އިލެކްޝަން ކޮމިޝަނުން އިސްތިއުފާ ދެއްވުމަށްފަހު ސިޔާސީ މައިދާނަށް ނިކުންނެވުމުގެ ވިސްނުން ހުރި ނަމަވެސް ދެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ދެން ނުފެންނާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް އަށް ދިން އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ، އީސީގެ ދައުރު ހަމަ ވުމުގެ ކުރިން އިސްތިއުފާ ދެއްވުމުގެ ވިސްނުން އެނބަހުރި ކަމަށާއި އަދި އެއަށް ފަހު ސިޔާސީ މައިދާނުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އީސީން އިސްތިއުފާ ދެއްވާނީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ޔަގީންކަމާ އެކު ދަންނަވާލަން ބޭނުންވާ ކަމަކީ އަޅުގަނޑަށް ދެން މިހާރު ކަންތައްތައް ދިމާވެފައިހުރި ގޮތުންނާއި އެކީގައި ސިޔާސީ ކަންކަމުގަ ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އެއްވެސް ކަހަލަ ވިސްނުމެއް ނެތް ކަމެއް،" ރައީސް ޔާމީނާއެކު ޕީއޭ އިން ސިޔާސީ ހަޔާތް ފެއްޓެވި ޝަރީފް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި ޝަރީފް ވަނީ ރައީސް ޔާމީނާއި އޭނާ މީގެ ކުރިން އުޅުއްވި ޕީޕީއެމް އިން އޭނާއާ ދޭތެރޭގެ ކަން ކުރި ގޮތާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަތި ކަމެއް ދިމާވެއްޖެ ނަމަ އެ ފަރާތްތަކުގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރެވުނު ކަމަށާއި ނަމަވެސް ކަންވީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ހިއެއް ނުކުރަން ކަމެއް ދިމާވާއިރުގައި އަޅުގަނޑުގެ ހިމާޔަތުގައި ނުވަތަ އަޅުގަނޑުގެ އާއިލާގެ ހިމާޔަތުގައި ނުވަތަ މަގުމަތިން ކަމެއް ދިމާވެދާނެތީވެ އެމްޑީޕީގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ފަރާތުން މިކަހަލަ ކަމެއް ކުރައްވާނެ ކަމަށް އަޅުގަނޑަކަށް ތަސައްވަރު ކުރެވިފައެއް ވެސް ނެތް،" ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އޭނާ އަކީ އަބަދުވެސް ސިޔާސީ ކަންކަމަށް ލޯބު ކުރާ އެ ދާއިރާގައި އުޅެން ބޭނުންވާ މީހެއް ކަމަށެވެ. ނަމަވެސް އީސީއާ ގުޅުނު ހިސާބުން އެ މަސައްކަތް އެއްކޮށް ހުއްޓާލާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން 'އެހެން ދިމާލަކުން' ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން އަރިހު ނޫން ހިސާބެއްގައި ހަމަ ސިޔާސީ ކަމެއްގައި ފެނުމުގެ ޕޮސިބިލިޓީ އެބައޮތް ހަމަ މި ދައުރު ނިމުމުގެ ކުރިން. ސަބަބަކީ އަޅުގަނޑު އެކަން ކުރާ ހިއްވާ ކަމަކަށް ވާތީ،" ޝަރީފް ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމަކުން ވެސް ފެނުމުގެ ފުރުސަތު ކުޑަ ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ވިޔަފާރި ކުންފުންޏެއްގެ ނުވަތަ އަމިއްލަ މަސައްކަތެއްގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެ ހިސާބުން ސިޔާސީ މަސައްކަތްތައް ވެސް ފެނިގެން ދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.