މިދިޔަ އަހަރުގެ ނިޔަލަށް ލައްކައެއްހާ ސައިކަލް ރަޖިސްޓްރީކޮށްފި

ސިނަމާލެ ބްރިޖުމަތިން ސައިކަލާއި ކާރުތަކެއް ދުއްވާފައި ދަނީ -- ސަން ފޮޓޯ

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 89،897 ސައިލަކު ރެޖިސްޓްރީކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ނޭޝަނަލް ބިޔުރޯ އޮސް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ސްޓެޓިސްޓިކަލް އިޔާ ބުކްގައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރު އެކަނިވެސް ނުވަ ހާހަށްވުރެ ގިނަ ސައިލަކު ވަނީ ރެޖިސްޓްރީ ކޮށްފަ އެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސައިކަލު ރެޖިސްޓްރީކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުގެ 83 ޕަސެންޓަކީ ސައިކަލު ކަމަށްވެސް ތަފާސްހިސާބުތައް ދައްކަ އެވެ.

ދެން އެންމެ ގިނައިން ރެޖިސްޓްރީކޮށްފައިވަނީ ކާރެވެ. އެއީ ރެޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުގެ ހަ ޕަސެންޓެވެ. މިދިޔަ އަހަރު އަލަށް 502 ކާރު ރެޖިސްޓްރީކޮށްފައިވާއިރު މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ކާރުގެ ޖުމްލަ އަކީ 6325 އެވެ.

ސިނަމާލެ ބްރިޖާއެކު މާލެ ސަރަހައްދުގައި ދުއްވާ ސައިކަލާއި ކާރުތައް ވަނީ އިތުރުވެފަ އެވެ.

ސްޓެޓިސްޓިކަލް ބިޔުރޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުގެ އަދަދަކީ 108،532 އެވެ.

comment ކޮމެންޓް