މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެމްއައިޓީޑީސީ)އިން ލ. ބަރެސްދޫގައި ކުރިއަށް ގެންދަން ނިންމި އިންޓަގްރޭޓެޓް ޓޫރިޒަމް މަޝްރޫއަށް ފައިސާ ދެއްކި ފަރާތްތަކުން އެ ފަރާތްތަކުގެ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހިއްސާކުރަން އެ ކޮމިޝަނުން އެދިއްޖެ އެވެ.
އޭސީސީ އިން ބުނީ އެމްއައިޓީޑީސީ އިން ކުރިއަށް ގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓުން އެކި ފަރާތްތަކަށް ދޫކުރި ވިޔަފާރި ޔުނިޓުތައް ގަނެފައިވާ ފަރާތްތަކުން ދެއްކި ޑިޕޮސިޓް ފައިސާ އެމްއައިޓީޑީސީގެ އިސްވެރިން އުސޫލާ ހިލާފަށް ބޭނުންކޮށްފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ބަރެސްދޫ ޕްރޮޖެކްޓާއި ގުޅިގެން އެކި ފަރާތްތަކުން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށާއި އެމްއައިޓީޑީސީ އަށް ދައްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
އޭސީސީ އިން ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކާ އަދި އެކަމާގުޅޭ މައުލޫމާތު ބޭނުންވާ ކަމަށެވެ.
އޭސީސީ އިން އެދޭ މައުލޫމާތު:
1. ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް / ކުންފުންޏެއްނަމަ ކުންފުނީގެ މައުލޫމާތު
2. ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދު
3. ޑިޕޮސިޓް ފައިސާ ދެއްކި ތާރީހު
4. ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ/ ޗެކް)
5. ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާ ނަމަ އެ ލިޔެކިޔުމެއް
މި މައުލޫމާތުތައް ޖޫން 13 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ލިޔުމުން އޭސީސީ އަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.
މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރީ ސަރުކާރުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ނަމުގައި ކުންފުންޏެއް އުފެއްދީ 2016 ވަނަ އަހަރު އެވެ.
އެމްއައިޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އިއުލާނު ކުރި ޕްރޮޖެކްޓަކީ ބަރެސްދޫ ޕްރޮޖެކްޓެވެ. ތިން ހާސް އެނދަށް އަމާޒުކޮށްގެން ޑިޒައިންކޮށްފައިވާ މި ޕްރޮޖެކްޓްގެ ދަށުން އެރަށާ އިންވެގެން އޮންނަ މަހަކަންފުށި ބަރެސްދޫ އާ ގުޅާލަން ނިންމި އެވެ. އެ ރަށް ތަރައްގީ ކުރަން ނިންމީ ސާވިސް ރަށެއްގެ ގޮތުގަ އެވެ.
ބީޗް ހޮޓާ އަދި ރެސްޓޯރެންޓާ އެކު އިންޓަގްރޭޓެޑް ޓޫރިޒަމްގައި ހުންނާނެ ހުރިހާ ވަސީލަތްތަކަކާ އެކު ތަރައްގީ ކުރި މި ޕްރޮޖެކްޓަކީ ކުރިން އެމްއެމްއޕީއާރުސީ އިން ތުނބުރީގައި ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓެކެވެ. ބަރެސްދޫ އިން ތަންތަން ވިއްކަން އެންމެ ފުރަތަމަ ފަށާފައި ވަނީ އެމްއައިޓީޑީސީ އުފެއްދުމުގެ ކުރިން އެމްއެމްޕީއާރުސީ އިންނެވެ.
އެމްއެމްޕީއާރުސީ އިން ބަރެސްދޫ އިން 19 ފަރާތަކަށް ބިން ވިއްކާފައިވާ އިރު އެ ބިން ވިއްކުމަށް ފަހު 34 މިލިއަން ރުފިޔާ އެމްއެމްޕީއާރުސީ އިން ވަނީ ނަގައިފަ އެވެ.
ބަރެސްދޫ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްއައިޓީޑީސީގެ މެނޭޖިންޑިރެކްޓަރު މީގެ ކުރިން ވިދާޅުވީ އެމްއައިޓީޑީސީ އިން 19 ފަރާތަކަށް ބިން ކުއްޔަށް ދީފައިވާ ކަމަށާއި ކުލީގެ ގޮތުގައި 21 މިލިއަން ރުފިޔާ ނަގާފައިވާކަމަށް ރާއިދު ވިދާޅުވި އެވެ.
ބަރެސްދޫ ޕްރޮޖެކްޓަށް މިހާތަނަށް ލިބިފައިވާ ފައިސާގެ ތަފްސީލް
- އެމްއެމްޕީއާރުސީ އިން 34 މިލިއަން ރުފިޔާ
- އެމްއައިޓީޑީސީ އިން ބިޑު ވިއްކައިގެން އާމްދަނީގެ ގޮތުގައި ލިބުނު ތިން ލައްކަ ރުފިޔާ
- އެމްއައިޓީޑީސީ އިން ބިމުގެ ކުލީގެ ގޮތުގައި ނަގާފައިވާ 20 މިލިއަން ރުފިޔާ
ޖުމްލަ 55 މިލިއަން ރުފިޔާ
އެމްއައިޓީީޑީސީގެ ފައިސާ އިން ސިޔާސީ ޕާޓީއެއްގެ އޮފީސް އެޅުމަށް ފައިސާ ހޭދަކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.