ޖަރުމަނާއި ފްރާންސް ލީގުން ޗެމްޕިއަންސް ލީގަށް ބަދަލު ގެނައުމާއި ދެކޮޅު ހަދައިފި

ޔޫއެފާ ޗެމްޕިއަން ލީގުގެ ޓްރޮފީ -- ފޮޓޯ/ޖޭމީ ސްމިތް

ޖަރުމަނާއި ފުޓުބޯޅަ ލީގު (ޑީއެފްއެލް) އާއި ފްރާންސް ފުޓުބޯޅަ ލީގު (އެލްއެފްޕީ) އިން ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގަށް ބަދަލު ގެނައުމަށް ހުށައެޅުމުން އެކަމާ ދެކޮޅު ހަދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ގަވާއިދަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރު އޮންނާނީ ޔޫރަޕިއަން ކުލަބް އެސޯސިއޭޝަން (އީސީއޭ) އަތުގަ އެވެ. އެއީ ޔޫރަޕުގެ ލީގުތަކުގެ މެމްބަރުންގެ މެދުގައި ހެދިފައި އޮންނަ ހާއްސަ އެސޯސިއޭޝަނެކެވެ. ދާދި ފަހުން އެ އެސޯސިއޭޝަނުން ވަނީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖަށް ޓީމުތައް އިތުރު ކުރުމަށް ޕްރޮޕޯސަލްއެއް ހަދައި ޔޫރަޕުގެ ލީގުތަކުގެ މެދުގައި ވޯޓަކަށް އަހާފަ އެވެ.

އެހެން ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގެ 20 ޓީމުގެ މެމްބަރުން ވަނީ މިދިޔަ އޭޕްރިލް މަހު، ޗެމްޕިއަންސް ލީގަށް އެއްވެސް ބަދަލެއް ގެންނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ޖަރުމަނު ލީގާއި ފްރާންސް ލީގުން ވެސް ވަނީ އެ މުބާރާތައް ބަދަލު ގެންނަން ބޭނުން ނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

"ޗެމްޕިއަންސް ލީގަށް ގެނައުމަށް ކޮށްފައިވާ ޕްރޮޕޯސަލްއަށް ތާއިދެއް ނުކުރަން. އެކަން އެގޮތައް ބަދަލުވެއްޖެ ނަމަ ގައުމު ތަކުގެ ލީގު ވާދަ ވެރިކަން ކުޑަވެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ،" ފްރާންސުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އީސީޕީގެ ޕްރޮޕޯސަލްއަށް ފްރާންސް ލީގުގެ މެމްބަރުންގެ މެދުގައި ވޯޓު ލުމަށް ހައްގު 35 ބޭފުޅުންގެ ތެރެއިން 32 ބޭފުޅަކު ވަނީ ތާއިދު ނުކުރަން ނިންމާފަ އެވެ. ބާކީ ތިބި ތިން ބޭފުޅުން ވޯޓު ލުމަށް ހާޒިރުވެފައެއް ނުވެއެވެ.

އީސީއޭއިން ވަނީ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނަށް ވެސް ބަދަލުތަކެއް ގެނައުމަށް ހުށައަޅާފަ އެވެ. ނަމަވެސް ފްރާންސްއާ އެކު އެކަމާ ދެކޮޅަށް ޖަރުމަނު ލީގުން ވެސް ވަނީ އެއްބައި ކިޔާފަ އެވެ.

"ޕްރޮޕޯސަލްއަށް ހުށައަޅާފައިވާ ކަންތައްތަކަކީ ބަލައި ގަނެވޭނެ ކަމެއް ނޫން. އެކަމުގެ ސަބަބުން ލީގު ފުޓުބޯޅައަށް ގެއްލުން ވާނެ. އޭރަށް ކުލަބު ތަކުން ބޮޑަށް އިސްކަންދޭނީ ގައުމީ ލީގަށް ވުރެން ބޮޑަށް ޗެމްޕިއަންސް ލީގަށް. އެހެން ކަންތައް ވާނަމަ ލީގުގެ ފޯރި ގެއްލިގެންދާނެ." ޖަރުމަނު ލީގުގެ ޗީފް އެކްސެކެޓިވް ކްރިސްޓިއަން ސީފާޓް ބުންޏެވެ. "ޗެމްޕިއަންސް ލީގަށް ގެންނަ ބަދަލުތައް ވާން ޖެހޭނީ ގައުމީ ލީގަށް ވެސް ގެއްލުން ނުވާނެ ބަދަލުތަކަކަށް."

comment ކޮމެންޓް