ދޭދޭދެމެދުގައި ހުންނަންވާ ގުޅުންތައް ކެނޑިގެން ދަނީ އެދެމެދަށް ނުވަންނަންވާ އެތައް އެއްޗެއް ވަދެ އޭގެ ސަބަބުން ނުވާންވާ އެތައްގޮތްތަކެއް ވެގެނެވެ. އެހެންނުވާ ނަމަ އެކުގައި އެއްއަމާޒަކަށް އެއް ފެންވަރެއްގައި މަސައްކަތްކުރާ މީހުންގައި ހުންނާނީ ސާފު އެކުވެރިކަމާއި ހިނިތުންވެލާނެ ފުރުސަތުތައް ތަނަވަސްކުރުމުގެ ޝައުގެވެ.
އަހަރެމެން ކުޑައިރު ހިނގި މަޖާކަމެއްކަމުގައި ބައްޕަ ކިއައި ދެއްވި މިވާހަކަ އަދިވެސް ހަނދާންވެ އެވެ. ކަމުގެ ބާވަތާއި ގޮތްތަފާތުކަމާއި ކަން ކުރިމީހުންގެ ފެންވަރު އިހުސާސް ކުރެވެ އެވެ. މި ކުރު ކުރުވާހަކައިގެ ބައިވެރިންނަކީ ތިންމީހެކެވެ. ސަރުކާރުގެ އިސް ދެވަޒީރަކާއި ބޭރު ގައުމެއްގެ ސަފީރެކެވެ. ތާރީޚުގެ އެއްމެ ސަފުހާއެއް ފަހަތަށް އެއްލައި ކުޑައިކޮށް ބަލައިލިޔަސް ހ. އޯކިޑުމާގޭ އަހުމަދު ޒަކީގެ ވާހަކަ ކިޔާލަން ފެންނާނެ ކަން ޔަގީނެވެ. އެތައްއެތައް ގޮތަކުން ރާއްޖޭގެ ފަހުގެ އެއްމެ ފާހަގަކުރެވުނު ސިޔާސީ އެކަކީ އެއީ އެވެ. ބޮޑުވަޒީރުކަމާއި އެކު ތަފާތުއެކި ވުޒާރާތަކުގެ ވަޒީރުކަން ޒަކީ ކުރެއްވި އެވެ.
އެދުވަސްވަރުގެ އެފަދަ މަޝްހޫރު އަނެއްބޭފުޅަކީ މ. ހުޅަނގުގޭ ފާރޫގު އިސްމާއީލެވެ. އެއީ ވެސް އޭރުގެ ވަޒީރެކެވެ. ހަނދާންވާ ގޮތުގައި އެއީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރެވެ. މިދެބޭފުޅުންނަކީ ވަރަށްގާތް ދެބޭފުޅުން ކަމުގައި ބުނެ އެވެ.
ރާއްޖެއައި ބޭރު ގައުމެއްގެ ސަފީރަކު މިކިޔާ އިހުތިރާމުގެ ޒިޔާރަތްކުރެއްވި ދުވަހެކެވެ. ބޮޑުވަޒީރުގެ ފައިވާންޕުޅުދެކެފައި މެނދުރެއްހާއިރު ފާރޫގުގެ މިނިސްޓަރީއަށް އޭނާ ދިޔައީ ފާރޫގުފައިވާންޕުޅު ދުށުމަށެވެ. ބައްދަލުކުރާ ކޮޓަރިކޮޅުގައި ފާރޫގު އިސްމާއީލާއި އެމިނިސްޓަރީގެ ބޮޑުބޮޑެތިން ތިއްބެވިއެވެ. އާރުކާޓީ، ސަފީރު ގެނެސް އެކޮޓަރީގެ ދޮރުން އެތެރެއަށް މަގު ދައްކައިދިނުމުން ސަފީރުމަޑުމަޑުން ފާރޫގު އަރިހައަހަށް ދިޔަ އެވެ. އަތާއިއަތް ޖޯޑުކޮށް ސަލާންކުރުމުން އޭނާ ބުނެލި އެވެ.
" ފޮދު ބޯނަންތަ"
ފާރޫގު ކުޑައިކޮށް ސިހި ވަޑައިގަތްކަމަށްވެ އެވެ. އެއާއިއެކު އެވީގޮތް ވިސްނިވަޑައިގެން ހިނިފުޅު ވަޑުވަމުން އޭނާއަށް ސަލާމުގެ ރައްދުދެއްވައި އެބައްދަލުވުން ކުރިޔަށްގެންދެވީ އެވެ. ފަހު ދުވަހެއްގެ ބައްދަލުވުމެއްގައި ޒަކީ ފާރޫގު އަރިއަހުގައި "ކޮބާ! އިހަށް ދުވަހު އެކަލޭގެދިން ފޮދު ހިއްޕެވީމުތޯ؟ އޭ ސުވާލުކުރެއްވިކަމަށް ވެ އެވެ.