ގައުމީ އިނާމު ގައުމީ ދުވަހު ދޭން ނިންމައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމީ އިނާމާއި ހައްސަ އިނާމާ ބެހޭ ކޮމިޓީ އާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ކޮންމެ އަހަރަކު ދެމުންދާ ގައުމީ އިނާމު މި އަހަރުން ފެށިގެން ގައުމީ ދުވަހު ދޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.

ގައުމީ އިނާމު އެންމެ ފުރަތަމަ ދޭން ފެށީ 1979 ވަނަ އަހަރުއެވެ. އޭރު މި އިނާމު ދެއްވަމުން ގެންދެވީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދެއްވިއެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސީ ގައުމީ އިނާމަކީ ގައުމަށް ތަފާތު ގޮތްގޮތުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމަށް ދޭ އިނާމަކަށްވާތީ، އެ އިނާމު ދިނުމަށް އެންމެ މުނާސަބު ދުވަހަކީ ގައުމީ ދުވަހަށް ވާތީ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ގައުމީ ދުވަހު ގައުމީ އިނާމު ދެއްވާގޮތަށް ހަމަޖެއްސި ނަމަވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދެއްވާނީ، މިހާރެކޭވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިި ކަމަށެވެ.

މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހު، ހުޅުވާލާނެއެވެ.

ދެހާސް އަށާރަވަނަ އަހަރު ގައުމީ ދުވަސް ފާހަގަކުރީ މިހާރު ހިނގާ ހިޖުރީ އަހަރު، 1440 ގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ދިމާވި ދުވަސް ކަމުގައިވާ، ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މި އަހަރު ގައުމީ ދުވަސް އަންނަނީ އޮކްޓޫބަރު 29 ގައެވެ. އެއީ ހިޖުރީ ގޮތުން 1441 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.

ގައުމީ އިނާމު މިހާރު ދެވޭ މައިގަނޑު ދާއިރާތަކާއި، ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ހިޔާލު، ކޮމިޓީންހޯދާފައިވާ ކަމަށާއި ގައުމީ އިނާމުގެ އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް ކޮމެޓީ އިން ކުރަމުންދާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް