ބަރު އައްސައި ލުތުފަރުގެ ހަށިގަނޑު ކަނޑު ފެއްތި، ފެނުނީ ކަށިތައް!

ލުތުފަރުގެ ބޮލުގެ ނާށިގަނޑު: އޭނާގެ ހަށިގަނޑުގެ ކަށިތައް ފެނިފައި ވަނީ އެކި ތަންތަނުން -- ފޮޓޯ: ފުލުހުން

ށ. ޅައިމަގުގައި ގެއްލިގެން ހޯދި އެ ރަށު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ، ލުތުފަރު މަރާލަައި ކަނޑުފެއްތި ގޮތް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ލުތުފަރު މަރާލި މައްސަލައިގައި ކުރިމަގު ބޯޓުގައި މަސައްކަތް ކުރި ހަތަރު ބިދޭސީއަކު ހައްޔަރު ކުރި އެވެ. އެ ބިދޭސީންގެ ނަންތަކަކީ އަލަމިން، ނޫރުލްއިސްލާމް، "ހަނީފް ބްރަދާ" އަދި އެމްޑީ އަހްތަރު ހުސެއިން އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ އެ ހަތަރު ބިދޭސީންގެ ތެރެއިން ލުތުފަރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ، ނޫރުލްއިސްލާމް، އަލަމިން، އަދި އެމްޑީ އަހްތަރު ހުސެއިން އެވެ. ހަނީފް ބްރަދާ އޭރު އޮތީ ނިދައިފަ އެވެ.

ލުތުފަރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން ބިދޭސީން ވަނީ ލުތުފަރުގެ މަރާލި ގޮތާއި އޭނާގެ ހަށިގަނޑު ކަނޑުފެއްތި ގޮތް ފުލުހުންނަށް ކިޔައިދީފަ އެވެ. އަދި އެމީހުން ވަނީ ކްރިމިނަލް ކޯޓުގައި އޮތް އެމީހުންގެ ބަންދު މުއްދަތުގެ އަޑުއެހުމުގައި ވެސް އެކަން ކުރިގޮތް ކިޔައިދީފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މީހުން ދެއްކި ވާހަކަތަކާއި ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަންތައްތައް މީޑިއާއަށް ހިއްސާކޮށްފަ އެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ފުލުހުން ހާމަ ކުރި ގޮތުގައި އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 އާއި 10:30 އާ ދެމެދު ކުރިމަގު ބޯޓުގެ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު ފަަދަ އާދައާ ހިލާފު އަޑުތަކެއް ބަނދަރު ސަރަހައްދުގައި ތިބި ރަށުގެ ރައްޔިތުންގެ ބަޔަކަށް އިވުނެވެ. ބެލެވޭ ގޮތުގައި އެ އަޑުތަކަކީ ލުތުފަރު މަރާލި އިރު އޭނާ ހަޅޭއްލެވި އަޑުތަކެވެ.

ބޯޓުގައި ލުތުފަރު މަރާލި ތަން އަދި މޫދަށް އެއްލާލި ދިމާ -- ފޮޓޯ: ފުލުހުން

އޭނާ މަރާލީ އެ ރޭ 9:30 އާއި 10:30 އާ ދެމެދު ބޯޓުގައި ތިބި ބިދޭސީންނާ މެދު އެއްޖިންސުން ގުޅުން ހިންގަން އުޅުމުން ކަމަށް ފުލުހުންނަށް ގަބޫލު ކުރެވެ އެވެ. އެއީ އެ ބިދޭސީން ދައްކާފައިވާ ވާހަކަތަކުންނެވެ. ލުތުފަރަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ މާޒީއެއް އޮތް މީހެއް ކަން އެހެން ފަރާތްތަކުގެ ބަޔާނުން ވެސް ފުލުހުންނަށް އެނގިފައިވެ އެވެ.

"ލުތުފަރު މަރާލާފައި ވަނީ އަލަމިން އާއި ނޫރުލްއިސްލާމް އާއި އެމްޑީ އަހްތަރު ހުސެއިން ބައިވެރިވެގެން ބޯޓުގެ ވާތް ފަރާތު ދިރުބާކޮޅާ ވީ ހިސާބުން ތައްޓުމަތީގައި ބާއްވައިގެން ނޭވާ ހާސްކޮށްލައިގެން ފާހަގަ ކުރެވޭ،" ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި އެވެ.

ލުތުފަރު މަރާލި އިރު ހަޅޭއްލެވި އަޑު އިވުނު މީހުން ގޮސް ބަނދަރު މަތީގައި ތިބެގެން ނޫރުލްއިސްލާމްއާ ސުވާލު ކުރި އެވެ. ޖަވާބުގައި، އެ އަޑުތަކަކީ އޭނާގެ އަންހެނުންނާ ފޯނުން ގުޅައި ވާހަކަ ދެއްކި އިރު އަޑުގަދަ ވެެގެން އިވުނު ވާހަކަތަކެއް ކަމަށް ނޫރުލްއިސްލާމް ބުނެފައިވެ އެވެ. ބޯޓުގެ ކެޕްޓަން އަލީ ޝަރީފް ފަހުން ސުވާލު ކުރުމުންވެސް އޭނާ ދިނީ އެ ޖަވާބެވެ.

އެވަގުތު ބޯޓުން ކޮންމެވެސް އެއްޗެއް މޫދަށް ވެއްޓުނު އަޑުވެސް ބަނދަރު ސަރަހައްދުގައި ތިބި މީހުންނަށް އިވިފައިވެ އެވެ. އެއީ ނޫރުލްއިސްލާމްއާ ސުވާލު ކުރި ބަޔަކު ބޯޓަށް އަރާފާނެ ކަމުގެ ބިރަށް ބޯޓުގެ ދިރުބާކޮޅާވީ ހިސާބުގައި އޮތް ލުތުފަރުގެ ހަށިގަނޑު މޫދަށް ވައްޓާލި އަޑެވެ.

ހަށިގަނޑު މޫދަށް ވައްޓާލީ ބޯޓުގެ ދިރުބާކޮޅުގައި ބޮނދައި، ފިލައިގެން ތިބި އަލަމިން އާއި އަހްތަރު ހުސެއިން އެވެ.

ސުވާލު ކުރި މީހުން ދިޔުމުން، ނޫރުލްއިސްލާމް ވަނީ މޫދަށް ފުންމާލައި، ލުތުފަރުގެ ހަށިގަނޑު ނަގައި، އަލަމިން އާއި އަހްތަރު ހުސެއިންގެ އެހީތެރިކަމާ އެކު ހަށިގަނޑު އަނެއްކާ ވެސް ބޯޓަށް އަރުވައިފަ އެވެ. އަދި ލުތުފަރު ލައިގެން ހުރި އަންނައުނު ބަދަލުކޮށް، އޭނާ އާންމުކޮށް ނިދާފައި އޮންނަ ތަނުގައި ހަށިގަނޑު ބާއްވައި، އޭނާ އޮތީ ނިދާފައި ކަމަށް ބެލެވޭ ގޮތަށް ހެދި އެވެ.

ލުތުފަރުގެ ހަށިގަނޑު ބޯޓަށް އެރުވި ދިމާ -- ފޮޓޯ: ފުލުހުން

"އެގޮތަށް ހަށިގަނޑު ތަންމަތީގައި ބާއްވާފައި އޮތީ، އިތުރު މީހަކު ބޯޓަށް އެރި ކަމުގައި ވިޔަސް، ލުތުފަރު ބޯޓުގައި ނިދާފައި އޮތްކަން ދެއްކުމުގެ މަގުސަދުގައިކަން ތަހުގީގަށް ގަބޫލު ކުރެވޭ،" ޝިފާއު ވިދާޅުވި އެވެ.

އެއަށް ފަހު އެ މީހުން ބޯޓުގެ ދިރުބާކޮޅުގައި ތިބެ ލުތުފަރުގެ ހަށިގަނޑާ މެދު ހަދާނެ ގޮތަކާ ބޭހޭ ގޮތުން ސައްލާ ކުރި އެވެ. ދެން ހަށިގަނޑު ކަނޑު ފައްތަން ނިންމައި އެ ރޭ 1:30 އެހާކަންހާއިރު އަނެއްކާ ވެސް ހަށިގަނޑު މޫދަށް ވައްޓާލި އެވެ. އަދި 20 ލީޓަރުގެ ތިން ހަމާއި، ގޯނިތަކާއި ވާތަކެއް ހިފައިގެން ލުތުފަރު މަރާލި ތިން ބިދޭސީން ވެސް މޫދަށް ފުންމާލި އެވެ.

އެއަށް ފަހު ލުތުފަރުގެ ހަށިގަނޑުގައި ހަން އައްސައި ފެންމަތިކޮށްގެން، ފަތާފައި ރަށުގެ ބަނދަރުގެ ބޭރު ތޮއްޓާ ހިސާބަށް ގެންދިޔަ އެވެ. އެ ތޮށިމަތިން ހަށިގަނޑު ގެންގޮސް ތޮށީގެ އަނެއް ފަޅިއަށް ހަށިގަނޑު ބޭލި އެވެ. އަދި ތޮށި މަތީގައި ތިބެގެން ގޯނިތަކަށް ގާ އަޅައި ބަރުކޮށް، ލުތުފަރުގެ ހަށިގަނޑުގައި އެއްސި އެވެ.

ގާ ބަސްތާތައް އެއްސީ ލުތުފަރުގެ ފައިގައި އާއި އުނަގަނޑުގަ އެވެ. އަދި އޭގެ އިތުރުން ބޮޑު ގަލެއް ވެސް އެއްސިއެވެ.

ލުރުފަރު ފައްތާލި ސަރަހައްުދު

އެ ތަކެއްޗާއެކު ހަންތަކުގެ އެހީގައި ކަނޑާ ތިމާލަށް ހަށިގަނޑު ގެންދަން މަސައްކަތް ކުރުމުން، ބަސްތާތަކުގެ ބަރުކަމުން އެކަން އެމީހުންނަށް ނުކުރެވުނެވެ. އެހެންކަމުން ބަސްތާތައް ކަނޑާލީ އެވެ. އަދި ފަޅު ނިމޭ ހިސާބުން ކަނޑާ ދިމާލަށް ގެންގޮސް، ހަންތައް ކަނޑާލައި ބާކީ ހުރި ބަރުތަކާ އެކު ހަށިގަނޑު އަޑިއަށް ދޫކޮށްލީ އެވެ.

އެރޭ އެކަން ކޮށްފައި އެ މީހުން ނިދީ އެވެ. ފަތިހު ބޯޓު މާލެއަށް ފުރަން އޮތުމުންނެވެ. އަނެއް ދުވަހު ލުތުފަރު ވީ ތަނެއް ނޭނގިގެން ހޯދަން ފެށުމުން އެމީހުން ބޯޓުގެ ކެޕްޓަން ގާތުގައި ބުނެފައި ވަނީ ލުތުފަރު ވީ ތަނެއް ނޭނގޭ ކަމަށެވެ. ލުތުފަރު ހޯދާ ނުފެނުމުން ބޯޓު މާލެއަށް ފުރީ އެވެ.

ލުތުފަރުގެ މައިބަދައާއި އަރިކަށިތައް: އޭނާގެ ކަށިތައް ފެނިފައި ވަނީ އެކި ތަންތަނުން -- ފޮޓޯ: ފުލުހުން

ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ އޭނާ ހޯދުމަށް ފުލުހުންގެ ޑައިވަރުން މަސައްކަތް ކުރުމުގެ ތެރޭގައި ކަނޑު އަޑިން އެވެ. އޭނާގެ ހަށިގަނޑުން ހަމައެކަނި ފެނުނީ، ހަށިގަނޑުގެ އެކި ބައިތަކުގެ ކަށިތަކެވެ.

މިއަދު ފުލުހުން ބުނީ ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.

comment ކޮމެންޓް