ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ނިންމުމަށް ފާޑުކިޔުންތަކެއް

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ބައެއް ކަމަށްވާ ފޯޅަވަހި: އައްޑޫ ދޯންޏެއްގައި ފަތުރުވެރިންތަކެއް ފޯޅަވައްސަށް ދާން އުޅުނު

އައްޑޫ އަތޮޅުގެ ދެކުނުން އޮންނަ ފޭހަންދީބު (ނުވަތަ ޗާގޯސް ޖަޒީރާތައް) މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އާންމު މަޖިލީހުން ރޭ ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދިންގޮތާ މެދު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ޗާގޯސް ޖަޒީރާތައް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އާންމު މަޖިލީހުން ރޭ ވަނީ ފާސްވެސްކޮށްފަ އެވެ.

ނަމަވެސް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހިމާޔަތް ކުރުމަށް، ޗާގޯސް ޖަޒީރާ (ފޭހަންދީބު) މޮރިޝަސްއާ ހަވާލު ކުރުމާ ދެކޮޅަށް ރާއްޖެއިން އދ.ގެ އާއްމު މަޖިލީހުގައި ވަނީ ވޯޓުދީފަ އެވެ. އެ ވޯޓުގައި ރާއްޖެއާއެކު، އިނގިރޭސިވިލާތާއި، އިސްރާއިލް އަދި އެމެރިކާއިން ވެސް ވަނީ ދެކޮޅަށް ވޯޓުދީފަ އެވެ.

ރާއްޖޭގެ ނިންމުމަށް ފާޑުކިޔައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޔުނިވާސަލް ރައިޓް ގްރޫޕްގެ ޑިރެކްޓަރު މާކް ލިމަން ވިދާޅުވީ ރާއްޖޭގެ ނިންމުމާ މެދު ވަރަށް ބޮޑަށް ހައިރާންވާ ކަމަށެވެ. އަދި މިއީ ޑިޕްލޮމެޓިކްގޮތުން އެޅި ވަރަށް ބޮޑު ޅަ އެއްޗެއް ކަމަށް އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.

"އިސްތިއުމާރަށާއި އަދި އިސްލާމުންނާ ދެކޮޅު ހަންްގެރީފަދަ ގައުމުތަކުން ވޯޓުދިންގޮތަށް، އިންޑިއާ ކަނޑުގައި ހިމެނޭ ސަރަހައްދެއްގެ ބަޔަކާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށް ހައިރާންވޭ،" މާކް ވިދާޅުވި އެވެ.

މާކްގެ ވާހަކަތަކަށް ރައްދުދެއްވައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވިދާޅުވީ ރާއްޖެއިން ވޯޓު ދިނީ އިސްތިއުމާރުކަން ދެމެހެއްޓުމަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި މޮރީޝަސްއާ ދެކޮޅަށް ވޯޓު ދިނީ އެ މައްސަލައިގައި ރާއްޖެއިން ވަކި އުސޫލުތަކެއް ގަބޫލުކުރާތީ ކަމަށެވެ.

އަދި 2009 - 2011 އާ ދެމެދު ފޮރިން މިނިސްޓަރުކަމުގައި ހުންނެވިއިރު ވެސް ނިންމާފައި ވަނީ އެގޮތަށް ކަމަށާއި އަދި މިއީ ހާލަތާ ގުޅޭ އަދި ބުއްދިއަށް ގަބޫލުކުރެވޭ ނިންމުމެއް ކަމަށް ޝަހީދު ވިދާޅުވި އެވެ.

"އާދެ މިއީ މިއީ ހާލަތާ ގުޅޭ އަދި ބުއްދިއަށް ގަބޫލުކުރެވޭ ނިންމުމެއް،" ޝަހީދު ވާހަތަކަށް ޖޯކު ޖައްސަވައި މާކް އަނެއްކާ ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ނިންމުމަށް ރާއްޖޭގެ ކުރީގެ ޕްރޮސިކިއުޓާ އަދި މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވާކްގެ ފައުންޑާ މުޝްފިގް މުހައްމަދު ވިދާޅުވީ ރާއްޖޭގެ ނިންމުމަކީ ވަރަށް ލަދުވެތި ނިންމުމެއް ކަމަށެވެ.

"ރާއްޖެ އިން އެވަނީ ޗާގޯސް އައިލެންޑްސް މީހުންނާ ދެކޮޅަށް އަނިޔާވެރިކަން އިސްކުރިމީހުންނާ އެއްބައިވެފައި،" މުޝްފިގް ވިދާޅުވި އެވެ.

ރާއްޖެއިން ވަނީ ވޯޓު ދިންގޮތާމެދު ދިފާއުގައި ވާހަކަ ދައްކައި އެކަމުގެ ރާއްޖޭގެ މަސްލަހަތަށް އިސްކަންދީފައިވާ ކަމަށް ބުނެފަ އެވެ. އެ މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަމަށް ބުނަނީ، ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ އަތޮޅާއި ޗާގޯސްއާ ދެމެދު، ދެ ގައުމުގެ ޚާއްސަ އިގްތިސާދީ ސަރަހައްދު (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ނުވަތަ އީއީޒީ) ފުށުއަރާތީ އެވެ. އެހެންކަމުން ރާއްޖެއިން އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހިމާޔަތްކުރުމަށެވެ.

ދެހާސް ދިހަ ވަނަ އަހަރު ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ކަނޑައަޅައި ދިނުމަށް އެކަމާ ބެހޭ އދ.ގެ ކޮމިޝަނަށް ރާއްޖެއިން ހުށަހެޅުމުން، މޮރިޝަސްއިން ވަނީ އެކަމަށް އިއުތިޒާރުކޮށްފަ އެވެ.

އެއީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯސްގެ ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒީ) ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހަޅާފައިވާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށޫ އަރާ ކަމަށް ބުނެ އެވެ. މީގެ އިތުރުން، އައްޑު އަތޮޅާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސްއިން ވަނީ ރާއްޖެއަށް ގޮވާލާފަ އެވެ. އެހެންކަމުން ޗާގޯސްގެ މައްސަލަ ވަނީ ރާއްޖޭގެ މަސްލަހަތު އޮތް ކަމަކަށްވެފަ އެވެ.

މޮރިޝަސް އިން ބުނަނީ ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން އެގައުމުގެ ބައެއް ކަމަށެވެ. އެހެން ނަމަވެސް 1965ގައި އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު، އިނގިރޭސީން ވަނީ މޮރިޝަސްއާ ޗާގޯސްއާ ވަކިކޮށްފައި ކަމަށެވެ. ޗާގޯސް އިނގިރޭސި ވިލާތަށް ނެގީ މޮރިޝަސްއަށް ބަދަލުގައި ތިން މިލިއަން ޕައުންޑް ދީފައެވެ. އޭގެ ފަހުން އެ ސަރަހައްދަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގަ އެވެ.

އެއަށް ފަހު 1967 އާއި 1973 އާ ދެމެދު އިނގިރޭސީން، ޗާގޯސްގައި ދިރިއުޅެމުން ދިޔަ އެތަނަށް ނިސްބަތްވާ ހުރިހާ ރައްޔިތުން އެ ޖަޒީރާތަކުން ބާލައި، އެމީހުން މޮރިޝަސްގެ އިތުރުން ސީޝެލްސްއާއި އިނގިރޭސިވިލާތުގައި ވަޒަންވެރި ކުރުވި އެވެ. ސަބަބަކީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ޗާގޯސްގެ ފޯޅަވަހީގައި (ޑިއޭގޯ ގާސިއާގައި) ޖޮއިންޓް މިލިޓަރީ ބޭސްއެއް ގާއިމުކުރުމަށެވެ.

އެ މިލިޓަރީ ބޭސްގެ އެއްބަސްވުން 2016 ވަނަ އަހަރު ވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް އިތުރު ވެސް ކޮށްފަ އެވެ.

comment ކޮމެންޓް