ޖާސޫސު ނުކުރާނެ ކަމަށް އެއްބަސްވާން ތައްޔާރަށް އޮތް ކަމަށް ވާވޭއިން ބުނެފި

ވާވޭއިން ވަނީ ޖާސޫސު ނުކުރާނެ ކަމުގެ އެއްބަސްވުން ހަދަން ތައްޔާރަށް އޮތް ކަމަށް ބުނެފަ -- ފޮޓޯ: ގެޓީ

ބެއިޖިން (މެއި 15): ވާވޭގެ ޓެކްނޮލޮޖީ ޖާސޫސު ކުރަން ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް، އެފަދަ އެއްބަސްވުމެއް ބޭރުގެ ސަރުކާރުތަކާ އެކު ހަދަން ތައްޔާރަށް އޮތް ކަމަށް ވާވޭގެ ޗެއާމަން ލިއަންގް ހުއާ ވިދާޅުވެއްޖެ އެވެ.

ވާވޭއިން އެފަދައިން ބުނީ ޗައިނާއިން އެހެން ގައުމުތަކުގައި ޖާސޫސު ކުރަން އެކުންފުނީގެ އުފެއްދުންތައް ބޭނުން ކޮށްފާނެ ކަމުގެ ތުހުމަތު ބައެއް ގައުމުތަކުން ކުރި ފަހުންނެވެ. ނަމަވެސް ވާވޭއިން ވަނީ އެކުންފުނީގެ އުފެއްދުންތަކުން ޖާސޫސު ކުރުމުގެ ނުރައްކަލެއް ނެތް ކަމަށް ބުނެފަ އެވެ.

"އިނގިރޭސިވިލާތުގެ ސަރުކާރާއި އެހެން ގައުމުތަކުގެ ސަރުކާރުތަކާ އެކުވެސް، ޖާސޫސު ނުކުރާނެ ކަމުގެ އެއްބަސްވުން ހަދަން ވާވޭއިން އޮތީ ތައްޔާރަށް،" ލިއަންގް ހުއާ ވިދާޅުވި އެވެ.

ވާވޭއިން އެއީ މިނިވަން ކުންފުންޏެއް ކަމަށް ބުނި ނަމަވެސް އޮސްޓްރޭލިއާ، ކެނެޑާ، އެމެރިކާ އަދި ނިއު ޒިލެންޑުން ވަނީ ވާވޭގެ 5ޖީ ނެޓްވޯކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެފަ އެވެ.

އަދި އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑުން ވަނީ ވާވޭގެ 5ޖީ ޓެކްނޮލޮޖީ ބަލައިގަތުމަށް ދެކޮޅު ހަދާފަ އެވެ. އަދި އެމެރިކާއިން ވަނީ އެގައުމުގެ ސަރުކާރުގެ އިދާރާތަކުން ވާވޭގެ އުފެއްދުންތައް ބޭނުން ކުރުން މަނާކޮށްފަ އެވެ.

ނަމަވެސް މިހާރު އިނގިރޭސިވިލާތުން ދަނީ ބައެއް ޝަރުތުތަކާ އެކު، އެގައުމުގައި ވާވޭގެ 5ޖީ ޓެކްނޮލޮޖީ ބޭނުން ކުރުމަށް ހުއްދަ ދިނުމަށް ވިސްނަމުން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

comment ކޮމެންޓް