ފަހަތަކަށް ނުޖެހޭނަން، ނަން އަނބުރާ ނުގެންދަން: އަސްލަމް

އެމްޑީޕީ ހިނގާލުމެއްގައި އަސްލަމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ މަޖިލިސް ރައީސް ކަމުެގ ރޭހުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާ ކަމަށް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަޖިލިސް ރައީސް ކަމުގެ ރޭހުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ނަން އަނބުރާ ނުގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހަތަރު ވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި އަސްލަމްގެ ނަމުގައި މިއަދު ދަނީ އެސްއެމްއެސްތަކެއް ދައުރުވަމުންނެވެ.

ދައުރުވަމުންދާ އެސްއެމްއެސްތަކުގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދުމަށް އަސްލަމް އޭނާގެ ނަން އަނބުރާ ގެންދަވައި، މަޖިލިސް ރައީސް ކަމުގެ ރޭހުގައި ހިމެނި ވަޑައިވަޑައިގަންނަވާ ވިލުފުށީ ދައިރާ އިންތިހާބީ މެމްބަރު ހަސަން އަފީފަށް ތާއީދު ކުރަން ނިންމަވާފައިވާ ކަމަށެވެ.

އަސްލަމް މިއަދު "ސަން" އަށް ވިދާޅުވީ، އެއީ އޭނާގެ ނަމުގައި ފަތުރަމުންދާ ފޭކް މެސެޖްތަކެއް ކަމަށެވެ. އޭނާގެ ނަން އަނބުރާ ގެންދަވަން ނިންމާފައި ނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މިހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. ނަން އަނބުރާ ނުގެންނަން،" އަސްލަމް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ފަސް ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދޔަ ބުދަ ދުވަހުގެ ރޭ ވިދާޅުވެފައި ވަނީ މަޖިލިސް ރައީސް ކަމަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށެވެ.

ނަމަވެސް އެ ޕާޓީގެ ރައީސް ނަޝީދު ތާއީދު ކުރައްވަނީ އަސްލަމަށެވެ.

މަޖިލީހުގެ ރައީސްކަމަށް އަފީފާއި އަސްލަމްގެ އިތުރަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ، ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވާނީ އެ ޕާޓީގެ ޕީޖީގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވައެެވެ.

މަޖިލިސް ރައީސް އަކު ހޮވުމަށް ހަމަޖެހިފައިވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މި ފެށޭ ހަފްތާގެ އަންގާރަ ދުވަހުއެވެ.

comment ކޮމެންޓް