ރޯދައިގެ ވަސިއްޔަތް: ހިތްހަމަޖެހުމުގެ މަގަކީ ފުދުންތެރިވުން

މެއި 10، 2019: މާލޭ އުސްފަސްގަނޑުގައި ކުޑަކުއްޖަކު މަޑި އެރުވުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިތްތަކުގެ ހަމަޖެހުންވަނީ މާތްﷲ ޒިކުރު ކުރުމުގައެވެ. ނަމާދުކުރުމާއި ކެތްތެރިކަމުން ވާގިހޯދުމަށް މާތްﷲ ވަނީ ކީރިތި ޤުރްއާނުގައި އަމުރު ކުރައްވާފައެވެ. އަދި އެކަލާނގެ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހަކަށް ދަތި ދިރިއުޅުމެއް ދެއްވާނޭކަމުގައިވެސް ވަނީ އަންގަވާފައެވެ.

ދުނިޔޭގެ އެދުންވެރިކަމަކީ ތިމާގެ ހަލާކުގެ އަސްލެވެ. ދުނިޔޭގެ ދަހިވެތިކަމުގައި ޖެހިއްޖެ މީހާއަށް ހިތްހަމަޖެހުމެއް ނެތެއެވެ. އޭނާއަށް އަބަދުވެސް އޮންނާނީ ލިބޭ މިންވަރު މަދުވެފައެވެ. ނޫނީ ލިބިފައިވާ މަގާމާއި ޖާހުގެ ދިފާއުގައި ހަނގުރާމަކުރަން ޖެހިފައެވެ. ހިތްހަމަޖެހުމެއް އެދޭކަމުގައި ވާނަމަ ދުނިޔޭގެ ދަހިވެތިކަމުން އެއްކިބާވާންޖެހެއެވެ.

މާތްﷲ ރުއްސުންލެއްވި ސަހުލު ބުނު ސައުދުއް ސާއީދީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلمގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! މާތް ﷲގެ ލޯބި ލިބި އަދި މީސްތަކުންވެސް އަހަރެން ދެކެ ލޯބިފާފަދަ ކަމެއް ބުނެދެއްވަ ބައްލަވާށެވެ!" ހަދީޘްކުރެއްވިއެވެ. "ازْهَدْ فِي الدُّنْيَا يُحِبَّكَ اللَّهُ، وَازْهَدْ فِيمَا فِي أَيْدِي النَّاسِ يُحِبّوكَ" رواه ابن ماجة" މާނައީ: "ދުނިޔޭގައި ޒުހުދުވެރިވާށެވެ. އޭރުން ތިބާ ދެކެ ﷲ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި މީސްތަކުންގެ އަތުގައިވާ އެއްޗެހި ހޯދުމަށް ނުއެދި ތިބާ ޒުހުދުވެރިވާށެވެ. އޭރުން މީސްތަކުންގެ ލޯބި ލިބޭނެއެވެ."

ދުނިޔޭގެ އެދުންވެރިކަމުން އެއްކިބާވެ، ދުނިޔޭގެ މާއްދިއްޔަތަށް ދަހިވެތިނުވުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ބާރުއަޅުވާފައެވެ. އަދި ދުނިޔޭގައި އަޖުނަބީއަކު ފަދައިން ނުވަތަ ދަތުރުވެރިއެއްގެ ގޮތުގައި އުޅުމަށްވެސް އިތުރު އެކަލޭގެފާނު ވަނީ ހަދީޘްކުރައްވާފައެވެ. އެބަހީ މިއީ ވަގުތީ ތަނެއްކަން ހަދާންކޮށް ދުނިޔެއިން މާބޮޑު އެއްޗެއް ހޯދުމުގެ އެދުންވެރިކަމެއް ނެތި މި ހަޔާތް ވޭތިކޮށްލުމެވެ.

ދުނިޔޭގެ އެދުންވެރިކަމަކީ ހުރިހާ ކުށެއްގެ އަސްލުކަމުގައި ބައެއް ސޯލިހު ބޭކަލުންގެ އަރިހުން ރިވާވެގެންވެއެވެ. ހަމަ އެފަދަ ބަސްތަކުގެ ތެރޭގައިވެއެވެ. ދުނިޔެމަތީގައި ޒުހުދުވެރިކަން އިހުތިޔާރުކޮށްފި މީހާއަށް ދުނިޔެއާއި އާހިރަތުގެ ހިތްހަމަޖެހުން ލިބެއެވެ. އަދި ދުނިޔޭގެ އެދުވެރިކަމުގެ ދަހިވެތި ދަލުގައި ޖެހިއްޖެ މީހާ ދުނިޔެއާއި އާހިރަތުގައިވެސް ބުރަ އުފަލަން ޖެހެއެވެ.

ދަންނާށެވެ! މި ދުނިޔޭގައި ތިބާއަކީ މެހެމާނެކެވެ. އަދި ތިބާގެ އަތުގައިވާ ތަކެއްޗަކީ އަނބުރާ ދޭގޮތަށް ނަގާފާއިވާ ޢާރިޔާއެކެވެ. މެހެމާނަކުވިއްޔާ ދާންޖެހޭ ވަގުތެއް އަންނާނޭކަން ކަށަވަރެވެ. ޢާރިޔާއެއްވިއްޔާ އަނބުރާ ދޭންޖެހޭނެއެވެ.

މި ދުނިޔޭގެ އެދުންވެރިކަމާއި ދަހިވެތިކަމުން އެއްކިބާވުމަށް ދީނުގައި ބާރުއަޅައެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. "وَمَا هَذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ لَوْ كَانُوا يَعْلَمُونَ"(العنكبوت 64) މާނައީ: "މި ދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެއެވެ. އަދި ހަމަކަށަވަރުން، ހަގީގީ ދިރިއުޅުން ވަނީ، އާހިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ. "اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَكُونُ حُطَاماً وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ"(الحديد 20) މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. އޭގެ މިސަލާކީ ވާރޭފެނެއްގެ މިސާލެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ އަޛާބެކެވެ. އަދި ﷲ ގެ ހަޟުރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ."

ތިމާގެ ދިރިއުޅުމާއިމެދު ވިސްނައި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހު ކުރުމުގައި ލަސްވެނުގަތުމަށް ވަސިއްޔަތްކުރަމެވެ.

comment ކޮމެންޓް