ލަންކާގެ ހަމަނުޖެހުންތަކުގައި މުސްލިމަކު މަރުވެއްޖެ

ސްރީލަންކާގެ ކިނިޔަމާގައި މިސްކިތަކަށް ހަމަލާ ދީފައި -- ފޮޓޯ: ރޮއިޓާސް

ކޮލޮމްބޯ (މެއި 14): ސްރީލަންކާގައި މިސްކިތްތަކަށާއި މުސްލިމުންގެ ގެތަކަށާއި ފިހާރަތަކަށް ދެމުންދާ ހަމަލާތަކުގައި އެކަކު މަރުވެއްޖެއެވެ.

ލަންކާގައި މިދިޔަ މަހުގެ 21ގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން އެ ހަމަނުޖެހުންތައް ހުއްޓުވުމަށް ރޭ 21:00 ގައި މުޅި ގައުމުގައި ވަނީ ކާފިއު ހިންގާފައެވެ. އަދި މިއަދު ފަތިހު 04:00 ގައި އެ ގައުމުގެ ބޮޑު ބައެއްގައި ކާފިއު އުވާލި ނަމަވެސް، ނޯތުވެސްޓަން ޕްރޮވިންސުގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގާފައެވެ.

އެ ހަމަނުޖެހުންތައް އެންމެ ގިނައިން ހިނގާފައި ޗިލޯ، ޕުއްތަލަމް އަދި ކިނިޔާމަ ޓައުންގައެވެ.

އޭގެ ތެރެއިން މީހަކު މަރުވެފައި ވަނީ ޕުއްތަލަމްގައި ދިން ހަމަލާތަކުގައެވެ. ލަންކާގެ ކެބިނެޓް މިނިސްޓަރު އަދި މުސްލިމް ކޮންގްރެސްގެ ލީޑަރު ރައުފް ހަކީމް ވިދާޅުވި ގޮތުގައި އިއްޔެ މީހަކު މަރުވީ، ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން އޭނާއަށް ހަމަލާ ދިނުމުންނެވެ. އޭއެފްޕީގައިވާ ގޮތުން އެމީހާއަކީ ވަޑާން ކުރާ މީހެކެވެ.

ޕުއްތަލަމްގެ އިތުރުން، ކިނިޔާމަގައި ހިންގި ހަމަނުޖެހުންތަކުގައި މިސްކިތެއްގެ ކުޑަދޮރުތަކާއި ދޮރުތަކުގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފައެވެ. އެ މިސްކިތަށް ބަޔަކު ހަމަލާ ދިނީ، އެ ސަރަހައްދުގައި އޮންނަ ކޯރަކުން ހަތިޔާރު ފެނޭތޯ ބެލުމަށް ފުލުހުން އެ ސަރަހައްދު ބަލާ ފާސްކުރި ފަހުންނެވެ.

މީގެ އިތުރުން، އެ ގައުމުގެ ޗިލޯގައި ހަމަނުޖެހުންތައް ފެށުނީ ފޭސްބުކުގައި އުފެދުނު ދެބަސްވުމަކާ ގުޅިގެންނެވެ. އޭގެ ސަބަބުން މިސްކިތްތަކަށާއި މުސްލިމުންގެ ފިހާރަތަކަށް ގެއްލުންދީފައި ވެއެވެ. އަދި އެ ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް ފޭސްބުކުގައި ވާހަކަ ދެއްކި މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ސަބަބުން އެގައުމު އަދިވެސް އޮތީ ކުއްލި ހާލަތުގައެވެ. އަދި ފުލުހުން ވަނީ ހަމަނުޖެހުން ހިންގާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

މީގެ އިތުރުން އެގައުމުގައި ސައްހަ ނޫން ހަބަރު ފަތުރާ މީހުން ހޯދުމަށް ހާއްސަ ޔުނިޓެއް ހަދައި، ފޭސްބުކާއި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ ނެޓްވޯކްތައް ވަނީ ބްލޮކްކޮށްފައެވެ.

comment ކޮމެންޓް