ސްޓްރާޑާއަށް ނާޖާއިޒު މަންފާ، އިތުރަށް ފައިސާ ދޭން އުޅުނު: އޭސީސީ

މާލޭގައި މިއަދު ހުޅުވި ޗާޓައިމް --- ސަން ފޮޓޯ/ މާހިލް މުހައްމަދު

ބްރިޖު ވިއުއިން ޕްލެޓްފޯމު ތަރައްގީ ކުރުމަށް ސްޓްރާޑާ އެކު ވެފައިވާ އެއްބަސްވުމަށް ކުރީގެ ހައުސިން މިނިސްޓްރީއިން ބަދަލުގެނެސްފައިވަނީ އެ ކުންފުންޏަށް ނާޖައިޒު މަންފާއެއް ހޯދައިދިނުމަށްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ބުނެފި އެވެ.

ސްޓްރާޑާ އިން ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ހިންގާ ނިއުޕޯޓު ވިއު ކެފޭ އެތަނުން ނެގުމާ ގުޅޭގޮތުން އޭސީސީ އިން މިއަދު ބުނީ ފުޑްކޯޓަކާއެކު ބްރިޖު ވިިއުއިން ޕްލެޓްފޯމު އެޅުމަށް ސްޓްރާޑާ އާ ހަވާލުކުރީ 2016 ސެޕްޓެމްބަރު 22 ގައި ކަމަށާއި އެއްބަސްވުމުގެ މުއްދަތަކީ ހަ މަސްދުވަހުގެ ގްރޭސްޕީރިއަޑަކާއެކު ތިން އަހަރަށް ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ބްރިޖު ވިއުއިން ޕްލެޓްފޯމު ހަދައި، ފުޑް އައުޓްލެޓެއް ތަރައްގީކޮށް ޕާކިން އޭރިޔާއެއް ތަރައްގީކުރަން އޮތް ކަމަށާއި ސަރުކާރުން އިޝްތިހާރު ކުރުމަށް ލެޑް ވޯލްތަކެއް ހަރުކުރުމަށް ޕްރޮޕޯޒް ކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ. އެ އެއްބަސްވުމުގެ ދަށުން ޗާ ޓައިމް އިމާރާތް ކުރުން ނުހިމެނޭ ކަމަށާއި ނަމަވެސް ސްޓްރާޑާގެ ފަރާތުން ހައުސިން މިނިސްޓްރީ އަށް ސިޓީ އެއް ފޮނުވައި، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރަން ދޫކޮށްފައިވާ ބިމުގެ އެންމެ އުތުރުފަރާތުގައިވާ ޕާކިން ޒޯނު ހުޅަނގަށް ޖައްސައި އެ ސަރަޙައްދަކީ ފިނިބުއިން ވިއްކާތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން ބުނީ އެ ބިން ތަރައްގީ ކުރުމަށް އިތުރު ހުށަހެޅުންތައްވެސް އެ ކުންފުނިން ޕްރޮޕޯޒްކޮށްފައިވާ ކަމަށާއި އެގޮތުން ބްރިޖް ވިއުއިން ޕްލެޓްފޯމުގެ ދެކުނުން އޮތް ބިމުގައި ޒަމާނީ ފުޓްބޯޅަ ޕިޗެއް ތަރައްގީކޮށް 240 ސައިކަލާއި 12 ކާރު ޕާކުކުރެވޭ ޕާކިންގ އޭރިޔާއެއް ތަރައްގީކުރުމާއި ރަނގަޅު ފެންވަރުގެ ސިނަމާއެއް ތަރައްގީކޮށް ހިންގުމާއި މަގުމަތީގައި ގަސް އިންދައިދިނުމާއި ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިޔާއެއް ތަރައްގީކުރުން ހިމެނޭ ކަމަށް އޭސީސީ އިން ބުންޏެވެ.

މިކަންތައްތައް ކުރުމުގެ ބަދަލެއްގެ ގޮތުން އެއްބަސްވުން އިތުރު ފަސް އަހަރަށް އިތުރު ކުރުމަށް ސްޓްރާޑާ އިން ހުށަހެޅި ކަމަށާއި މީގެއިތުރުން ސަރުކާރުން ބޭނުން ހިދުމަތެއް ދިނުމަށްޓަކައި ސީއެސްއާރުގެ ދަށުން ދެ މިލިއަން ރުފިޔާ ދިނުމަށްވެސް ހުށަހަޅާފައިވާކަމަށް އޭސީސީ އިން ބުންޏެވެ.

ޕްލެޓްފޯމް ތަރައްގީކުރުމުގެ މަސައްކަތަކީ ވަގުތީގޮތުން ކުރާ މަސައްކަތެއްކަން ލިޔުންތަކުން އެނގޭއިރު، އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގެ މައިގަނޑު މަގުސަދު ގެއްލިފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ އަދި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަށް ގެނެވޭ ފުރަތަމަ އިސްލާހުގައި 13 އޭޕްރީލް 2017 ގައި ސޮއިކުރިއިރު، އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ ބައެއް ކަންތައްތައް ފުރިހަމަކޮށްފައިނުވާކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗާ އިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް 18 މާރިޗް 2018ގައި ފޮނުވާފައިވާ ސިޓީގައި، މާލެއާއި ހުޅުލެއާއި ދެމެދު ޤާއިމުކުރެވޭ ބްރިޖް ގުޅާލެވޭ މަގުތައް ފުޅާކުރުމުގެގޮތުން ހިތިގަސްމަގު ފުޅާކުރުމަށްޓަކައި މަގަށް ނެގުމަށް ހަމަޖެހިފައިވާ ބައިގައި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިމުގައި ހިމެނޭ ފިނިބުއިން ވިއްކާ ތަން (ޗާޓައިމް) ހިމެނޭ ކަމަށާއި އެތަން އެހެން ސަރަޙައްދަކަށް ބަދަލުކުރަން ބޭނުންވާތީ އެކަން ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވާކަން އޭސީސީ އިން ފާހަގަކުރެއެވެ.

އެ ސިޓީގެ ޖަވާބުގައި 19 މާރިޗް 2018 ގައި ސްޓްރާޑާއިން ފޮނުވާފައިވާ ސިޓީގައި، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ލައުންޖާއި ސިނަމާ ތަރައްގީކުރުމުގެ ބަދަލުގައި އެތަން ތަރައްގީކުރުމަށް ދީފައިވާ ބިމުގައި ދެބުރިއާއި ޓެރަހެއް ހިމެނޭ ޢިމާރާތެއްކޮށް އިވެންޓް ކޮމްޕްލެސް ޢިމާރާތެއް ހަދައި ޢިމާރާތުގެ ގްރައުންޑް ފްލޯގައި ޕާކިންގއާއި ޗާޓައިމް ކެފޭ ހެދުމަށް ހުށަހެޅުމާ ގުޅިގެން، އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ހުއްދަދީ އެއްބަސްވުން އިސްލާހުކޮށްފައިވާ ކަމަށާއި 18 އޭޕްރީލް 2018 ގައި ސޮއިކުރިއިރު އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ ގިނަ ކަންތައްތައް ފުރިހަމަކޮށްފައިނުވާކަމަށް އޭސީސީ އިން ފާހަގަކޮށްފައިވެއެވެ.

އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ބިމުގެ ކުލީގެ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދައްކަމުން ނުދާ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރިއިރު ބިމުކުލި ދައްކާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހާ ހަމައަށް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން ބުނީ ޗާޓައިމް ފަދަ ފްރެންޗައިޒެއް ގެނެސް ހިންގަން އުޅުނީ ސްޓްރާޑާގެ އަމިއްލަ ރިސްކުގައި ކަމަށާއި އެ އިމާރާތް ނެގުމަށް އެންގުމުން އިމާރަތް ކުރުމުގެ ހަރަދު ދިނުމުގެ ބަދަލު ފިޔަވާ އިތުރު އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށް އޭސީސީ އިން ބުންޏެވެ. އަދި ޗާޓައިމް ހިންގި ޢިމާރާތް ނަގާފައިވަނީ އެކަމުގެ ބަދަލުގައި ސްޓްރާޑާއިން އިތުރު ހުށަހެޅުންތަކެއް ހުށަހަޅައި އެކަމަށް ދެ ފަރާތުން އެއްބަސްވެގެން ކަމަށާއި އަދި ބްރިޖް ވިއުއިން ޕްލެޓްފޯމު ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިނުވާއިރު އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި އޮތްކަން އޭސީސީ އިން ފާހަގަކުރެއެވެ.

އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާގޮތުގެމަތިން ދައްކަމުންނުދާތީ އެއްބަސްވުން ބާތިލްކުރުމުގެ އިހުތިޔާރު އޮތް ނަމަވެސް އެކަމާގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނާޅައި، ޗާޓައިމް ހިންގި ޢިމާރާތް ނަގަންޖެހުމާގުޅިގެން އެކަމުގެ ބަދަލުގައިކަމަށްބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަމަށް ބެލެވޭ ކަމަށާއި ޗާޓައިމް ހިންގި އިމާރާތް ނަގަން ޖެހުމުންކަމަށްބުނެ އެފަރާތަށް ދޭންނުޖެހޭ ފައިސާއެއް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީ އިން ބުންޏެވެ.

comment ކޮމެންޓް