ޕެލޭގެ ނަސީބު ގަދަ ޖާޒީގެ ހަގީގަތް

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޕެލޭ ބްރެޒިލްގެ ސަންޓޯސްއަށް ކުޅުނު ދުވަސްވަރުގެ ތެރެއިން ---

ކޮންމެ މީހަކީ ވެސް އެމީހެއްގެ ކާމިޔާބީގެ ފުރަގަހުގައި ކޮންމެވެސް ކަހަލަ ނަސީބެއް ވާ ކަމަށް އެމީހެއްގެ ސިކުނޑި ގަބޫލު ކުރާނެ މީހެކެވެ. އެގޮތުން ކުޅިވަރުތަކުގައި ވެސް ކުޅުންތެރިންގެ ކާމިޔާބީގެ ފަހަތުގައި ހާއްސަ ބޫޓެއް ނުވަތަ ހާއްސަ ގޮތަކަށް ބޯ ކޮށައިގެން ކުޅެން އެރުމުން މޮޅުވާ ކަމުގެ ވާހަަކަ އަކީ އަބަދުވެސް އަޑު އިވޭ ވާހަކަ ތަކެކެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ޕެލޭ އަކީ ވެސް އެފަދަ ގަބޫލު ކުރުންތަކެއް ގެންގުޅުނު ކުޅުންތެރި އެކެވެ. އެގޮތުން 1960 ގެ މެދުތެރޭގައި ޕެލޭގެ ފޯމު ކުއްލިއަކަށް ގެއްލުނެވެ. ކޮންމެ މެޗެއްގައި ކަހަލަ ގޮަތަކަށް ގޯލު ޖަހަމުން އައި ބްރެޒިލްގެ ސަންޓޯސްއަށް ކުޅެމުން އައި ޕެލޭއަށް އުޅެ އުޅެ ވެސް ގޯލެއް ނުޖެހި މެޗު ނިންމާލަން ޖެހޭތަން އަންނަން ފެށި އެވެ.

އެކަމުގެ ސަބަބުން ޓީމުގެ ސަޕޯޓަރުންނާއި މެނޭޖްމެންޓުން ވެސް ކަންބޮޑުވި އެވެ. އަދި ގިނަ ފާޑު ކިއުންތަކެއް ވެސް ޕެލޭއަށް އަމާޒުވާން ފެށި އެވެ. މިކަމާ ޕެލޭގެ މާޔޫސްކަން ވެސް ދިޔައީ ދުވަހަކަށް ވުރެން ދުވަހެއް އިތުރު ވަމުންނެވެ. އެންމެ ފަހުން އޭނާ ނިންމީ އޭނަގެ ކުޅުމަށް ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބު ދިރާސާ ކުރާށެވެ.

ޕެލޭ ކުރި ދިރާސާއިން އޭނާއަށް އިނގުނީ އޭނާއަށް ދިމާވެގެން އުޅޭ މައްސަލަ އަކީ އޭނަގެ ނަސީބު ގަދަ ޖާޒީ ކޮންމެވެސް ސަޕޯޓަރަކަށް މެޗެއް ނިންމާލާފައި ހަދިޔާއަކަށް ދިނުމެވެ. އޭނާ ގަބޫލު ކުރި ގޮތުގައި އެ ޖާޒީއާ ނުލާ އޭނައަށް މޮޅަށް ނުކުޅެވޭނެ އެވެ.

ޕެލޭގެ ނަސީބުވެރި ޖާޒީ ހޯދަން އޭނާ ޑިޓެކްޓިވް އެއް ވެސް ހޯދި އެވެ. އަދި އޭނަގެ ޖާޒީ އަނބުރާ ހޯދަން އެ ސަޕޯޓަރު ހޯދައި އެ ޖާޒީގެ ބަދަލުގައި އެހެން ޖާޒީއެއް ދިނުމަށް އެ ޑިޓެކްޓިވް ގާތުން ޕެލޭ އެދުނެވެ.

ޖެހިގެން އައި ދުވަހު ޑިޓެކްޓިވް ޕެލޭގެ ޖާޒީ ހިފައިގެން އަތުވެއްޖެ އެވެ. ޕެލޭ އުފަލުން އެ ޖާޒީ ލައިގެން ޖެހިގެން އައި މެޗު ކުޅުނެވެ. އެ މެޗުގައި އޭނާ ހެޓްރިކެއް ވެސް ހެދިއެވެ. ޕްލޭގެ ފޯމު ހަމައަކަށް އެޅި ކޮންމެ މެޗެއްގައި ވެސް ގޯލުތައް ޖެހެން ފެށި އެވެ.

ނަމަވެސް ޕެލޭގެ ޑިޓެކްޓިވް ހަގީގަތް ހާމަ ކުރީ މާ ފަހުންނެވެ. އޭނާ ބުނި ގޮތުގައި އޭނާ ސަޕޯޓަރުގެ ގާތަށް ގޮސް ޕެލޭގެ ޖާޒީއެއް ނުހޯދަ އެވެ. އޭނާ ޕެލޭއާ ހަވާލު ކުރީ ކުރީ މެޗުގައި ވެސް ޕެލޭ ކުޅުނު ޖާޒީއެވެ. ގިނަ ފަހަރަށް ކަންތައް ވަނީ ވެސް މިހެންނެވެ. ތިމާގެ ނަސީބޭ ހިތައް އަރައިގެން އުޅޭ އެއްޗަކީ ނަސީބު ގަދަ އެއްޗެކަށް ނުވެ ވެސް ވެދާނެ އެވެ. އެއީ ހަމަ ސިކުނޑި ގަބޫލު ކުރާ ގަބޫލު ކުރުންތަކެކެވެ.

comment ކޮމެންޓް