އެންމެ މޮޅު ކޯޗުގެ މަގާމު ޖެހި ޖެހިގެން ދެވަނަ ފަހަރަށް ގާޑިއޯލާ ހޯދައިފި

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމުގެ ކުޅުންތެރިންނާ ސަލާން ކޮށްލާ މަންޒަރު --- ފޮޓޯ/މެޓް ޑޯމަން

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވިދި ވިދިގެން ދެވަނަ ފަހަރަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހޯދައިފި އެވެ.

ތިން އަހަރުގެ ތެރޭ ދެވަނަ ފަހަރަށް އިނގިރޭސި ލީގު ސިޓީއިން ދިފާއު ކުރުމާ އެކު އެ ޓީމުގެ ކޯޗަށް ވަނީ އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފަ އެވެ. މިދިޔަ ސީޒަނާއި ޙިލާފަށް މި ސީޒަނުގައި ސިޓީއިން ތަށި ހޯދީ ވަރަށް ވެސް އުނދަގުލާ އެކު އެވެ. ސިޓީގެ ކޯޗު ގާޑިއޯލާއަށް މި ސީޒަނުގައި ދިމާވެފައި އޮތް ބޮޑެތި ޕްރެޝަރުތަކާ އެކު ވެސް ލީގު ކާމިޔާބު ކުރުމުން އޭނައަށް ނޫން އިތުރު މީހަކަށް އެ މަގާމު ވަކި ހައްގު މީހަކު ނެތް ކަމަށް ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ބުނެ އެވެ.

މި ސީޒަނުގެ ކުރީ ކޮޅު ސިޓީގެ ފަރާތުން ތަންކޮޅެއް އާދައިގެ ކުޅުމެއް ފެނިގެންދިޔަ އިރު އެ ޓީމުން ވަނީ ޕޮއިންޓް ތަކެއް ގެއްލުވާލާފަ އެވެ. ސީޒަނުގެ މެދަކާ ހަމައަށް އައި އިރު ސިޓީއިން އޮތީ އެއްވަނައިގައި އޮތް ލިވަޕޫލްއަށް ވުރެން ނުވަ ޕޮއިންޓް ފަހަތުގަ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގައި ލިވަޕޫލްއިން ކުއްލިއަކަށް ފޯމު ވެއްޓި ޕޮއިންޓް ތަކެއް ގެއްލުވާލުމުގެ ފައިދާ ނަގައި ސިޓީއިން ވަނީ އެއްވަނައަށް އަރާފަ އެވެ.

ސިޓީއިން މި ސީޒަނުގައި ވަނީ ޖުމުލަ 32 މެޗުން މޮޅުވެފަ އެވެ. އަދި ސީޒަން ނިންމާލީ 98 ޕޮއިންޓާ އެކު އެވެ. ސިޓީއިން ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނައަށް ދިޔަ ލިވަޕޫލް އިން ވެސް ވަނީ އެ ޓީމަށް ވަރުގަދަ ރައްދެއް ދީ މޮޅަށް ކުޅެފަ އެވެ. ލިވަޕޫލް އިން ލީގު ނިންމާލީ ސިޓީއަށް ވުރެން އެންމެ ޕޮއިންޓެއް ފަހަތުގައި އޮވެގެންނެވެ.

"ދެވަނަ ފަހަރަށް މި މަގާމު ލިބުމަކީ ވަރަށް ބޮޑު ފަޙުރެއް،" ގާޑިއޯލާ ދިން ޕްރެސްއެއްގައި ބުންޏެވެ.

"މި އިނާމަކީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ލިބުނު ޝަރަފެއް. މި އިނާމުގެ ހައްގުވެރިންނަކީ އެއީ."

comment ކޮމެންޓް