ރާހުލްގެ އިސްތިއުފާ ކޮންގްރެސް ޕާޓީން ގަބޫލެއް ނުކުރި

ރާހުލް ގާނދީ އަދި އޭނާގެ މަންމަ ސޯނިއާ ގާންދީ -- ފޮޓޯ: އޭޕީ

އިންޑިއާގެ އާންމު އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީއަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވެ އެ ޕާޓީގެ ލީޑަރު ރާހުލް ގާންދީ އިސްތިއުފާ ހުށަހެޅުއްވިނަމަަވެސް އެކަން ޕާޓީގެ ލީޑަރުން ގަބޫލެއް ނުކުރިއެވެ.

ކޮންގްރެސްގެ ވޯކިން ކޮމިޓީގައި ވާހަކަ ދައްކަވަމުން ރާހުލް ވިދާޅުވީ ޕާޓީގެ ލީޑަރު ކަމުން ވަކިވެވަޑައިގަތް ނަމަވެސް ކޮންގްރެސްގައި ދެމިހުންނަވާނެ ކަމަށެވެ.

" އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ. އަޅުގަނޑު އަބަދުވެސް އެގޮތުގައި ކޮންގްރެސްގައި ހުންނާނަން. އެހެން ނަމަވެސް އަޅުގަނޑު ޕާޓީގެ ރައީސް ކަމުގައި ހުންނާކަށް ބޭނުމެއް ނޫން." ރާހުލް ވިދާޅުވިއެވެ.

ރާހުލް ގާންދީގެ މަންމަ ސޯނިއާ ގާންދީއާއި އަދި އަދި ދައްތަ ޕްރިޔަންކާ ގާންދީވެސް ވަނީ ރާހުލްގެ ނިންމުން ބަދަލުކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަަމަވެެސް އެ ދެބޭފުޅުން ވިދާޅުވީ ރާހުލްގެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްވެސް ވަނީ ރާހުލްގެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައްވައިފައެވެ.

ކޮންގްރެސްގެ ލީޑަރުން ވަނީ ރާހުލްގެ ބަދަލުގައި ޕްރިޔަންކާގެ ނަން ރައީސްއަކަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ރާހުލް ވަނީ އެކަމާވެސް ދެކޮޅު ހައްދަވައިފައެވެ. ރާހުލް ވިދާޅުވީ ރައީސް އަކަށް ކޮންމެހެން ގާންދީ އާއިލާގެ މީހަކު ހުންނާކަށް ނުޖެހޭކަމަށެވެ.

comment ކޮމެންޓް