އިތުބާރު ބޮޑުވެ ފިޗުން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި

ސިނަމާލެ ބުރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މާލީ ހާލަތު ރިވިއުކޮށް ރޭޓިން އެޖެންސީ މޫޑީސްގެ ފިޗް އިން ރާއްޖެއަށް ދީފައިވާ ރޭޓިން، "ބީ ޕްލަސް" ސޭވްރިން ކްރެޑިޓް ރޭޓިންގައި ދަމަހައްޓައިފި އެވެ.

މިއީ 2017 ވަނަ އަހަރު ރޭޓިން ކަނޑައެޅުމަށް ފަހު، އެ އެޖެންސީ އިން މި އަހަރު އެޕްރީލް މަހު އަނެއްކާ ވެސް ރާއްޖެ އައިސް، ރިވިއު ކުރުމަށް ފަހު ދީފައިވާ ރޭޓިން އެކެވެ.

ސޮވްރިން ކްރިޑިޓް ރޭޓިން އަކީ ދައުލަތެއްގައިވާ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތަށް ހާއްސަ މިނިވަން އިދާރާއެއް މެދުވެރިކޮށް ތައްޔާރުކުރާ އެސެސްމަންޓެކެވެ. ލޯން ދޭ އިދާރާތަކާއި އިންވެސްޓަރުން ވަރަށް ބޮޑަށް އެ ރޭޓިންއަށް ބަރޯސާވެ އެވެ.

ފިޗް އިން ބުނި ގޮތުގައި، "ބީ ޕްލަސް" ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ހަރަދުގެ ނިސްބަތުން ބަލާއިރު ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެކަށޭނަ ގޮތްތަކެއް ރާއްޖޭގައި ހުރި ކަމަށް ގަބޫލު ކުރެވޭތީ އެވެ. މީގެ އިތުރުން، ރޭޓިން ދެމެހެއްޓި އަނެއް ސަބަބަކީ، ޓޫރިޒަމާއި އެހެން ވެސް ސިނާއަތްތައް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ، ޖީޑީޕީ ވެސް މިއަހަރު އިތުރުވާނެ ކަމަށް ބެލެވޭތީ އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ، ފިޗްގެ ނިންމުމުން ސަރުކާރުގެ ސިޔާސަތުތަކަށް އެފަރާތަށް އޮތް އިތުބާރު ދައްކުވައިދޭ ކަމަށެވެ.

ފިޗް އިން ވަނީ، ދައުލަތުގެ ހަރަދުތައް ދެ ފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތް ފާހަގަ ކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް ފައިދާވާނެ ގޮތަށް ދާހިލީ ގުޅުންތައް ބަދަހި ކުރުމަށް ކުރާ މަސައްކަތަށް ވެސް ފިޗްއިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

comment ކޮމެންޓް