިނިވަންކަމެއް ނޫނެވެ. ނިދިން ހޭލެވުމާއެކު މޫނު ދޮވުމެއް ދަތް އުނގުޅުމެއްނެތި ކޮފީއެއް ބޯލުމަކީ ތަހުޒީބެއް ނޫނެވެ. އެއީ ކަންނެތްކަމެވެ. އަދާކުރާ ވަޒީފާއަށް ގަޑިޖެހިގެން ދިއުމާއި ބައްދަލުވުންތަކަށް ހާޟިރުވުމުގައި ގަޑިއަށް ފަރުވާލެއް ނުބެހެއްޓުމަކީ ކުރިއަރާފައިވުމެއް ނޫނެވެ. ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތަކަށް އެއްވެސް އަހަންމިއްޔަތެއް ނުދިނުމަކީ ފަރުވާކުޑަކަމެވެ. އެއީ ތިމާގެ ކުޅަދާނަކަމާއި މޮޅުކަމެއް ނޫނެވެ.
މުސްލިމެއްގެ ހަޔާތަކީ އެއްވެސް މާނައެއް ނެތް، ފަރުވާކުޑަކަމާއި ކަންނެތްކަމުން ފުރިފައިވާ ވަގުތުތަކެއް ނޫނެވެ. ދިރިއުޅުން ބޭކާރު ގޮތުގައި ނަގާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. އިންތިޒާމާއި ތަރުތީބަކީ އަޅުނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދީފައިވާ ތަރުބިއްޔަތެވެ.
އަޅުގަނޑުމެންގެ ހަޔާތް ބާއްޖަވެރިކުރުމަށް އެދޭނަމަ އިންތިޒާމާއި ތަރުތީބުން ދިރިއުޅުމުގެ ކަންކަން ކުރުމަށް ފަރުވާތެރިވުމަށް ވަސިއްޔަތް ކުރަމެވެ.