އުރީދޫ ބަދިގެ: ޗިޕްސްމޯ ޗޮކްލެޓް ކްރީމް

އުރީދޫ ބަދިގޭގެ 13 ވަނަ އެޕިސޯޑް މިއަދު ގެނެސްދެވޭއިރު، މިއަދު ބައްދަލުކޮށްލާނީ އަނެއްކާވެސް އާ މެހެމާނެކެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް ހަ ރެސިޕީ ތައްޔާރުކޮށްދޭނީ އާމިނަތު ނަހުދާ މައުރޫފް (ނަހޫ) އެވެ.

މިއަދުގެ ރެސިޕީއަކީ ނަހޫގެ ރެސިޕީތަކުގެ ތެރެއިން އެންމެ ގިނަބަޔަކަށް ކަމުދިޔަ ޗިޕްސްމޯ ޗޮކްލެޓް ކްރީމްއެވެ. ވަގުތު ނެތިގެން އުޅޭއިރު، ރޯދަވީއްލާ ވަގުތަށް ވަރަށް ޚަރަދު ކުޑަކޮށް އަދި މަސައްކަތް ލުއިކޮށް ތައްޔާރުކޮށްލަން މިއީ ވަރަށް ރަނގަޅު ރެސިޕީއަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު ވިޕްޑް ކްރީމް
  • 1 ޖޯޑު ނެސްލޭ ކްރީމް
  • 1 ދަޅު ގެރިކިރު
  • 2 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑާ
  • ޗިޕްސްމޯ ޕެކެޓް (ޓްރޭގެ ސައިޒަށް އެކަށޭނަ)

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ވިޕްޑް ކްރީމް ގިރާލާށެވެ. ވީޑިއޯގައި ބޭނުންކޮށްފައިވަނީ ބޭނުންވާ އޮލަމިނަށް ތައްޔާރުކުރެވޮފައިވާ ވިޕްޑް ކްރީމެވެ. އޭގެތެރެއަށް ނެސްލޭ ކްރީމް އަޅާލުމަށްފަހު މިކްސް ކޮށްލާށެވެ. އެއަށްފަހު ކޮކޯ ޕައުޑާއާއި ގެރިކިރު މިކްސް ކޮށްލާށެވެ. އެތި އެތިގަނޑަށް ނުވަތަ "ލަމްޕްސް" ނުހުންނާނެ ވަރަށް މިކްސް ކޮށްލުމަށްފަހު ވިޕްޑް ކްރީމް ތެރެއަށް އަޅާލާއި މިކްސް ކޮށްލާށެވެ.

ދެން އޮންނާނީ އެސެމްބަލް ކުރުމެވެ. އެހެންކަމުން ޓްރޭއެއް ފަދަ އެއްޗެއްގައި އެންމެ ފުރަތަމަ މި މިކްސްޗާ ހާކާލާށެވެ. އަދި އޭގެ މައްޗަށް ޗިޕްސްމޯ ބިސްކޯދުތައް އަތުރާލާށެވެ. ބިސްކޯދުތައް އެއްކޮށް ބޭނުންކުރެވި ޓްރޭ ފުރެންދެން ރިޕީޓް ކޮށްލާށެވެ. އަދި ނިންމާލަމުން ބިސްކޯދު ވަރަށް ހިމުންކޮށްފައި އޭގެ މައްޗަށް އަޅާލާށެވެ.

ސާވްކުރުމުގެ ކުރިން 5-6 ގަޑިއިރު ވަންދެން ފްރިޖުގައި ފިނިކޮށްލާށެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު

comment ކޮމެންޓް