ފައިނަލުގައި ރޭ ބާސެލޯނާ ބަލިކޮށް ވެލެންސިއާއިން 11 އަހަރަށް ފަހު ކޮޕަ ޑެލް ރޭ ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރު އެ މުބާރާތް ކާމިޔާބު ކުރި ބާސެލޯނާގެ މައްޗަށް ރޭ ވެލެންސިއާއިން ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. މިއީ 2008 ވަނަ އަހަރަށް ފަހު ވެލެންސިއާއިން މި މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.
މީގެ ދެ ތިން ހަފްތާ ކުރިން ތިން ތަށްޓަށް އަމާޒު ހިފައިގެން ބާސެލޯނާ ތާރީހީ ޓްރެބަލްއެއް ހަދާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިބި ނަމަވެސް އެ ޓީމުން ސީޒަން ނިންމާލަން ޖެހުނީ އެންމެ ޓްރޮފީއަކާ އެކު އެވެ. ފުރަތަމަ ލެގުގައި ބޮޑު ނަތީޖާއަކުން ލިވަޕޫލް ބަލިކުރި ނަމަވެސް ދެވަނަ ލެގުގައި ލަދު ގޮތަކަށް ބާސެލޯނާ ބަލިވެ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމަކީ މި ސީޒަނުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު ހިތާމަ އެވެ.
ބާސެލޯނާއިން ހިތްދަތި ގޮތަކަށް ސީޒަން ނިންމާލަން ޖެހުނު އިރު އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އަންނަ ސީޒަނުގައި ވެސް ބާސެލޯނާގައި މަޑު ކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް ރޭގެ މެޗުން ބަލިވުމާ އެކު ޓީމުގެ ސަޕޯޓަރުންގެ މާޔޫސްކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކޯޗަށް ލިބޭ ފާޑު ކިއުންތައް ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ރޭ ގެ މެޗު ފެށިގެން ވެސް މޮޅަށް ކުޅެމުން ދިޔައީ ވެލެންސިއާއިންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބާސެލޯނާ ކުޅުނު ނަމަވެސް ވެލެންސިއާއިން ދިޔައީ އެމީހުންނަށް ލިބުނު ބޯޅަ ތަކުގައި ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ވެލެންސިއާއިން ވަނީ މެޗުގެ ކުރީ ކޮޅު ބާސެލޯނާ ސިއްސުވާލާ ދެ ގޯލު މަތި މައްޗަށް އަމުނާލައިފަ އެވެ. މި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ކެވިން ގެމެއިރޯއާއި ރޮޑްރިގޯ މޮރީނޯ އެވެ.
ވެލެންސިއާގެ ދެ ގޯލަށް ފަހު ބާސެލޯނާއިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. ދެވަނަ ހާފަށް ދެ ބަދަލަކާ އެކު ބާސެލޯނާއިން ނިކުން އިރު އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. ބާސެލޯނާއިން ރޭ ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ އޭނާ މި ސީޒަނުގައި ބާސެލޯނާއަށް ޖަހައިދިން 51 ވަނަ ގޯލެވެ.