ޖޫރިމަނާ ފައިސާ އުނިކޮށް، ޕީޕީއެމަށް ފައިސާ ދޫކުރަން ފޮނުވައިފި

ޕީޕީއެމްގެ ސައިޒު ޖަލްސާގެ ތެރެއިން --- ފޮޓޯ: ޓްވިޓާ

ޕާޓީތަކުން ގާނޫނާ ހިލާފުވެގެން ދައްކަންޖެހޭ ފައިސާ އެޕާޓީއަކަށް ދޫކުރާ ފައިސާއިން އުނިކޮށް ފައިސާ ލިބޭ ޕާޓީތަކަށް ފައިސާ ދޫކުރަން ފޮނުވައިފި އެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށެވެ. އެއީ އެމްޑީޕީ ޕީޕީއެމް ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ. މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން އެދުނު ޕާޓީތަކުގެ ތެރޭގައި ޕީޕީއެމްއެއް ނުހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ ޕީޕީއެމް ހިމެނޭ ގޮތަށް ހަތަރު ޕާޓީއަށް ފައިސާ ދޫކުރަން ފޮނުވާފައިވާ ކަމަށެވެ. ފައިސާ ދޫކުރަން ފޮނުވާފައިވަނީ މީގެ ކުރިން ޕާޓީތައް ޖޫރިނަމާކޮށްފައިވާ ފައިސާ ޕާޓީތަކަށް ދޭން ޖެހޭ ފައިސާއިން އުނިކޮށްފައި ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޕާޓީތަކަށް ފައިސާ ދޭގޮތް

  • އެމްޑީޕީ - 12.7 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ - 2.5 މިލިއަން ރުފިޔާ
  • ޕީޕީއެމް - 9.28 މިލިއަން ރުފިޔާ
  • އެމްޑީއޭ - 2.03 މިލިއަން ރުފިޔާ

ޖޫރިމަނާ ފައިސާ ނުދައްކައި ވަނީ ދެ ޕާޓީ އެކެވެ، އެއީ އެމްޑީޕީ އަދި ޕީޕީއެމް އެވެ. އެމްޑީޕީ މިދިޔަ އަހަރު ޖޫރިމަނާ ކޮށްފައިވަނީ 60،000 ރުފިޔާއިންނެވެ. އަދި ޕީޕީއެމް ޖޫރިމަނާ ކޮށްފައިވަނީ 95،000 ރުފިޔާއިންނެވެ.

ޖޫރިމަނާ ފައިސާ ވަނީ އެ ދެ ޕާޓީއަށް ދޭ ޖުމްލަ ފައިސާއިން އުނިކޮށްފަ އެވެ. އަދި މިހާރު ފައިސާ ލިބޭ ހުރިހާ ޕާޓީތަކަށް ވެސް ފައިސާ ޖަމާކޮށްދޭން މިހާރު ވަނީ ފޮނުވާފަ އެވެ.

ހަތަރު ޕާޓީއަށް ޖުމްލަ 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޖަމާކޮށްދެ އެވެ.

comment ކޮމެންޓް