ފްރާންސްގެ ހުނަރުވެރި ފޯވާޑް އެންޓޮއިން ގްރީޒްމަން ސްޕެއިންގެ ބާސެލޯނާއާ ގުޅުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށް އެޓީމުގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ބުނެފި އެވެ.
އެތުލެޓިކޯ މެޑްރިޑާ އެކު ކާމިޔާބު ފަސް އަހަރު ހޭދަ ކުރުމަށް ފަހު އެކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ގްރީޒްމަން ވަނީ ދާދި ފަހަކުން ބުނެފަ އެވެ. އަދި ކުޅުންތެރިޔާ އެދޭ ގޮތަކީ އެއީ ކަމަށްވާ ނަމަ ކުލަބުން ވެސް އޭނާ ދޫކުރާނެ ކަމަށް އެތުލެޓިކޯއިން ބުނުމުން އޭނަގެ ސޮއެ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.
މިދިޔަ އަހަރު ވޯލްޑް ކަޕަށް ފަހު ވެސް ގްރީޒްމަން ގެންދަން އެންމެ މަސައްކަތް ކުރި ބާސެލޯނާ ހިމެނެ އެވެ. އޭނާ ވަނީ އެފަހަރު އޭނާ އެތުލެޓިކޯގައި މަޑު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ގްރީޒްމަން އެތުލެޓިކޯ ދޫކޮށްލަން ނިންމުމުން އޭނާ ބާސެލޯނާއަށް ބަދަލުވެދާނެ ކަމަށް ބެލެވެ އެވެ.
ބާސެލޯނާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ބުނީ ގްރީޒްމަން އަކީ އޭނާ ވެސް ވަރަށް ސަޕޯޓް ކުރާ ކުޅުންތެރިއެއް ކަމަށެވެ. އަދި ގްރީޒްމަން ބާސެލޯނާއަށް ބަދަލު ވުމަކީ އޭނާ ދެކެން ބޭނުންވާ ދުވަހެއް ކަމަށް އޭނާ ބުންޏެވެ.
"އޭނާ އަކީ ޓޮޕް ޕްލޭޔަރެެއް. ދުނިޔޭގައި މިހާރު ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި އޭނާ [ގްރީޒްމަން] ހިމެނޭ،" ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ މުންޑޯ ޑިޕޮޓިވާއާއި ވާހަކަ ދައްކަމުން ރަކިޓިޗް ބުންޏެވެ.
"ގްރީޒްމަން އަކީ ކުލަބުގެ އިތުރުން ގައުމީ ޓީމާ އެކު ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައި ތަޖުރިބާ ހުރި ކުޅުންތެރިއެއް. އޭނާ ބާސެލޯނާއަށް އައިސްފި ނަމަ ޓީމު އިތުރަށް ވަރުގަދަ ވެގެން ދާނެ."
ރަކިޓިޗް މިހެން ބުނި ކަމުގައި ވިޔަސް އޭނާ ބާސެލޯނާގައި އިތުރަށް ޖާގަ ނުލިބިދާނެ ކަމުގެ ވާހަކަތައް ވަނީ ފެތުރިފަ އެވެ. އަޔެކްސްގެ ޒުވާން މިޑްފީލްޑަރު ޑެ ޔޮންގް ބާސެލޯނާއާއި އަންނަ ސީޒަނުގައި ގުޅޭ އިރު ބެލެވޭ ގޮތުގައި އޭނާ ކުޅޭނީ ރަކިޓިޗްގެ ޖާގަ އަށެވެ. ކަން މިހެން އޮތް އިރު އިޓަލީގެ އިންޓާ މިލާންއާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ ރަކިޓިޗް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.