ޗާގޯސް މައްސަލައިގައި ވޯޓު ދިނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރަން: ސަރުކާރު

އދ.ގެ އާއްމު މަޖިލީހުން ވޯޓު ދިނީ ޗާގޯސް، މޮރިޝަސްގެ ސަރަހައްދަކަށް ކަނޑައެޅުމަށް -- ފޮޓޯ: ރޮއިޓާސް

ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ރޭ އދގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރޭ އދގެ އާންމު މަޖިލީހުގައި ވޯޓު ނެގީ ޗާގޯސް ޖަޒީރާ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އޮތުމާ ގުޅޭގޮތުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ދިން އިސްތިޝާރީ ލަފާ ނުވަތަ އެޑްވައިޒަރީ އޮޕީނިއަން އދއިން ބަލައިގަތުމާ ބެހޭގޮތުންނެވެ.

އެގަރާރު ބަލައިގަތުމަށް 113 ގައުމުން ވޯޓު ދިން އިރު، ރާއްޖެއާ އެކު އެގަރާރާ ދެކޮޅަށް ވޯޓު ދިނީ އިތުރު ފަސް ގައުމުންނެވެ. އެހެންކަމުން އާންމު މަޖިލީހުން ފާސްކޮށްފައި ވަނީ ޗާގޯސްއަކީ މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެއީ ރާއްޖޭގެ މަސްލަހަތު އޮތް ކަމަކަށް ވަނީ، އެ ގަރާރު ފާސްކޮށްފިނަމަ ރާއްޖެއިން ކަނޑައަޅާފައިވާ އިގުތިސާދީ ސަރަހައްދަށް އުނިކަމެއް އަތުވެދާނެތީއެވެ.

ރާއްޖެއާ ޗާގޯސްގެ ކޮންޓެނެންޝަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ލޯ އޮދް ދަ ސީސް ކޮންވެންޝަނުގެ ދަށުން 2010 ވަނަ އަހަރު ރާއްޖެއިން، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް އދއަށް ހުށަހެޅި އިރު، އެ ހުށަހެޅުމަށް މޮރިޝަސްއިން ދެކޮޅު ހަދާކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލަށް އަންގާފައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިން ކަނޑައެޅުމުގެ މައްސަލައިގައި އދ.އިން ވަކި ގޮތެއް ނުނިންމަނީސް، ޗާގޯސްގެ މައްސަލައިގައި ވަކި ގޮތަކަށް ނިންމަންޖެހޭނެކަމަށް ރާއްޖެއިން ތައީދުކޮށްފިނަމަ، ރާއްޖޭގެ ސަރަހައްދާ ބެހޭގޮތުން އދ.އަށް ހުށަހެޅި ހުށަހެޅުމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ.

"ކަމުގައި ދިވެހިރާއްޖެއިން ހިފަހައްޓަން ޖެހޭނީ މިއަދުގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތްކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރެއެވެ،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އދގެ އާންމު މަޖިލީހުގައި މި މައްސަލައިގައި ކުރި ބަހުސާއި އޭގެ ފަހުން ރާއްޖެއިން ވޯޓު ދިން ގޮތް ހާމަކުރުމުގައިވެސް މި ކަންކަން ސާފުކޮށްދީފައިވާ ކަމަށާއި، އަދި މިއީ 1990 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް ދަމަހައްޓަމުން އައި ސިޔާސަތުކަމަށް މިނިސްޓްރީން ބުންޏެވެ.

މޮރިޝަސްއިން ބުނަނީ ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން އެގައުމުގެ ބައެއް ކަމަށެވެ. އެހެން ނަމަވެސް 1965 ގައި އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު، އިނގިރޭސީން ވަނީ މޮރިޝަސްއާ ޗާގޯސްއާ ވަކިކޮށްފައި ކަމަށެވެ. ޗާގޯސް އިނގިރޭސި ވިލާތަށް ނެގީ މޮރިޝަސްއަށް ބަދަލުގައި ތިން މިލިއަން ޕައުންޑް ދީފައެވެ. އޭގެ ފަހުން އެ ސަރަހައްދަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައެވެ.

އެއަށްފަހު 1967 އާއި 1973 އާ ދެމެދު އިނގިރޭސީން، ޗާގޯސްގައި ދިރިއުޅެމުން ދިޔަ އެތަނަށް ނިސްބަތްވާ ހުރިހާ ރައްޔިތުން އެ ޖަޒީރާތަކުން ބާލައި، އެމީހުން މޮރިޝަސްގެ އިތުރުން ސީޝެލްސްއާއި އިނގިރޭސިވިލާތުގައި ވަޒަންވެރި ކުރުވިއެވެ. ސަބަބަކީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ޗާގޯސްގެ ފޯޅަވަހީގައި (ޑިއޭގޯ ގާސިއާގައި) ޖޮއިންޓް މިލިޓަރީ ބޭސްއެއް ގާއިމުކުރުމަށެވެ.

އެ މިލިޓަރީ ބޭސްގެ ލީސް، ސޯޅަވަނަ އަހަރު ވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް އިތުރުވެސް ކޮށްފައެވެ.

އައިސީޖޭއިން ނެރުނު އެންގުމުގައިވާ ގޮތުން މޮރިޝަސްއަށް މިނިވަންކަން ލިބުމުގެ ކުރިން، އެ ގައުމުގެ ބަޔެއްގެ ގޮތުގައި އޮތް ޗާގޯސް މޮރިޝަސްއާ ވަކިކުރީ ގާނޫނާ ހިލާފަށެވެ. އެހެންކަމުން މޮރިޝަސް އިނގިރޭސި އިސްތިއުމާރުން އެއްކޮށް މިނިވަން ކުރުމަށް ޓަކައި އެގައުމުން ފޯޅަވަހީގެ ކޮންޓްރޯލް ދޫކޮށްލަން ޖެހެ އެވެ.

ރާއްޖޭގެ ގަދީމީ ތާރީހުން އެނގޭ ގޮތުން ރާއްޖޭގެ ރަސްރަސްކަލުން ވެސް ފޯޅަވައްސާ މެދު ހާއްސަ ސަމާލުކަމެއް ބެހެއްޓިއެވެ. މި ގޮތުން އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ދުވަސްވަރުގައި ވެސް ފޯޅަވައްސަަށް ބަޔަކު ފޮނުއްވި ކަމަށް އޭރު ދިވެހިރާއްޖޭގައި ހުންނެވި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑު އޭނާގެ ދަތުރުނާމާގައި ލިޔުއްވައިފައިވެއެވެ. އޭރު އަދި ފޯޅަވަހީގައި މޮރިޝަސްގެ ބަޔަކު ވަޒަންވެރިއެއް ނުވެއެވެ.

comment ކޮމެންޓް