މޭޑޭގައި ފިސްތޯލައަކާއި ތިން ވަޒަން ގެންގުޅު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އިއްވި 10 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރީ، ކުރީގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)، (ރ)، އަދި (ކ) ގައި ބުނާ ކުށްތައް އޭނާ ކުރި ކަމަށް ބުނެ، އެ ގާނޫނުގެ ދަށުންނެވެ. އެ މައްސަލަ ސާބިތުވެ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ 5 ޖޫން 2016ގަ އެވެ. އެ މައްސަަލަ ސާބިތުވީ ތިން ސިއްރު ހެކިވެރިއެއްގެ ހެކިބަހުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާފަ އެވެ. އެއަށް ފަހު ހައިކޯޓުން ކުރި ހުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. މިއަދު އޮތީ ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އަދީބު، ފިސްތޯލަ ގެންގުޅުނުކަން ސާބިތުވާނެ އެއްވެސް ހެއްކެއް އަދި ދަލީލެއް ވެސް ދައުލަތުގެ ފަރާތުން އެ މައްސަލާގައި ހުށަހަޅާފައި ނެތް ކަމަށެވެ.
އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުގެ ފަރާތުން ވަނީ އަދީބަށް ހުކުމްކޮށްފައި ވަނީ ގޯސްކޮށް ކަމަށް އެއްބަސްވެފަ އެވެ. އަދި ގޯސްކޮށް ކުރާ ހުކުމެއް ޖެހޭނީ ބާތިލު ކުރަން ކަމަށް އަޑުއެހުމުގައި ވަނީ ބުނެފަ އެވެ.
މިއަދު އިއްވި ހުކުމުގައި ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމް ގޯސްކަން ދައުލަތުން ވެސް ގަބޫލު ކުރާ ކަމާއި، އެ ހުކުމްކޮށްފައި ވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނާ މިންވަަރަށް ހެކި ނެތި ކަމަށް ދައުލަތުން އެ މައްސަލައިގައި އެއްބަސްވެފައިވާކަން ފާހަގަކޮށްފަ އެވެ.
ހުކުމުގައި އިތުރަށް ފާހަގަކޮށްފައި ވަނީ އަދީބާ ދެކޮޅަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މައްސަލަ ހުށަހެޅުމުގެ ކުރިން އެ މައްސަލައާ ގުޅޭ ފޮޓޯ ރިޕޯޓެއް ފުލުހުން ތައްޔާރުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން، އެ ރިޕޯޓާ މެދު ސުވާލު އުފެދޭ ކަންތައްތައް ހުރީތީ އެ ރިޕޯޓުގެ މައްޗަށް ރިއާޔަތްކޮށް ޝަރީއަތުން ހުކުމަކަށް ވާސިލު ނުވެވޭނެ ކަމަށެވެ.
އަދީބު ގެންގުޅުނު ކަމަށް ބުނާ ދެ ފިސްތޯލަ އާއި ތިން ވަޒަން ފުލުހުންނަށް ހޯދިފައި ނެތް ކަަމަށާއި އެއާ ގުޅޭ އެކްސްޕާޓެއްގެ ރިޕޯޓެއް ވެސް ނެތްކަން ހުކުމްގައި ފާހަގަކުރި އެވެ. އަދި ހެކިވެރިންނަށް ފެނުނު ކަމަށް ބުނާ ފިސްތޯލައަކީ ގާނޫނުގައި ބުނާ ބަޑިއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ އެއްޗެއް ކަމެއް ހެކިބަހުން ސާބިތުކޮށްނުދެވޭ ކަމަށްވެސް ހުކުމުގައިވެ އެވެ. ގާނޫނުގައި "ބަޑި" މާނަކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 710 ވަނަ މާއްދާގެ (ރ) ގެ އެއްވަނަ ނަމްބަރުން ފަސްވަނަ ނަމްބަރާ ހަމައަށެވެ.
އަދީބުގެ މައްޗަށް ދައުވާ ކުރީ، ކުރީގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށްވާއިރު، އޭރު އޮތީ އެ ގާނޫނު އުވާލައި އާ ޓެރަރިޒަމްގެ ގާނޫނަށް އަމަލު ކުރަން ފަށައިފައެވެ. ކުރީގެ ގާނޫނުގެ ދަށުން ދައުވާ ކުރީ އޭނާ ކުށް ކުރި ކަމަށް ބުނާ ދުވަސްވަރު އަމަލު ކުރަމުން ދިޔައީ އެ ގާނޫނަށް ކަމަށް ވުމުންނެވެ.
ހުކުމްގައި ބުނީ ކުށް ކުރިއިރު އެހެން ގާނޫނަކަށް އަމަލުކޮށްފައި، ދައުވާ އުފުލާއިރު އާ ގާނޫނަކަށް އަމަލުކުރާނަމަ، ބަލަން ޖެހޭނީ ދައުވާ ލިބޭ މީހާއަަށް އެ ގާނޫނަކުން އެންމެ ލުއި ލިބޭނެ ގާނޫނަކަށް ކަމަށެވެ. އެ މައްސަލައިގައި އަދީބަށް އެންމެ ފައިދާ ބޮޑީ، ފަހުގެ ގާނޫނުންކަން ހުކުމުގައި ފާހަގަ ކުރިއެވެ.
ކުރީގެ ޓެރަރިޒަމްގެ ގާނޫގައި ބުނެފައި ވަނީ އެ ގާނޫނުގައިވާ ގޮތުން މީހެއްގެ ހިޔާޒަތުގައި ހަތިޔާރެއް ގެންގުޅުމަކީ ވެސް ޓެރަރިޒަމްގެ ކުށެކެވެ. ނަމަވެސް، ފަހުގެ ގާނޫނުގައި ވަނީ އަމިއްލަ ހިޔާޒަތުގައި ހަތިޔާރެއް ގެންގުޅުމަކީ ނުވަތަ ބެހެއްޓުމަކީ ޓެރަރިޒަމްގެ ކުށަކަށް ނުވާނެ ކަމަށެވެ. އެކަން ފާހަގަކޮށް މިއަދުގެ ހުކުމުގައި ބުނީ ކުރީގެ ގާނޫނުގެ ދަށުން އަދީބުގެ މައްޗަށް ހުކުމް ސާބޮތުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.
އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލައިގެ ހުކުމް ބާތިލުކޮށްފައިވާއިރު، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.
އެހެން ކަމުން މިހާރު އަދީބު ތަންފީޒު ކުަރަމުން ދަނީ ހަމައެކަނި އޭނާގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ އަށް އަހަރުގެ ޖަލު ހުކުމެވެ. ނަމަވެސް މިހާރު އޭނާ ހުރީ ގޭބަންދުގައެވެ.
ފިސްތޯލަ މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަމުން އަދީބު ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވ ކުރީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކަމަށެވެ.