ލަންކާގައި ކުއްލި ހާލަތު އިތުރު މަހަކަށް ދައްމާލަން ނިންމައިފި

ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު ދައްމާލަން އެގައުމުން ވަނީ ނިންމާފަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (މެއި 22): ސްރީލަންކާގައި މިދިޔަ މަހުގެ 21ގައި ދިން ހަމަލާތަކާ ގުޅިގެން އިއުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އިތުރު މަހަކަށް ދައްމާލަން ސަރުކާރުން ނިންމައިފި އެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިއުލާން ކުރެއްވި ގޮތުގައި ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރަން ނިންމީ ގައުމީ ސަލަމާތުގެ މަސްލަހަތަށް ބަލާފަ އެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގައި ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވެ، 500 މީހުންނަށް އަނިޔާވި އެވެ. އެގައުމުގެ ފުލުހުން ވަނީ ހަމަލާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ދިރިތިބި އެންމެން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުގައި ހަމަލާތައް ދިނީ ހަނގުރާމަވެރި ދެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމާއަތު މިއްލަތު އިބްރާހިމް ގުޅިގެން، ބޭރުގެ އެހީއާ އެކުގައެވެ. އަދި އޭގެ ތެރެއިން އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމް ވަނީ އެހަމަލާތަކުގައި އަމިއްލައަށް މަރުވެފައެވެ.

މީގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ އެހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. އެޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ފެންނަ ވީޑިއޯއެއްގައި އޭނާ ވަނީ އެހަމަލާ ދިނީ، ސީރިއާގައި އައިއެސްއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.

އެހަމަލާތަކަށް ލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އަދި މިދިޔަ ހަފްތާ ތެރޭ މިސްކިތްތަކަށާއި މުސްލިމުންގެ ވިޔަފާރިތަކަށް ގެއްލުންދީފައިވެ އެވެ.

comment ކޮމެންޓް