އެމްޓީސީސީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ނިންމައިފި

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު ފައިދާ ދަށްވުމާއެކު އެކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެމްޓީސީސީ އިން މިމަހުގެ 18 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ 2018 ވަނަ އަހަރުގެ މާލީ ތަފާސްހިސާބުތައް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީގެ ފައިދާ އަށް މިދިޔަ އަހަރު ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީ އިން ބުނީ 2018 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވާތިއްއާއި، މިއަހަރު އެކުންފުނީގެ މާލީހާލަތަށް ރިއާޔަތްކޮށް، 2018 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ނުބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ފާސްކުރުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

އެމްޓީސީސީ އަކީ ރާއްޖެގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް މުއާމަލާތް ކުރާ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީގެ ހިއްސާގެ ފައިދާ އަށް 2017 ވަނަ އަހަރު ވަނީ ހިއްސާ އަކަށް 2.7 ރުފިޔާ ބަހައިފައެވެ.

comment ކޮމެންޓް